މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ނެރޭ ކެންޑިޑޭޓަކީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ކަނޑައެޅުމުން އެކަމަށް މަރުހަބާ ކިޔައި ސަރުކާރުން އަނެއްކާވެސް އެ ޕާޓީއަށް މަޝްވަރާއަށް ގޮވާލައިފި އެވެ.
މިކަމަށް ސަރުކާރުން ގޮވާީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ސަރުކާރުން ކަނޑައަޅާފައިވާ އިސް މަންދޫބު ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ނެރުއްވި ބަޔާނެއްގައި އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބަށް ޝަރުތު ހަމަވާ ބޭފުޅަކު އެމްޑީޕީން ކަނޑައެޅުމަކީ ޑިމޮކްރެސީ ކުރިއެރުވުމަށާއި މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިހާބަކަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. ޝައިނީގެ ބަޔާނުގައި ވަނީ އިބޫއަށް ހޫނު މަރުހަބާއެއް ދަންނަވާފައި އެވެ.
ޝައިނީ ވިދާޅުވީ އަމާން އޮމާން އިންތިހާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ދިނުމުގެ ގޮތުން ގައުމީ ލަފާދޭ ކޮމިޓީގައި ބައިވެރިވުމަށް ގޮވާލައްވާ ކަމަށެވެ. އަދި ކާމިޔާބު އިންތިހާބެއް ބޭއްވުމަށާއި ސިޔާސީ ހަލަބޮލިކަމާއި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ހުއްޓިފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އަލުން ބައިވެރިވުމަށް ގޮވާލައްވާ ކަމަށް ޝައިނީގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
"ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައި، ކުރިއަށް ގެންދާނެ މަގެއް ހޯދުމަށްޓަކައި މަޝްވަރާ އަށް އައުމަށް އެދެން،" ޝައިނީ ވިދާޅުވި އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 23 ގައި އެވެ. މިހާތަނަށް އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާނު ކުރައްވާފައިވަނީ ސަރުކާރު ހިންގާ ޕީޕީއެމްއިން ރައީސް އަބްދުﷲ ޔާމީން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، އެމްޑީޕީން ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު އަދި އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް