ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ވީހާވެސް ރާއްޖެއަށް ގެނެސް އޭނާއަށް ދޭންޖެހޭ ހައްގު އަދަބު ދިނުމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ގޮވާލައްވައިފިއެވެ.
ލުތުފީ ރާއްޖެ ނުގެނެވި ލަސްވާ މައްސަލާގައި، އިނދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ގައި އަސްލަމް ވިދާޅުވީ، ލުތުފީ ރާއްޖެ ގެނެސް ދޭންޖެހޭ ހައްގު އަދަބުދޭން ޖެހޭމީހެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި، އަދި ލުތުފީ މައްޗަށް ކޮށްފައިވާ ހުކުމްގެ މުއްދަތު ހަމަވުމުން ދެން ކަންތައް ކުރާނެގޮތް އިނގޭނީ ސަރުކާރަށް ކަމަށެވެ.
މީގެ އިތުރުން މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު ޝަރީފްވަނީ އަސްލަމްގެ ވާހަކައާއި ދެކޮޅަށް ވާހަކަދައްކާފައެވެ. އެގޮތުން ޝަރީފް ވިދާޅުވީ ނޮވެންބަރ 3 1982، ގެ އުދުވާނީ ހަމަލާގައި ބައިވެރިވި ހ. ހާޖަރާގެ އަބްދުﷲ ލުތުފީއަކީ އުމުރުން 70 އަހަރުވެފައިވާ މުސްކުޅިއެއް ކަމަށާއި، އޭނާއަށް މާފުދޭންޖެހޭ ކަމަށެވެ.
ޝަރީފް ވިދާޅުވީ ލުތުފީ ކުރެއްވީ ކުށެށްކަމަށް އެބޭފުޅާ ގަބޫލުކުރައްވާ ކަމަށާއި، އެހެން ނަމަވެސް ލުތުފީ އެކަމުގެ އަދަބު ލިބިވަޑައިގަންނަވާތާ އެތައް ދުވަސްވެފައިވާ ކަމަށެވެ. އަދި އޭގެ އެންމެ ރަނގަޅު ގޮތަކީ ލުތުފީ ޖަލުގައި ހުންނެވި މުއްދަތާއި ހުކުމް ކޮށްފައިވާގޮތަށް ބަލާފައި، އޭނާއަށް މާފުކުރުން ކަމަށެވެ.
"އަޅުގަނޑަކީ ޕްލޮޓު ޖަމާއަތާ ގުޅިފައި އޮތް މީހެއް ވެސް ނޫން. އަދި މިކަން ވަރަށް ބޮޑަށް ކުށްވެރި ކުރާ މީހެއް. އެކަމަކު ލުތުފީ މިހާރު އެހުރީ ބަލި މީހެއްގެ ގޮތުގައި. އެކަން ދަންނަން ޖެހޭ،" ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން ނޮވެންބަރ 3ގެ ހާދިސާގައި 19 ދިވެހިން މަރުވެގެން ދިޔުމަކީ ހިތާމަވެރިކަމެއް ކަމަށާއި، އެހެން ނަމަވެސް އޭގެއިން އެއްވެސް މީހެއް ގަޔަށް ލުތުފީ ބަޑިޖަހާފައިވާ ކަމެއް އިނގެން ނެތް ކަމަށާއި އަދި އޭނާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް