ޔޫއެސްގެ ވަޖީނިއާ ބީޗް ސްޓޭޓްގެ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ އިމާރާތެއް ކަމަށްވާ ވަޖީނިއާ ބީޗް ކޮމްޕްލެކްސް ތެރޭގައި ބަޑިން ހަމަލާދީ 12 މީހަކު މަރާލައި، 4 މީހަކު ޒަހަމްކޮށްލައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ އިއްޔެގެ ހަވީރު 4:00 ހާއިރު ކަމަށް ރިޕޯޓުތައް ބުނެއެވެ. މި މީހާ އެ އިމާރާތުގެ ތެރެއަށް ވަދެ، ވަކި މީހަކަށް ބެލުމެއް ނެތި ބަޑިން ހަމަލާ ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މަރުވި މީހުންގެ ތެރޭގައި، އެކަކު އޭނާގެ ކާރު ތެރޭގައި މަރުވެފައިވާއިރު، ބައެއް މީހުން އޮފީހުގެ އެކި ފަންގިފިލާތަކުގައި ވެސް ތިއްބެވެ.
ޔޫއެސް ގެ ރިޕޯޓުތައް ބުނާގޮތުން، މި މީހާ އަކީ ކާކު ކަމާއި މި ހަމަލާ ދިނީ ކީއްވެގެން ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެއީ ކުރިން އެ ސަރަހައްދުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރި މީހެއް ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. ގިނަ ބަޔަކު ތުހުމަތު ކުރާގޮތުގައި މިއީ ޓެރަރިޒަމްގެ އަމަލެކެވެ.
ފުލުހުން ބުނީ، އެ ސަރަހައްދުގައި ބަޑީގެ އަޑުފައްގަނޑެއް އިވުމުން ވަގުތުން އެ ސަރަހައްދަށް ދިޔަ ކަމަށާއި، އެމީހާ ހުއްޓުވޭނެ އިތުރު ގޮތެއް ނެތުމުން ފުލުހުން އެމީހާ ގަޔަށް ބަޑި ޖެހި ކަމަށެވެ. އޭގެ މިނިޓެއް ފަހުން އެމީހާ ވަނީ މަރުވެފައެވެ. އެމީހާ މަރުވެފައި ވަނީ ފުލުހުންނާއި ދެމެދު ދެވުނު ބަޑީގެ ހަމަލާތަކެއްގެ ތެރެއިންނެވެ.
ވަޖީނިއާ ބީޗް އަކީ ހަތަރު ލައްކައަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސިޓީ އެކެވެ. ހަމަލާ ދިން އިމާރާތުގައި އެވަގުތު 400 ސަތޭކައެއް ހާ މީހުން އުޅޭނެ އެވެ. މި ހަމަލާ ދިން ވަގުތު ގިނަ ބަޔަކު ވަނީ އެކި ތަންތަނަށް ވަދެ ފިލާފައެވެ. ރިޕޯޓުތައް ބުނާގޮތުގައި މިއީ އެ ސަރަހައްދުގައި މިހާތަނަށް އެފަދަ ގޮތަކަށް ދެވުނު 150 ވަނަ ހަމަލާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް