ސީރިޔާގެ ދާހިލީ ހަނގުރާމައިގާ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ދިން ލާއިންސާނީ ހަމަލާގައި 90 މީހުން މަރުވެފައިވާއިރު އެ ހަމަލާގައި ކެމިކަލް ގޭހެއް ކަމުގައިވާ "ސަރިން" ގޭސް ބޭނުންކޮށްފައިވާކަމުގައި އޮގަނައިޒޭޝަން ފޮރ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިއު) އިން ބުނެފި އެވެ.
އދގެ އެ ޖަމިއްޔާއިން ބުނެފައިވަނީ ސީރިޔާގެ އިދްލީބްގެ ޝެއިޚޫން ޕްރޮވިންސަށް އޭޕްރިލް ހަތަރެއްގައި ދިން ލާއިންސާނީ ހަމަލާގައި ސެރިން ގޭސް ބޭނުންކުރިކަން ކަށަވަރު ކުރެވިފައިވާކަމަށެވެ. އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދީންނާއި އަންހެނުންނެވެ.
ކެމިކަލް ބޭނުންކޮށްފައިވާކަން ކަށަވަރު ކުރެވުނު ނަމަވެސް އޯޕީސީއިން އެކަމުގެ ތުހުމަތު އަދި ވަކި ބައެއްގެ ބޮލުގައި އަޅުވާފައެއް ނުވެ އެވެ. އޯޕީސީން ހާމަކޮށްފައިވާގޮތުގައި އެކަން ކުރި ބަޔަކު ދެނެގަތުމަށް އަދި ވަގުތު ނަގާނެ އެވެ.
މި ހަމަލާގެ ތުހުމަތު އިދިކޮޅު ހަނގުރާމަވެރިން އަޅުވަނީ ސީރިޔާގެ ރައީސް ބަސާރުލް އަސަދުގެ ބޮލުގަ އެވެ. އެހެންނަމަވެސް އެ ތުހުމަތުތަކުން ބަރީއަވާކަމަށް އަސަދު ވަނީ ވިދާޅުވެފަ އެވެ. އަސަދު މިހެން ވިދާޅުވެފައިވާއިރު ސީރިޔާގެ ދާހިލީ ހަނގުރާމައިގާ އަސަދަށް ވާގިވެރިވަމުން އަންނަ ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ދާދި ފަހުން ވިދާޅުވެފައިވަނީ އެ ހަމަލާއަކީ އަސަދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އެޅުވުމަށް އިދިކޮޅު ހަނގުރާމަވެރިން ހިންގި ޖަރީމާއެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް