ސޮނީ އެންޓަރޓެއިންމެންޓް ޓެލެވިޜަންއިން ދައްކަމުން އަންނަ މަޝްޙޫރު ކޮމެޑީ ޝޯއެއްކަމުގައިވާ "ކޮމެޑީ ނައިޓްސް ވިތް ކަޕިލް" ގައި ގުއްޓީގެ ރޯލް އަދާކުރި އެކްޓަރު ސުނިލް ގްރޯވަރ އެޝޯ ދޫކޮށް ދިޔުމުން އަބަދުވެސް ދެކެވެމުން އަންނަނީ ޝޯއަށް ކުރިން ލިބެމުން އައި ތަރުހީބު ގެއްލިގެން ދިޔަ ވާހަކަ އެވެ. އެހެން ނަމަވެސް މިފަހަރު އެހެން ވާހަކަ އެވެ.
ޝޯ ދައްކަމުން އަންނަ ޗެނަލް ކަމުގައިވާ ސޮނީ އިން އެ ޝޯ ބަލާމީހުންގެ އަދަދު ދަށްވުމާއި ގުޅިގެން ޝޯ ކެންސަލްކުރަން އުޅޭކަމުގެ ވާހަކަތައް ދެކެވެމުން އައި ދަނޑިވަޅެއްގައި އެކަން ދޮގުކޮށް ބާރްތީ ސިންޚުވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް އެޝޯއާއި އޭނާ ގުޅެން އުޅޭކަން ހާމަކޮށް ފޮޓޯއެއް އޭނާގެ ފޭނުންނާއި ޚިއްޞާކޮށްފަ އެވެ.
ސޮނީ ޗެނަލުން ވަރަށް އަވަހަށް ދައްކަން ފެށުމަށް ހަމަޖެހިފައިވާ ކުރުޝްނާ އަބީޝޭކްގެ "ކޮމެޑީ ކޮމްޕެނީ" ގައި މަސައްކަތް ނުކޮށް ކަޕިލް ޝަރުމާގެ ޝޯ ޚިޔާރުކުރުމުން ބާރްތީގެ ފޭނުންވެސް ތިބީ ހައިރާންވެފަ އެވެ.
ބާރްތީއަކީ މީގެ ކުރިންވެސް ކުރުޝްނާއާއެކު ކާމިޔާބު އެކިކަހަލަ ކޮމެޑީ ޝޯތައް ގެނެސްދީފައިވާ ތަރިއެކެވެ. އެގޮތުން ކަލާރސް ޓީވީން ދެއްކި މަޝްޙޫރު ޝޯ "ކޮމެޑީ ސަރްކަސް" ފާހަގަކޮށްލެވެ އެވެ.
ބާރްތީ އަދި ކަޕިލް އަކީ އިންޑިއާގެ ޓީވީ އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ކުޅަދާނަ ދެ ކޮމެޑިއަނުން ކަމަށްވާއިރު ބާރްތީގެ ސަބަބުން ކަޕިލްގެ ޝޯގެ ބަލާ މީހުންގެ އަދަދު އިތުރުވެގެންދާނެކަމަށް ގިނަބަޔަކު ލަފާކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް