ކޯވިޑް-19 އާއި ގުޅިގެން ފުރިހަމަ ލޮކްޑައުންއެއްގައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ލޮކްޑައުނަށް ލުއި ދިނީ ޝަރުތުތަކަކާއި އެކު ވަކި ގަވައިދުތަކަކަށް އުޅޭގޮތަށެވެ.
ލޮކްޑައުންގެ މުއްދަތުގައި އާންމުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެކު ވައިރަސް އޮތީ މާލެ ތެރެއިން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިއެވެ. ލޮކްޑައުން ކުރިތާ ހަތަރު ހަފްތާ ފަހުން ކޮންމެ ދުވަހަކުވެސް ފެންނަމުން ދިޔައީ ގާތްގަނޑަކަށް30-50 އާއި ދެމެދުގެ އަދަދަކަށް ކޭސްއެވެ. މާލޭގެ އާބާދީއަށް ބަލާއިރު އެއީ ކޮންޓްރޯލް އަދަދެއްކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.
ލޮކްޑައުންއަށް ލުއި ދިނީ އިޖްތިމާއީ ގައިދުރު ކަމާއި އެކު މާސްކު އަޅައިގެން މަގުމަތީގައި އުޅޭގޮތަށެވެ. ކޮންމެހެން ދާން ޖެހޭ ތަނަކަށް ދާން ނޫންގޮތަށް ފުލުހުން މެދުވެރިކޮށް ހުއްދަ ނުހޯދުމަށް އެދި އެވެ. އުމުރުން ދުވަސްވީ މީހުންނަށް ހެނދުނު ބޭރަށް ނުކުމެ ހިނގާލާނެ ފުރުސަތެއް ފަހިކޮށްދިނުމަށެވެ. އިގްތިސާދީ ހަރަކާތްތައް ފަށައިގަތުމަށް ވިޔަފާރިތައް ފެށުމަށް ފުރުސަތު ދޭންށެވެ.
އެކަމަކު އެޗްޕީއޭއިން އުންމީދު ކުރި މަންޒަރު ލޮކްޑައުނަށް ލުއި ދިންތާ ދެ ދުވަސްތެރޭ ގެއްލެން ފަށާފައިވާ ކަމަށް އެންއިއޯސީން ރޭ ވަނީ ބުނެފައި އެވެ.
އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ ގޭގައި ބަންދުވެގެން ތިބޭތާ އެތައް ދުވަހެއް ވެފައިވާތީ އުމުރުން ދުވަސްވީ މީހުންނަށް ހެނދުނު ހިނގާލަން ދާން ދިން ފުރުސަތަކީ އެހެން މީހުންނާއި އެކު ދާން ދިން ފުރުސަތެއް ނޫންކަމަށެވެ. އެ ވަގުތުގައި އެހީތެރިންގެ ގޮތުގައި އެހެން އުމުރުފުރާތަކުގެ މީހުންނަށް މަގުމައްޗަށް ނުނުކުމެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެގަޑީގައި ކުޑަކުދިންވެސް އުމުރުން ދުވަސްވީ މީހުންނާއި އެކު ބޭރަށް ނުކުމެ އުޅޭކަމަށެވެ. ކުޑަކުދިން ބޭރަށް ނުކުތުމަކީ ލޮކްޑައުނަށް ފުރަތަމަ ދެ ހަފްތާ ތެރޭގައި ދީފައި ލުއިތަކުގެ ތެރެއިން ނުހިމެނޭ މަނާ ކަމެކެވެ.
އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މާލެ ތެރޭގައި ގިނަ ބަޔަކު އެއްވެ އުޅޭތަންތަނުގައި މާސްކު ނާޅާ އުޅޭމީހުން ދެ ވަނަ ދުވަހު އިތުރުވެފައިވާ ކަމަށެވެ. އަދި އިޖްތިމާއީ ގައިދުރުކަން މިހާރު އެއްވެސް ތަނެއްގައި ނެތްކަމަށާއި ފިހާރަތަކުގައިވެސް މީހުން ތޮއްޖެހިގެން ހިދުމަތް ހޯދާ ކަމަށެވެ.
މީގެ އިތުރުން މަބުރޫކްވެސް ވަނީ ކުޑަކުދިން ގޮވައިގެން އެކި ބޭނުންތަކުގައި ބޭރަށް މީހުން ނުކުމެ އުޅޭކަން ފާހަގަ ކޮށް، އެކަން ކުށްވެރިކުރައްވާފައި އެވެ. މަންޒަރުތަކަށް ބަލާއިރު މިގޮތަށް ދާނަމަ ލޮކްޑައުންއަށް އަނބުރާ ދާން ޖެހުމަކީ ދުރުގައި އޮތް ކަމަށް ނުވާނެ ކަމަށް ވިދާޅުވި އެވެ.
ދުނިޔޭގެ ބޮޑެތި ގައުމުތަކުން މިސާލު ދައްކަވަމުން މަބްރޫކް ވިދާޅުވީ ރާއްޖެއިން މީގެ ކުރިން ލަފާ ކުރިވަރާ ގާތަށްވެސް ބަލި ފެތުރުގެން ނުދިޔައީ ޗައިނާއިން ފުރަތަމަ ބަލި ފެނުމާއި އެކު އަޅަންފެށި ފިޔަވަޅުތަކުން ކަމަށެވެ. އެކަމަކު ޔޫރަޕްގެ ބޮޑެތި ގައުމުތަކުގައި ބަލި ފެނުމާއި އެކު ގެންގުޅުނު ފަރުވާކުޑަކުރުމާއި ދުރާލާ ފިޔަވަޅު ނޭޅުމުގެ ނަތީޖާއަކަށްވީ ވަސީލަތްތަކާއި ސިއްހީ ނިޒާމަށް ނުކަތާވަރަށް މީހުން ބަލިވާން ފެށުމެވެ.
އެހެންވެ ކަމުގެ ސީރިއަސް ކަމާއި މެދު ވިސްނައިގެން އާންމުން ގަވައިދުތަކާއި އެއްގޮތަށް އަމަލު ކުރުމަށް އެދިވަޑައިގެންނެވި އެވެ.
ކޯވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) އިން ބުނެފައިވަނީ ލޮކްޑައުނަށް ދޭ ލުއިތަކާއި އެކު ފެންނަ މަންޒަރަށާއި ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށައިފި ނަމަ އަނބުރާ މާލެ ލޮކްޑައުން ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް