ރައީސް ޔާމީން މާދަމާ ށ. އަތޮޅަށް ވަޑައިގެންނަވަނީ

ރައީސް އަބްދުﷲ ޔާމީން މާދަމާ ށ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފި އެވެ. މިދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނަވާގޮތަށް ހަމަޖެހިފައިވަނީ އެ އަތޮޅުގެ ...

01 Jul 2018 | 05:35

ރައީސް އަބްދުﷲ ޔާމީން މާދަމާ ށ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފި އެވެ.

މިދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނަވާގޮތަށް ހަމަޖެހިފައިވަނީ އެ އަތޮޅުގެ ވެރިކަން ކުރާރަށް ފުނަދޫއަށެވެ. ރައީސް އޮފީހުން ދުވަހަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ މި ދަތުރުފުޅުގައި އެ އަތޮޅުގެ ތިން ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ފުނަދޫއަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށު އެއާޕޯޓުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި އެ ރަށު ބަނދަރު ސަރަހައްދުގައި ހަދާފައިވާ އައުޓްޑޯ ޖިމް ރަސްމީކޮށް ހުޅުވައިދެއްވާނެ އެވެ.

ފުނަދޫ އެއާޕޯޓުގެ ރަންވޭ އެޅުމަށް ބޭނުންވާ ބިން ހިއްކާ ނިމި މިހާރު ކުރަމުންދަނީ ހިލަޖެހުމުގެ މަސައްކަތެވެ. ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ އޯގަސްޓް މަހުގެ ނިޔަލަށް އެއާޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ.

ފުނަދޫ އެއާޕޯޓުގެ މަސައްކަތް ކުރިޔަށް ދާއިރު އެ އެއާޕޯޓަށް ބޭނުންވާ ބައެއް މުވައްޒަފުން ހޯދަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ އިއުލާނުކޮށްފައި އެވެ.

ރައީސް ޔާމީންގެ ށ. އަތޮޅު ދަތުރުފުޅަކީ މިދިޔަ ފެބްރުއަރީ މަހު ފުރަތަމަ ކުރަން ހަމަޖެހިފައި އޮތް ދަތުރުފުޅެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފަހަރު ދަތުރުފުޅު ކެންސަލް ކުރެއްވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވުމާއި ގުޅިގެންނެވެ.

ރައީސް ޔާމީން މިދިޔަ ހަފްތާގައި ވަނީ މާލެ އަތޮޅުގެ ތިން ރަށަކަށް ވަޑައިގެންފަ އެވެ. އެއް ދުވަހުގެ އެ ދަތުރުފުޅުގައި ވަޑައިގެންފަވަނީ ތުލުސްދޫ، ގުރައިދޫ އަދި މާފުއްޓަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް