ޒިމްބާބްވޭއިން ރާއްޖޭގެ ނަން ކޮންމެ ދުވަހަކު ކިލަނބު ކުރަމުން އަންނައިރު ރާއްޖެ ހިމޭނުން

ޒިމްބާބްވޭގެ މިހާރު އޮތް ސަރުކާރާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ރާވާ ގައުމުގެ ހަމަޖެހުން ނަގާލަން ރާވަމުން އަންނަ ކަމުގެ ތުހުމަތުގައި މީގެ ގާތްގަނޑަށް ދެ ހަފްތާ ކުރިން ހަތް މީހަކު ހައްޔަރު ކުރިއެވެ. އެމީ...

01 Jun 2019 | 08:16

ޒިމްބާބްވޭގެ މިހާރު އޮތް ސަރުކާރާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ރާވާ ގައުމުގެ ހަމަޖެހުން ނަގާލަން ރާވަމުން އަންނަ ކަމުގެ ތުހުމަތުގައި މީގެ ގާތްގަނޑަށް ދެ ހަފްތާ ކުރިން ހަތް މީހަކު ހައްޔަރު ކުރިއެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ހިންގައި ގައުމުގައި ހަމަޖެހުން ނަގާލާނެ ގޮތުގެ ތަމްރީނު ރާއްޖެއާއި ޗެކް ރިޕަބްލިކުން ހޯދާ، ޒިމްބާބްވޭގެ ސަރުކާރާ ދެކޮލަށް ރޭވުންތަކެއް ރާވާތީ ކަމަށް ޒިމްބާބްވޭގެ ސަރުކާރުން ބުނެއެވެ. އަދި ހަމަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މިކަމުގެ ހަބަރުތައް ބޭރުގެ ނޫސްތަކުގައި ލިޔަމުން އަންނައިރު އެ ނޫސްތަކުގައި ލިޔަމުން އަންނަނީ އެމީހުން ރާއްޖެއިން އެފަދަ ތަމްރީނުތަކެއް ހޯދި ކަމަށެވެ.

ހައްޔަރު ކޮށްފައިވަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ތަކެއް ކަމަށްވެސް ބައެއް މީޑިއާތަކުގައި ބުނެފައިވެއެވެ. އަދި އެމީހުން ދޫކޮށްލުމަށް އެމްނެސްޓީ އިންޓަނޭޝަނަލާއި އެފަދަ ބޯޑެތި ޖަމާއަތްތަކުންވެސް ގޮވާލާފައިވެއެވެ.

ރާއްޖެއިން އެމީހުން ހޯދި ތަމްރީނު ތަކުގެ ތެރޭގައި ހަމަނުޖެހުން ހިންގާނެ ގޮތުގެ ތަމްރީނާއި، ކުދި ހަމަލާތައް ދޭނެ ގޮތުގެ ތަމްރީނާއި، ބަގާވާތެއް ހިންގާ ރާވާނެ ގޮތުގެ ތަމްރީނު ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

މި މަހުގެ 15 އިން ފެށިގެން ހަމަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މި ހަބަރު ޒިމްބާބްވޭގެ ނޫސްތަކުގެ އިތުރުން ދުނިޔޭގެ ބައެއް ބޮޑެތި މީޑިއާތަކުގައިވެސް އަންނަނީ ކަވަރު ކުރަމުންނެވެ.

ނަމަވެސް ރާއްޖޭގައި މިފަދަ ތަމްރީނުތައް ދޭ މަރުކަޒުތައް ހުންނަ ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް މި ހަބަރުތައް ބޭރުގެ މީޑިއާތަކުގައި ކޮންމެ ދުވަހަކުވެސް ލިޔެ ޝާއިޢު ކުރަމުން އަންނައިރު ކިލަނބުވަމުން އެދަނީ ރާއްޖޭގެ ނަމެވެ. ނަމަވެސް ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން މިކަމާ ކަންބޮޑުވާތަން އަދި ފެނިފައެއް ނުވެއެވެ.

ދިވެހި ބައެއް މީޑިއާތަކުގައިވެސް މި ހަބަރުތައް ވަނީ މީގެ ކުރިން ލިޔެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް