ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ އިނާޔަތް ބޮޑުކުރުމަށް ކުރީގެ ޑިފެންސް މިނިޓަރު އަދި މިހާރުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމުގެ އިތުރުން، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ނާޒިމް ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 5000ރ. އާއި 7000ރ. އާ ދެމެދުގެ އިނާޔަތެއް ދޭންޖެހޭނެއެވެ.
މީގެ އިތުރުން، އެމީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ވެފައިވާ ފަރާތެއް ނަމަ، 9000ރ. ގެ އިނާޔަތެއް ދޭން ވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުން ބެލެހެއްޓުމަށާއި، އެމީހުންނަށް އެކަށީގެންވާ އެހީތެރިކަން ލިބޭނީ މާލީގޮތުން ލިބޭ އިނާޔަތް ބޮޑުކޮށްގެން ކަމަށް ވެސް ނާޒިމް ހުށަހެޅުއްވި އިސްލާހުގައި ވެއެވެ. އަދި އިނާޔަތްތަކަކީ އެ މީހެއްގެ ހުރި ނުކުޅެދުންތެރި ކަމަކާއި، އެކަމެއްގެ ސަބަބުން އެ މީހެއްގެ ދިރިއުޅުމަށް އަސަރު ކުރާ މިންވަރުގެ މައްޗަށް ރިއާޔަތްކޮށް ދެވެން ޖެހޭނެ އެއްޗެއް ކަމަށްވެސް އެ ބިލުގައި ވެއެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސަރުކާރުން މިހާރު ދެނީ 2000ރ. އެވެ. މި އިނާޔަތް ސަރުކާރުން ދެމުން އަންނަނީ ރައީސް ނަޝީދުގެ ވެރިކަމުން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް