ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ޢާންމުކޮށް ހުޅުވާލައިގެން ޒުވާނުންނާއި އޭގެ މަތީ ޢުމުރުފުރާތަކުގެ މީހުންނަށް ޓެލެވިޒަން މޯލްޑިވްސްއިން ބޭއްވި ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ މި އަހަރުގެ ޕްރޮގްރާމްގައި އެންމެ އަލިގަދަ ތަރިއަކަށް ފ. ނިލަންދޫ ގްރީންހެވަން އަލްޤާރީ މުޙައްމަދު އިސްމާއީލް ހޮވިއްޖެއެވެ.
މިއީ ޓީވީއެމްއިން މިމުބާރާތް ބާއްވާ ފަސްވަނަ އަހަރެވެ.ޓީވީއެމުން މި މުބާރާތް ބާއްވަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށެވެ. މި މުބާރާތަކީ ޢާންމުންގެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މުބާރާތެކެވެ.
އެންމެ އަލިގަދަ ތަރީގެ މަގާމު އަލްޤާރީ މުޙައްމަދު އިސްމާއީލް އަށް ލިބިފައިވާއިރު މުބާރާތުގެ ދެވަނަ ލިބިފައިވަނީ ކ. މާލެ، ގ. ޖޫލިއަޓްގެ ފާތިމަތު މަލްދާ މުޙައްމަދައަށެވެ. ތިން ވަނަ ހޮވިފައިވަނީ، ރ. ހުޅުދުއްފާރު، ނަސީމީގޭ ނަސްރަތު އިސްމާއީލަށެވެ.
އެންމެ އަލިގަދަ ތަރީގެ ގްރޭންޑް ފިނާލޭ ރޭ ބާއްވާފައިވާއިރުއެންމެ އަލިގަދަ ތަރީގެ ޝަރްފު ހޯދި ފ. ނިލަންދޫ ގްރީންހެވަން އަލްޤާރީ މުޙައްމަދު އިސްމާއީލްއަށް އަލިގަދަ ތަރީގެ ޓްރޮފީއާއި ފަސްލައްކަ ރުފިޔާގެ ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ގްރޭންޑް ފިނާލޭގެ ޝަރަފްވެރިމެހެމާން ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްއެވެ.
ޕީއެސްއެމުން ހާމަކުރާގޮތުގައި މުޙައްމަދު އިސްމާއީލް، އަލިގަދަ ތަރި ކާމިޔާބުކޮށްފައިވަނީ ފައިނަލް ޝޯގައި ޤުރުއާން ހިތުން ކިޔެވުމުގެ ބަޔާއި، ކީރިތި ޤްރުޢާން ތަރުތީލުކޮށް ކިޔެވުމުގެ އިތުރުން، ތަޖުވީދުގެ ސުވާލުގެ ބައިން އެންމެ މަތީ މާކްސް ހޯދައިގެންނެވެ.
އެންމެ އަލިގަދަ ތަރީގެ އެއްވަނައަށް ޕީ.އެސް އެމުން ފަސްލައްކަ ރުފިޔާފެ ފައިސާގެ އިނާމް ހުށައަޅާފައިވާއިރު، ރައީސުލް ޖުމްހޫރިއްޔާގެ ދެނަކަނަބަލުން ދެއްވާ އިނާމާއި، އިސްލާމީ ޔުނިވަރސިޓީން ބޭނުންދާއިރާއަކުން މާސްޓާސް ހެދުމުގެ ފުރުސަތާއި، އެއްވަނައަށް މޯލްޑިވްސް ހައްޖުކޯޕަރޭޝަނުން ހުށައަޅާފައިވާ އުމްރާ ދަތުރާއި، މޯލްޑިވިއަންގެ ފަރާތުން ޗެންނާއި ދެކޮޅު ޓިކެޓާއި، އަމިއްލަ ފަރާތްތަކުން ހުށައަޅާފައިވާ އެކި އެކި އިނާމްތައް ހިމެނެއެވެ.
ޕީއެސްއެމުން ހާމަކުރާގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ސްޕޮންސަރކޮށްގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ އެހީތެރިކަމާއެކު ޕީ.އެސް.އެމުން ބޭއްވި މިއަހަރުގެ މުބާރާތުން އެކި ވަނަ ތަކަސް ހޮވުނު ބައިވެރިންނަށް ހައްޖުދަތުރާއި، ސްކޮލަޝިޕްތަކުގެ އިތުރުން އަގުހުރި އެތައް އިނާމްތަކެއް ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް