ކާށިދޫ ހުޅަނގު ފަރާތު ނެރުމައްޗަށް މިދިޔަ ބުދަ ދުވަހު އެރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ބާޖު މިއަދު ފުންކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ބާޖު މިއަދު ހެނދުނު 11:22 ހާއިރު ފުންކުރެވިފައިވާކަމަށެވެ.
"އިތުރު ގެއްލުމެއް ބާޖަށް ލިބިފައި ނެތް، އަދި ތެޔޮ ލީކެއް ނުވޭ" އާޒިމް ވިދާޅުވިއެވެ.
އެ ބާޖަކީ ޅ. އަތޮޅުގައި އޮތް ތެޔޮ ބޯޓަކުން ތެޔޮ ބަރުކޮށްގެން ކާށިދޫއަށް ދަތުރުކުރި ތެޔޮ ބާޖެކެވެ. އެ ބާޖު ކާށިދޫ ނެރުމައްޗަށް ފަރަށް އެރީ ހަވީރު އިރު އޮއްސެން އުޅުނު ވަގުތު ކާށިދޫ ބަނދަރަށް ބާޖު ވަންނަން އުޅުމުގެ ތެރޭގައެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އިއްޔެ ވިދާޅުވީ ބާޖުން ތެޔޮ ހުސްކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށާއި އެގޮތުން އިއްޔެއާއި ހަމައަށް އެއްލައްކައަށްވުރެ ގިނަ ލީޓަރު ތެޔޮ އެ ބާޖުން ހުސްކޮށްފައިވާކަމަށެވެ. އަދި ބާޖު ފުންކުރުމަށް އިތުރު ޓަގެއް ގެންދާނެ ކަމުގައިވެސް އިއްޔެ އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް