އިރުފާންގެ "ކަރްވާން" ގެ ޑައިރެކްޓަރު ގޮތް ހުސްވެފައި!

ބޮލީވުޑް އަދި ހޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތް ކުރަމުންދާ މަޝްހޫރު ބަތަލް އިރުފާން ހާންގެ ބަނޑަށް އާންމުކޮށް މީހުންނަށް ނުޖެހޭ ބާވަތެއްގެ ކެންސަރު ބަލި ޖެހިގެން ފަރުވާ ހޯދަމުން ދާތާ މިހާރު ހަތަރު ...

01 Jul 2018 | 03:50

ބޮލީވުޑް އަދި ހޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތް ކުރަމުންދާ މަޝްހޫރު ބަތަލް އިރުފާން ހާންގެ ބަނޑަށް އާންމުކޮށް މީހުންނަށް ނުޖެހޭ ބާވަތެއްގެ ކެންސަރު ބަލި ޖެހިގެން ފަރުވާ ހޯދަމުން ދާތާ މިހާރު ހަތަރު މަސް ވަރު ވެއްޖެ އެވެ.

ބަލި ޖެހިފައިވާކަން އެނގުނު އިރު އިރުފާން ކުޅެފައިވާ ތިން ފިލްމެއް ރިލީޒް ކުރަން ދިޔައީ ތައްޔާރުވަމުންނެވެ. އެއީ "ބްލެކްމެއިލް" "ކަރްވާން" އަދި ހޮލީވުޑް ފިލްމެއް ކަމަށްވާ "ޕަޒަލް" އެވެ. މީގެއް އެއްވެސް ފިލްމެއް ޕްރޮމޯޓް ކުރުމުގައި އިރުފާންއަށް ބައިވެރިއެއް ނުވެވެ އެވެ.

އޭގެ އަސަރު "ބްލެކް" މެއިލް އިން ފެނިގެންގޮސްފައިވެ އެވެ. އެ ފިލްމުގެ ޑައިރެކްޓަރު ގަބޫލުކުރި ގޮތުގައި ފިލްމަށް އެދެވޭވަރުގެ ކާމިޔާބެއް ނުލިބުނީ އިރުފާންއަށް ފިލްމު ޕްރޮމޯޓު ކުރުމުގައި ބައިވެރިނުވެވުމުންނެވެ.

ހަމަ އެ މައްސަލަ އޯގަސްޓުމަހުގެ ތިން ވަނަ ދުވަހު ރިލީޒް ކުރާ "ކަރްވާން"އަށް ވެސް ދިމާވާނެ އެވެ. އެ ފިލްމުގެ ޑައިރެކްޓަރު އާކާޝް ކުރާނާ މީޑިއާގައި ބުނެފައިވަނީ އެކަމާ ވަރަށް ބޮޑަށް ވިސްނާ ބައެއް ފަހަރު ގޮތް ހުސްވާ ކަމަށެވެ. އަދި ފިލްމު ޕްރޮމޯޓު ކުރުމުގައި އިރުފާންއަށް ބައިވެރިނުވެވުމަކީ ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

އެކަން ހައްލު ކުރުމަށް އޭނާ ވަނީ އަންނަ ހަފްތާގައި ފިލްމުގެ ޕްރޮޑަކްޝަން ޓީމާއި އެކު ބައްދަލުވުމެއް ބާއްވަން ނިންމާފައި އެވެ. އަދި އެ ބައްދަލުުމުގައި އިރުފާން ނުހިމަނައި "ކަރްވާން" ގެ ޕްރޮމޯޝަން ކުރިޔަށް ގެންދެވޭނެ ގޮތްތަކެއް ކަނޑައަޅާނެ ކަމަށް ބުނެފައިވެ އެވެ.

އިރުފާން އިންޑިއާގެ ނޫހަކަށް މައުލޫމާތުދެމުން ބުނެފައިވަނީ އެނބުރި އަލުން އިންޑިއާ އަށް ގޮސް ފިލްމީ މަސައްކަތް ފެށޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ. އެކަމަކު ފަރުވާއިން ބައްޔަށް ކޮންމެސް ވަރެއްގެ ލުއިތަކެއް ލިބެމުންދާ ކަމަށެވެ.

އިރުފާން ފަރުވާ ހޯދަމުން ދަނީ އިނގިރޭސިވިލާތުގެ ލަންޑަނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް