ރަނިންމޭޓަކަށް އައިޝާތަ އަލީ ހުސެއިންތަ !

ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ސިޔާސީ ފޯރި މި ވަނީ ގަދަވެފައި އެވެ. އިދިކޮޅު އެއްގަލަކަށް އަރައި ކޮމަން ކެނޑިޑޭޓެއް ނުދެއްކޭނެ ކަމަށް ސަރުކާރުންނާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތ...

01 Jul 2018 | 03:39

ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ސިޔާސީ ފޯރި މި ވަނީ ގަދަވެފައި އެވެ. އިދިކޮޅު އެއްގަލަކަށް އަރައި ކޮމަން ކެނޑިޑޭޓެއް ނުދެއްކޭނެ ކަމަށް ސަރުކާރުންނާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް އެ މަންޒަރުވެސް އެއޮތީ ދައްކާފަ އެވެ.

އިދިކޮޅު ކޯލީޝަނުން ނިންމީ ކެނޑިޑޭޓަކު އެމްޑީޕީން ނެރެ ރަނިންމޭޓަކު ޖުމްހޫރީ ޕާޓީން ނެރުމަށެވެ. މި ގޮތަށް އެ ކޯލީޝަނުގެ އެހެން ބައިވެރިންވެސް ރުހޭކަން ވަނީ ފާޅުކޮށްފައި އެވެ. އަދި އިއްޔެ ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ކެނޑިޑޭޓަކުވެސް އެވަނީ ދައްކާފަ އެވެ. އެމްޑީޕީން ދެއްކި ކެނޑިޑޭޓަކީ ހިންނަވަރު ދާއިރާގެ މަޖިލިސް މެމްބަރު އަދި އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ.

އެމްޑީޕީން ކެނޑިޑޭޓް ދައްކާފައިވާއިރު ދެން ކުރިއަށް މިއޮތީ ޖުމްހޫރީ ޕާޓީން ރަނިންމޭޓަކު ދެއްކުމެވެ. ސޯޝަލް މީޑިއާއަށް ނަޒަރު ހިންގާލާއިރު ބައެއް ބޭފުޅުންގެ ވާހަކަ މިހާރުވެސް އެބަ ދެކެވެ އެވެ.

އެއްބަޔަކު ބުނަނީ ރަނގަޅުވާނީ އެ ޕާޓީގެ ނައިބުރައީސް ޑރ. އަބްދުﷲ މައުސޫމް ކަމަށެވެ. އަނެއް ބަޔަކު ބުރަވަނީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންއަށެވެ. އަދި އަނެއް ބަޔަކު ބުނަނީ ރަނިންމޭޓަކަށް އެންމެ ރަނގަޅުވާނީ ގާސިމް އިބްރާހިމްގެ ހަގު އަނބި އައިޝަތު ނަހުލާ(އައީޝާ) ކަމަށެވެ. މީގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރު ފައިސަަލް ނަސީމްގެ ވާހަކަވެސް ދެކެވެ އެވެ.

އައިޝާގެ ވާހަކަ އެންމެ ގަދައަށް ދައްކަނީ ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް ދާދި ފަހުން އިންތިހާބުކޮށްފައިވާ އަލީ ވަހީދެވެ. އެމްޕީ އަލީ ހުސެއިން އަށް ތާއީދުކޮށް ބައެއް އެމްޕީންނާއި ޖުމްހޫރީ ޕާޓީގެ ބައެއް އާންމު މެމްބަރުން އަންނަނީ ސޯޝަލް މީޑިއާގައި ނުސީދާކޮށް މިހާރުއްސުރެ އެމްޕީ އަލީ ހުސެއިންއަށް ކެމްޕޭނު ކޮށްދެމުންނެވެ.

ކޮންމެއަކަސް ރަނިންމޭޓަކު ދެއްކުން ޖުމްހޫރީ ޕާޓީއަށް އޮތް އިރު އެ ޕާޓީން އިއްޔެ ބުނެފައިވަނީ ރަނިންމޭޓަކު ކަނޑައަޅާނީ ކައުންސިލް މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ. އެކަމަށް ކައުންސިލް ބައްދަލުވުން ބާއްވާނެ ވަކި ތާރީހެއް އަދި ހާމަކޮށްފައެއްވެސް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް