ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލަ އާއި އޭނާ އާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވުމުން ނާޒިމް ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ސައީދަށް އެޑްރެސް ކުރައްވާ ސުޕްރީމް ކޯޓަށް އަދީބު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލަ އާއި ވަޒަން ތަކަކީ ނާޒިމް އާއި އެއްވެސް ގުޅުމެއް ނެތް އެއްޗެހި ކަމަށެވެ. އަދި އެ ތަކެތީގެ ހަގީގެތް ނާޒިމް އަކަށް ނޭނގޭނެ ކަމަށާއި ކަމުގެ ހަގީގަތް އެނގޭ މީހެއްގެ ހައިސިއްޔަތުން އެކަން ހާމަކޮށްދެއްވަން ބޭނުންވާ ކަމަށެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު މި ސިޓީ ފޮނުއްވާފައިވާކަން ހާމަވެފައިވަނީ އިއްޔެ އެވެ. އެކަމާ ގުޅިގެން އަދާލަތު ޕާޓީން ނެރެފައިވާ ބަޔާނެތްގައި ބުނެފައިވަނީ ނާޒިމްގެ މައްޗަށް ހުކުމްކޮށް ޝަރީއަތް ހިންގި އިރު ފުރިހަމަ ކުރަންޖެހޭ އިޖުރާތުތައް ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެކަންކަން ކުރުމަށް ފަހު ނާޒިމް ވަގުތުން ދޫކޮށްލުމަށް އަދާލަތުން ވަނީ ގޮވާލައިފަ އެވެ.
އެ ޕާޓީން ބުނީ އޭރުވެސް ނާޒިމްގެ ދިފާއުގައި ވާހަކަދެއްކީ އެއްވެސް ހައްގަކާއި ނުލާ މީހަކު ބަންދުކޮށް އަދަބުދޭން މަސައްކަތް ކުރުމުން ކަމަށެވެ. އަދި ނާޒިމް ބަންދުކޮށް ހިންގި ތަހުގީގާއި ޝަރީއަތަކީ ދުރާލާ ރޭވިގެން ހިންގާފައިވާ ބޮޑު ޖަރީމާއަކަށް ވާތީ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ސަރުކާރާ ދެކޮޅަށް މިހާތަނަށް ރާއްޖޭގައި ކުރި އެންމެ ބޮޑު އިހުތިޖާޖުގައި އަދާލަތު ޕާޓީ އިސްވެ އޮވެ، 1 މެއި 2015 ވަނަ ދުވަހު ކުރަން ޖެހުނު މުހިއްމު އެއް ސަބަބަކީ ވެސް މި މައްސަލާގައި އެއްވެސް ހަމައެއް އުސޫލެއް ނެތި އަނިޔާވެރިކަމާއެކު އަމަލުކުރަމުން ގެންދިއުން ކަމުގައި ފާހަގަކުރަމެވެ،" އަދާލަތުގެ ބަޔާނުގައި ބުންޏެވެ.
ޖެނުއަރީ 2015 ގައި ގ. އެނިފްގޭގައި ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓްގައި ހުރި އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި ނާޒިމްގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ.
އެ ހުކުމާ ގުޅިގެން ހައި ކޯޓުގެ މަރުހަލާ ނިމި ސުޕްރީމް ކޯޓުގައި އިސްތިއުނާފުގެ އަޑުއެހުން ކުރިއަށް ދަނިކޮށް، ޖޫން 21، 2016 ގައި ފުލުހުން ބުނެފައި ވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށެވެ. އެކަމަކު ނާޒިމް ފްރޭމް ކޮށްފައިވާ ކަމަށް ބުނަން އަވަސް ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް