އެޑިންސަން ކަވާނީގެ ދެ ލަނޑާއެކު، 2-1 އިން ޕޯޗުގަލް ބަލިކޮށް އުރުގުއޭ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ލިއޮނަލް މެސީއަށް ފަހު މިރޭ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވެސް ގައުމަށް އެނބުރި ދާން ޖެހުނުއިރު، ޕޯޗުގަލްގެ މައްޗަށް ކުރި ހޯދި އުރުގުއޭ ކުއާޓާ ފައިނަލްގައި ބައްދަލު ކުރަން ޖެހޭނީ ފްރާންސްއާއެވެ. މިރޭ ފްރާންސުން ވަނީ 4-3 ން އާޖެންޓީނާ ބަލިކޮށްފައެވެ.
މިރޭގެ މެޗަށް ނުކުތްއިރު، ގްރޫޕް ސްޓޭޖްގައި ކުޅުނު އެއްވެސް މެޗަކުން ބައިކޮށް ލަނޑެއް ނުވަދެ އޮތް އުރުގުއޭގެ ވަރުގަދަ ޑިފެންސާ ދެކޮޅަށް ޕޯޗުގަލްއަށް ފުރަތަމަ ހާފުގައި ރަނގަޅު ހަމަލާތަކެއް އުފެއްދޭ ގޮތެއް ނުވިއެވެ.
ފުރަތަމަ ހާފުގައި އުރުގުއޭއަށް އެޑިންސަން ކަވާނީ ލަނޑު ޖަހައިދިނީ ސުއަރޭޒް ހުރަސްކޮށްލި ބޯޅައެއް ބޮލުން ޖަހައެވެ. މެޗުގެ 7 ވަނަ މިނިޓުގައި މި ލަނޑު ފެނިގެން ދިޔައިރު، ސުއަރޭޒް އާއި ކަވާނީގެ ޕާޓްނަރޝިޕް ވަރަށް ރަނގަޅުކަން ފާހަގަ ކުރެވުނެވެ.
ދެ ވަނަ ހާފު ފެށިގެން އުރުގުއޭއިން ޕޯޗުގަލްއަށް ބާރުބޮޑުކޮށްލި ނަމަވެސް އެ ޓީމުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ކޯނާރެއް އަވަސްކޮށް ކުޅެ ގުރެއިރޯ ނަގައިދިން ހުރަހަކުން މެޗުގެ 55 ވަނަ މިނިޓުގައި ޕޯޗުގަލްއަށް ލަނޑު ޖަހައިދިނީ އެ ޓީމުގެ ޑިފެންޑަރ ޕެޕޭ އެވެ.
ޕޯޗުގަލްއިން ނަތީޖާ ހަމަހަމަކުރިތާ މާކަ ގިނައިރުތަކެއް ނުވެ އަނެއްކާ ވެސް އުރުގުއޭ ލީޑު ނެގިއެވެ. އުރުގުއޭ އިން ކުރިއަށް ކުޅުނު ބޯޅައެއް ޕެޕޭއަށް ބޮލުން ސާފުކޮށް ނުލެވުމުން އެ ބޯޅަ ހޯދާ ބެންޓެންކާ ނަގައިދިން ހުރަކުން އަނެއްކާ ވެސް ލަނޑު ޖެހީ ކަވާނީއެވެ.
މެޗުގެ ބާކީ ބައިގައި ޕޯޗުގަލްއިން ވަރަށް ބޮޑަށް ކުރިއަށް ޖެހި، ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްލެވޭގޮތެއް ނުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް