ސިޔާސީ އެކި އެކި ތުހުމަތު ތަކުގައި ހައްޔަރުކޮށްފައި ތިއްބެވި ސިޔާސީ ބޭފުޅުންގެ އަނބިއަބިކަނބަލުންނާއި ދަރިދަރިކަންލުންނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ބައްދަލު ކުރައްވައިފި އެވެ.
ރޭ ބޭއްވި މި ބައްދަލު ކުރެއްވުމާއި ގުޅޭގޮތުން މާބޮޑު މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ. އެކަމަކު ހުރިހާ ކަނބަލުން އެކުގައި ނަގާފައިވާ ފޮޓޯއެއް އާންމު ކުރި އެވެ.
އަދި ބުނެފައިވަނީ ނަސްރީނާ ހުރިހާ ބޭފުޅުންގެ އަނބިއަނބިކަނބަލުންނަށް ހިތްވަރު ދެއްވި ކަމަށެވެ. ކިތަންމެ ހިތްދަތިކަންތައްތަކެއް ކުރިމަތިވެފައިވީ ނަމަވެސް ނަސްރީނާގެ ފަރާތުން ފެނުނީ ހިތްވަރުގަދަ ކަމާއި ކެތްތެރިކަން ކަމަށް މައުލޫމާތު ހާމަ ކުރެއްވި ކަނބަލުން ބުނެފައިވެ އެވެ.
ރޭގެ ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ އާއި ކުރީގެ ޕީޖީ މުހްތާޒު މުހްސިން އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އަނބިކަނބަލުންނާއި ނަސްރީނާގެ ދަރިކަނބަލުން ޔުމްނާ މައުމޫން ބައިވެރިވެ ވަޑައިގަތެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތިން އަންހެން ދަރިކަނބަލަކު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެ އިތުރުން އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ ވެރިޔާ ޝިދާތާ ޝަރީފާއި، ރައީސް މައުމޫންގެ އަރިހުގައި މަސައްކަތް ކުރައްވާ އައިމިނަތު ނާދިރާ ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުން އޮތީ ޝީ ބިލްޑިންގުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް