ބޭންކް އޮފް މޯލްޑިވްސް އިން އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރގެ ނަމުގައި އާ ޚިދުމަތެއް މިއަދު ތައާރަފްކޮށްފިއެވެ.
ބޭންކުން މައުލޫމާތުދޭގޮތުގައި މި ޚިދުމަތް ތައާރަފްވުމާއެކު މިހާރު މޮބައިލް ފޯނު މެދުވެރިކޮށް ލުއި ފަސޭހަކަމާއެކު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެއެވެ.
ބީއެމްއެލް އިން ކަސްޓަމަރުންނަށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓެކްނޮލޮޖީ އަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ތައާރަފްކުރެވުނު އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ޚިދުމަތް ލިބޭނީ ބީއެމްއެލް މޮބައިލްޕޭ އެޕް މެދުވެރިކޮށެވެ. މި އެޕް މެދުވެރިކޮށް ދުވާލަކަށް 3،000 ޔޫއެސް ޑޮލަރާ ހަމަޔަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެއެވެ. ފަސޭހަކަމާއެކު ބީއެމްއެލް މޮބައިލްޕޭ އެޕް ޑައުންލޯޑްކޮށް، އެއަށްފަހު ރަޖިސްޓަރ ކޮށްގެން ރާއްޖެއިން ބޭރުގެ ކޭޝް އެޖެންޓަކަށް، ބޭންކް އެކައުންޓަކަށް ނުވަތަ މި ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭ ގައުމުތަކުގައި ބޭނުންކުރެވޭ ޑިގިޓަލް ވޮލެޓަކަށްވެސް ފައިސާ ފޮނުވޭނެއެވެ.
މި ޚިދުމަތް މިއަދު ފަށާފައިވާއިރު، ތައުލީމް ހާސިލްކުރުމަށާއި ބޭސްފަރުވާކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް ދިވެހިން ދަތުރުކުރާ ގިނަ ގައުމުތަކަށް ފައިސާ ފޮނުވޭނެއެވެ. ފައިސާ ފޮނުވުމުގެ ޚިދުމަތުގެ އަގު 5 ޔޫއެސް ޑޮލަރުން ފެށޭއިރު އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ޚިދުމަތުގެ އަގު ވެގެންދާނީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ އެންމެ ހެޔޮ އަގަށެވެ. އަދި އާންމުކޮށް ފައިސާ ފޮނުވާއިރު ޕްރޮސެސްކުރުމަށް ނަގާ ވަގުތަށްވުރެ އަވަހަށް މި ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ.
މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ " އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ޚިދުމަތާއެކު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ލުއިފަސޭހަވެގެންދާނެ. މިހާރު ގޭގައި ނުވަތަ ކޮންމެ ތާކު ހުންނަވައިގެންވެސް ދަރިފުޅުގެ ޔުނިވަރސިޓީ ފީ ދެއްކުމަށާއި ބޭރުގައި ބޭސްފަރުވާކުރުމަށް ދާ ޚަރަދުތަކަށް ފައިސާ ދެއްކޭނެ. ރާއްޖޭގައި މަސައްކަތްކުރައްވާ އެތައް ހާސް ބިދޭސީންނަށްވެސް މި ޚިދުމަތް މަގްބޫލް ޚިދުމަތަކަށް ވެގެންދާނެ. އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ޚިދުމަތާއެކު ރާއްޖެއިން ބޭރަށް ފަސޭހަކަމާއެކު، ބޭނުން ވަގުތަކު އަދި އަގު ހެޔޮކޮށް ފައިސާ ފޮނުވޭނެގޮތް މިވަނީ ހަމަޖެހިފައި."
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 35 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 95 އޭޓީއެމް، 5000 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް