ޙަލާލު ގޮތުގައި ކުރެވޭ އެއްވެސް މަސައްކަތަކީ، އޭގެ ޒާތުގައި ހުތުރު ނުވަތަ ދަށު ދަރަޖައިގެ މަސައްކަތެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.
ރައީސް ދެއްވެވި ހިތާބުގައި ވިދާޅުވީ، ރާއްޖޭގައި ބިދޭސީން ކުރަމުންދާ މަސައްކަތްތަކާއި ދިވެހީން ޙަވާލުވުމަކީ، ޤައުމުގެ އިޤްތިޞާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށާއި، އެއީ ރާއްޖޭން ބޭރުވާ ބޭރު ފައިސާގެ މިންވަރު ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރާއިރު ޒުވާނުން މިއަދު އަޒުމު ކަނޑައަޅަންވީ ދިރިއުޅުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަމިއްލައަށް އުފުލުމުގެ މުހިންމުކަން ޤަބޫލުކޮށް، ކޮންމެވެސް މަސައްކަތަކުން އާމްދަނީ ހޯދަން ތެދުވެވޭތޯއެވެ. މީގެ އިތުރުން، ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަކީ އިންސާނަކަށްވީތީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ އަދި އިޖްތިމާޢީ ވާޖިބެއްކަމުގައި ވީނަމަވެސް، ވަކިކަހަލަ ވަޒީފާއެއް ނުލިބޭތީ މަސައްކަތެއް ނުކޮށް ތިބޭ ޒުވާނުން މިހާރުވެސް ރާއްޖޭގައި ތިބިކަން ރައީސްގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.
ވަޒީފާގެ ބާޒާރުގައި މިހާރު އެންމެ މުހިންމު އެއް ކަމަކީ ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކުރުމަށްޓަކައި، ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައެވެ.
ރައީސްގެ ހިތާބުގައި ވަނީ މަސައްކަތްތެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކަށްވެސް އަލިއަޅުވާލާފައެވެ. ރައީސް ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި މަސައްކަތްތެރީން ކުރި އެންމެ ހިތްދަތި ތަޖުރިބާއަކީ ނާޖާއިޒު ގޮތުގައި ސިޔާސީ ބާރާއި ނުފޫޒު ބޭނުންކޮށްގެން، މީހުން ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ އަދާކުރާ ތަން ބަދަލުކުރުންކަމަށެވެ. އެހެންކަމުން އެފަދަ ގޮތްގޮތަށް ވަޒީފާއިން ވަކިކޮށް ނުވަތަ ވަޒީފާ އަދާކުރާތަން ބަދަލުކުރި މަސައްކަތްތެރިންގެ ވަޒީފާ އަލުން އިޢާދަކޮށްދިނުމުގެ މަސައްކަތް، ސަރުކާރުން ފަށައިގެން ކުރަމުން އަންނަ ކަންމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނަށް ކުރިމަތިވާ ގޮންޖެހުންތަށް ފާހަގަކުރައްވައި އެކަމަށް ހައްލު ގެނައުމަށްވެސް މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ދަށު ދަރަޖައިގެ ތަންތަނުގައި ބިދޭސީ މަސައްކަތްތެރީން ނިންދެވުމާއި، މަސައްކަތް ކުރުވުމަށް ފަހު މުސާރަ ނުދިނުމާ، އަރާމުކުރުމަށް އެކަށީގެންވާ ވަގުތު ނުދީ މަސައްކަތް ކުރުވުމާއި، މަކަރާއި ޙީލަތުން އޮޅުވާލައިގެން އެމީހުން ލައްވައި މަސައްކަތް ކުރުވުމަކީ ވެސް، މިހާރުން މިހާރަށް ހުއްޓުވައި ހައްލުކުރަންޖެހިފައިވާ ކަންތައްތައް ކަން ރައީސްގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ އެންމެހައި މަސައްކަތްތެރީންނަށާއި އެމީހުންގެ ޢާއިލާތަކަށް ދުވަހުގެ މަރުޙަބާ އާއި ތަހުނިޔާ ފޮނުއްވާފައެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ މަސައްކަތްތެރީންގެ މަސައްކަތުގެ އަގު ވަޒަންކުރުމާއި، އެމީހުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ހޯދައިދިނުމާއި، އެ ޙައްޤުތަކާއި މިނިވަންކަމުގެ ދިފާޢުގައި ތެދުވުމުގެ ހިތްވަރު އާކޮށްދިނުން ކަމުގައި ވެސް ރައީސްގެ ހިތާބުގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް