10 އަހަރު ތެރޭ 7 ވަނަ ލީގު ތަށި. ސްޕެއިންގެ އެންމެ ކާމިޔާބު ކްލަބަކީ ބާސާ؟

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޑިޕޯޓިވޯ ލާ ކޮރޫނާ އާ ދެކޮޅަށް ކުޅުނު މެޗު 4-2 އިން ކާމިޔާބު ކޮށް، ސްޕެނިޝް ލީގުގައި ބާކީ 4 މެޗު އޮއްވާ ބާސެލޯނާއިން ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރު ކޮށްފައެވެ. ބާސެލޯނާގ...

01 May 2018 | 12:08

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޑިޕޯޓިވޯ ލާ ކޮރޫނާ އާ ދެކޮޅަށް ކުޅުނު މެޗު 4-2 އިން ކާމިޔާބު ކޮށް، ސްޕެނިޝް ލީގުގައި ބާކީ 4 މެޗު އޮއްވާ ބާސެލޯނާއިން ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރު ކޮށްފައެވެ.

ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ޑިޕޯޓިވޯ އާ ދެކޮޅަށް ހެޓްރިކެއް ހެދިއިރު، މިއީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ބާސެލޯނާއިން ސްޕެނިޝް ލީގު (ލަލީގާ) ކާމިޔާބު ކުރި 7 ވަނަ ފަހަރެވެ. މިއާއެކު ފަހުގެ ތާރީޚުގައި ބާސެލޯނާއިން ސްޕެއިންގެ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ކުރިއަރައިގެން އަންނަ ގޮތަށް ބަލާއިރު، ސްޕެއިންގެ އެންމެ ކާމިޔާބު ކްލަބަކީ ބާސެލޯނާކަމަށް ދައުވާ ކުރުމުގެ ފުރުސަތު އެބައޮތެވެ.

ޝައްކެއް ވެސް ނެތް ގޮތުގައި ބާސެލޯނާގެ ވާދަވެރިން ކަމުގައިވާ ރެއާލް މެޑްރިޑުން ފާއިތުވި 4 އަހަރުގެ ތެރޭގައި ހޯދި ޗެމްޕިއަންސް ލީގުގެ 3 ތަށްޓާއެކު ޔޫރަޕްގެ އެންމެ ކާމިޔާބު ކުލަބްކަން ވަނީ ސާބިތު ކޮށްދީފައެވެ. އެހެން ނަމަވެސް، ޔޫރަޕްގެ ކާމިޔާބީއަކީ ސްޕެއިންގެ އެންމެ ކާމިޔާބު ކްލަބަށް ރެއާލް މެޑްރިޑް ވާން ޖެހޭ ސަބަބެއް ނޫނެވެ.

ޗެމްޕިއަންސް ލީގު ކުޅެވެނީ ގްރޫޕް ސްޓޭޖްގައި ކޮންމެ ޓީމަކަށް ކުޅެވޭ 6 މެޗާއެކު ކޮންމެ ގްރޫޕަކުން ގަދަ 2 ޓީމު ގަދަ 16 ގެ ބުރަށް ގޮސް ދެން މުޅިން ވެސް ނޮކްއައުޓް މެޗުތަކެއް އޮންނަ ފޯމެޓަށެވެ. ޔޫރަޕްގެ ބޮޑެތި ލީގުތަކުގެ ގަދަ ބާރުތަކާ ކުރިމަތިލާން ޖެހޭ ޖެހުމަކީ ޔަގީނުން ވެސް ޗެމްޕިއަންސް ލީގު ޑޮމެންޓިކް ލީގުތަކަށްވުރެ އުނދަގޫވާނެ ސަބަބެކެވެ. އެހެނަސް، ޗެމްޕިއަންސް ލީގާ ޚިލާފަށް ޑޮމެސްޓިކް ލީގުގައި ކާމިޔާބު ހޯދަން ބޭނުންނަމަ، އެއް ފެންވަރެއްގައި ނުވަތަ ނަތީޖާ މާ ބޮޑަށް ދަށްނުވެ މުޅި ސީޒަންގައި ހިފަހައްޓާލަން މަޖުބޫރުވެއެވެ.

ޗެމްޕިއަންސް ލީގާއި ޑޮމެސްޓިކް ލީގުތަކުގެ އެންމެ ބޮޑު ތަފާތަކީ މިއީ ކަމަށްވާއިރު، އެންމެ އުނދަގޫ މުބާރާތުގައި ގަދަ ބާރަކީ ރެއާލް މެޑްރިޑްކަމާމެދު ޝައްކެއް ނެތެވެ. އެއީ ޗެމްޕިއަންސް ލީގުގެ ރަސްގެފާނެވެ. އެހެނަސް، ސްޕެނިޝް ލީގުގައި މުޅި ސީޒަން އެއްކޮށް އެއް ފެންވަރެއްގައި ހިފަހައްޓާލުމުގައި ރެއާލް ގިނަ ފަހަރަށް ފެންނަނީ ނުކުޅެދިފައިވާތަނެވެ. ބާސާ ރެއާލާގެ މައްޗަށް ގަދަވާ ތަނެވެ. ގައިމު ވެސް ފާއިތުވި 10 އަހަރުގެ ތެރޭގައި 7 ފަހަރު ލީގު ކާމިޔާބު ކުރެވުމަކީ ބާސެލޯނާއަށް ލީގުގައި އެއް ފެންވަރެއްގައި ކުޅުން ހިފެހެއްޓޭކަމުގެ ސާފު ހެއްކެކެވެ. ލީގު އެކަންޏެއް ނޫނެވެ. ސްޕެނިޝް ކަޕް ވެސްމެއެވެ.

އެހެންކަމުން މިވަގުތު ޔޫރަޕްގެ ރަސްގެފާނަކީ ރެއާލް މެޑްރިޑްކަމާއި، އެހެނަސް ބާސެލޯނާ އަކީ ސްޕެއިންގެ އެންމެ ކާމިޔާބު ކްލަބްކަމަށް ބުނުމީ، މި ވަގުތަށް ބާސާ – ރެއާލްގެ ބަހުސަށް އެންމެ ރަނގަޅު ނިންމުން ކަމުގައި ނުވާނެތޯއެވެ؟

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް