ނޮވެންބަރ 3 1982، ގެ އުދުވާނީ ހަމަލާގައި ބައިވެރިވި ހ. ހާޖަރާގެ އަބްދުﷲ ލުތުފީއަކީ އުމުރުން 70 އަހަރުވެފައިވާ މުސްކުޅިއެއް ކަމަށާއި، އޭނާއަށް މާފުދޭންޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވިދާޅުވެއްޖެއެވެ.
ލުތުފީ ގެނައުން ލަސްވާ ކަމަށްބުނެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެއްގައި ބަހުސްކުރަމުން ޝަރީފް ވިދާޅުވީ ލުތުފީ ކުރެއްވީ ކުށެށްކަމަށް އެބޭފުޅާ ގަބޫލުކުރައްވާ ކަމަށާއި، އެހެން ނަމަވެސް ލުތުފީ އެކަމުގެ އަދަބު ލިބިވަޑައިގަންނަވާތާ އެތައް ދުވަސްވެފައިވާ ކަމަށެވެ. އަދި އޭގެ އެންމެ ރަނގަޅު ގޮތަކީ ލުތުފީ ޖަލުގައި ހުންނެވި މުއްދަތާއި ހުކުމް ކޮށްފައިވާގޮތަށް ބަލާފައި، އޭނާއަށް މާފުކުރުން ކަމަށެވެ.
"އަޅުގަނޑަކީ ޕްލޮޓު ޖަމާއަތާ ގުޅިފައި އޮތް މީހެއް ވެސް ނޫން. އަދި މިކަން ވަރަށް ބޮޑަށް ކުށްވެރި ކުރާ މީހެއް. އެކަމަކު ލުތުފީ މިހާރު އެހުރީ ބަލި މީހެއްގެ ގޮތުގައި. އެކަން ދަންނަން ޖެހޭ،" ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން ނޮވެންބަރ 3ގެ ހާދިސާގައި 19 ދިވެހިން މަރުވެގެން ދިޔުމަކީ ހިތާމަވެރިކަމެއް ކަމަށާއި، އެހެން ނަމަވެސް އޭގެއިން އެއްވެސް މީހެއް ގަޔަށް ލުތުފީ ބަޑިޖަހާފައިވާ ކަމެއް އިނގެން ނެތް ކަމަށާއި އަދި އޭނާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް