އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފިއެވެ.
މިމަހުގެ 31 ވަނަ ދުވަހު ސައުދީގެ މައްކާގައި ފެށި މި ސަމިޓަކީ، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާ ބެހޭގޮތުން އިސްލާމީ ޤައުމުތަކުގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ. މިގޮތުން މިއަދު ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ ޢަމަލުތައް ގިނަވަމުންދާ މައްސަލައާއި، މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާބެހޭ ގޮތުން މި ސަމިޓްގައި މަޝްވަރާކުރެވޭނެއެވެ.
މި ސަމިޓަށް ރައީސް ވަނީ އިސްލާމީ އުންމަތަށް މުހިންމު ހުށަހެޅުންތަކެއް ހުށަހަޅުއްވާފައެވެ. އޭގެތެރޭގައި، މުޅި އިސްލާމީ އުންމަތުގެ ބޮޑެތި މައްސަލަތަކަށް ރާއްޖެއިން ދޭ އިސްކަން ފާހަގަކުރައްވައި، މުސްލިމު އުންމަތުގެ ލާބައާ މަންފާއަށްޓަކައި ކުރެވޭ ކަންކަމުގައި ރާއްޖެއިން ވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް، އަދި ވަކިން ޚާއްޞަކޮށް ފަލަސްޠީނުގެ މުސްލިމު ރައްޔިތުންނަށް ރާއްޖެއިން ތާއީދު އޮތް މިންވަރު ވަނީ ފާހަގަކުރައްވައިފައެވެ.
ކޮންމެ 3 އަހަރަކުން އެއްއަހަރު ބާއްވާ މި ސަމިޓުން މުސްލިމު މެޖޯރިޓީ ޤައުމުތަކުގެ ލީޑަރުންނަށް ފާހަގަކުރެއްވޭ އެންމެ މުހިންމު މައްސަލަތަކާއި، އުންމަތުގެ އެކިއެކި ކަންކަމުގައި އެޤައުމެއްގެ ވިސްނުންހުރިގޮތް ހިއްސާކުރެއްވުމާއި، އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ޤައުމުތަކުގެ އިސްވެރިންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތުވެސް ތަނަވަސްވެގެންދެއެވެ.
މި ސަމިޓަށް ރައީސް ސައުދީ އަށް ވަޑައިގަތީ މިމަހުގެ 29 ވަނަ ދުވަހުއެވެ. ސައުދީން ވަނީ ރައީސަށް ހޫނު މަރުހަބާ އެއް ވިދާޅުވެފައެވެ. އަދި މި ދަތުރުފުޅުގައި ރައީސް ވަނީ އުމްރާއެއް ވެސް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް