ސުޕްރީމް ކޯޓުގައި ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތެއް ބާއްވައިފި

ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތެއް ކުރިޔަށް ގެންގޮސްފި އެވެ. މި ޝަރީއަތް ކުރިޔަށް ގެންގޮސްފައިވަނީ ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ދުރުން ކުރިއަށްގެންދަން އެކުލ...

01 Jun 2020 | 12:47

ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތެއް ކުރިޔަށް ގެންގޮސްފި އެވެ.

މި ޝަރީއަތް ކުރިޔަށް ގެންގޮސްފައިވަނީ ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ދުރުން ކުރިއަށްގެންދަން އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން ނެވެ. މި ގަވައިދުގެ ދަށުން ޔޫޓިއުބާއި، ޓުވީޓާ މެދުވެރިކޮށް ޝަރީއަތްތައް ވަގުތުން ދުރަށް ދައްކަން ޖެހެ އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ޝަރީއަތް ބާއްވާފައިވަނީ މެންދުރު1:00 ގައި އެވެ. މިއަދު ކުރިޔަށް ގެންގޮސްފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް ދައުވާކޮށް ބ. ތުޅާދޫ ގުލްބަހާރުގެ އަދުނާން ހުސައިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެވެ.

އޭނާ އާއި ދެކޮޅަށް 2012 ވަނަ އަހަރު ނޮވެމްބަރު އެއް ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ބާލިޣުނުވާ އުފަން ދަރިއަކާ މެދު ބަދުއަހުލާގީ އަމަލު ހިންގުމުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައި އެވެ. މިހާރު ސުޕްރީމް ކޯޓަށް އޭނާ ހުށަހަޅާފައިވަނީ މި މައްސަލައިގަ ޕީޖީއާއި ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވާ ޝަރީއަތްތައް ލައިވް ކުރަން ޖެހޭ ގޮތަށް ގަވައިދުގައި އޮތް ނަމަވެސް މި ޝަރީއަތުގެ ބާވަތުން ލައިވް ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް