އިންޑިއާއަށް ބޮޑު ދުވަހެއް، ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ނިންމައިފި

އިންޑިއާގައި މިހާރު ނަގަމުން އަންނަ ބައިވަރު އެކި ކަހަލަ ޓެކްސްތައް އުވާލާ އެ ހުރިހާ ޓެކްސެއްގެ ބަދަލުގަ ގުޑްސް އެން ސާރވިސް ޓެކްސް (ޖީއެސްޓީ) ނަގަން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ...

30 Jun 2017 | 22:46

އިންޑިއާގައި މިހާރު ނަގަމުން އަންނަ ބައިވަރު އެކި ކަހަލަ ޓެކްސްތައް އުވާލާ އެ ހުރިހާ ޓެކްސެއްގެ ބަދަލުގަ ގުޑްސް އެން ސާރވިސް ޓެކްސް (ޖީއެސްޓީ) ނަގަން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.

ރޭ ދަންވަރު އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމި އެ ނިންމުމަކީ އިންޑިއާ މިނިވަންވިތާ 70 އަހަރުފަހުން އެ ޤައުމުގެ ޤާނޫނަކަށް ގެނައި އެންމެ ބޮޑު އެއް ބަދަލެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަރު މޯދީ ވިދާޅުވީ ޖީއެސްޓީ ތަޢާރަފްވުމުން އެ ޤައުމުގައި ކުރާ ވިޔާފާރީގެ މުއާމަލާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބި، އަދި ވިޔަފާރީތަކަކީ ދެފުއް ފެންނަ، ކޮރަޕްޝަނުން ބަރީއަވެފައިވާ މުޢާމަލާތްތަކަކަށް ވެގެންދާނެކަމަށެވެ.

ޖީއެސްޓީ ތަޢާރަފްވުމާއެކު އިންޑިއާގެ ޓެކްސް ރެވެނިއު އިތުރުވެ، އިޤްތިޞާދު ކުރިއަރައިގެން ދާނެކަމަށް ކަމާބެހޭ މާހިރުންދެކިލައްވަ އެވެ.

އިންޑިއާގެ ފިނޭންސް މިނިސްޓަރ އަރުން ޖައިޓެލީ ވިދާޅުވީ އެ ބަދަލާއެކު އިންޑިއާގެ އިޤްތިޞާދު ދެ އިންސައްތަ ކުރިއަރައިގެންދާނެ ކަމަށެވެ.

އެހެން ނަމަވެސް އިންޑިއާގައި ކުދި ވިޔާފާރީތައް ކުރާ މީހުންވަނީ ކުއްލިއަކަށް ގެނައި އެ ބަދަލާއިމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޖީއެސްޓީ ރެޖިސްޓްރީ ވުމަށް ހުރި ދަތިކާއިމެދު އެ ފަރާތްތަކުންވަނީ ކަންބޮޑުވެފަ އެވެ.

އަލަށް ތަޢާރަފްކުރި އެ ޓެކްސް ސިސްޓަމްގެ ދަށުން އިންޑިއާގެ މައިގަނޑު ހަތަރު ރޭޓަކުން ޓެކްސް ނަގާނެ އެވެ. އެއީ 5%، 12%، 18%، އަދި 28% އެވެ.

ތަރުކާރީއާއި، ކިރާއި އަދި ޢާންމު ކާނާގެ ބައެއް ބާއްވަތްތަކުން ޖީއެސްޓީއެއް ނުނަގާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް