ރިޔާސީ އިންތިހާބަށް އުމަރު މެނިފެސްޓޯއެއް ތައްޔާރު ކުރަނީ!

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މެނިފެސްޓޯއެއް ތައްޔާރު ކުރަން ފަށައިފި އެވެ. ދާދިފަހުން ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެވި އުމަރު ވަނީ މީގ...

01 May 2018 | 06:25

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މެނިފެސްޓޯއެއް ތައްޔާރު ކުރަން ފަށައިފި އެވެ.

ދާދިފަހުން ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެވި އުމަރު ވަނީ މީގެ ކުރިންވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ. އެކަމަކު އުމަރު ނިސްބަތްވެ ވަޑައިގެންނަވާ ޖުމްހޫރީ ޕާޓީން ވަނީ އިދިކޮޅު ޕާޓީތަކާއި ގުޅިގެން  ނެރޭނީ އެއް ކެންޑިޑޭޓެއް ކަމަށް ބުނެފައި އެވެ.

އުމަރު ފޭސްބުކްގައި ވިދާޅުވެފައިވަނީ އޭނާގެ ރިޔާސީ މެނިފެސްޓޯއަށް އާންމުންގެ ހިޔާލު ހޯދުމަށް ބޭނުންވާކަމަށެވެ. އެހެންވެ އޭނާގެ ހުރި ވިސްނުންތައް މި ހަފްތާއިން ފެށިގެން ފޭސްބުކްގައި އާންމު ކުރަމުންދާނެ ކަމަށެވެ.

އެ ވިސްނުންތަކަށް ހިޔާލުދޭން ބޭނުންވާ ފަރާތްތަކުން ފޭސްބުކް އާއި ޓުވިޓާ، ވައިބާ، ވަޓްސްއެޕް، އަދި އެސްއެމްއެސް މެދުވެރިކޮށް  ހިޔާލު ފޮނުުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ވަޓްސްއެޕް އަދި ވައިބާ އާއި އެސްއެމްއެސް މެދުވެރިކޮށް ހިޔާލުދޭން ބޭނުންވާ މީހުން 7562222 ނަމްބަރަށް މެސެޖު ކުރުމަށް ވަނީ އެދިފައެ އެވެ.

އޭނާ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމަވާފައިވާ ގޮތެއް އަދި ހާމައެއް ނުކުރައްވައެވެ. ފަހަރުގައި އުމަރު ފުރަތަމަ މި ނިންމަފާވައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހެން ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ރައީސް ނަޝީދުވެސް ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ.

އިދިކޮޅު ޕާޓީތަކުން ނިންމާފައިވަނީ އިދިކޮޅު ވަކި ވަކި ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީއެއް ބޭއްވުމަށްފަހު ހޮވޭ ފަރާތްތަކުގެ ތެރެއިން އިދިކޮޅު އެއް ކެންޑިޑޭޓަކު ކަނޑައެޅުމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އެ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން ބަލި ކުރެއްވޭ ވަރު ކެންޑިޑޭޓަކަށް ވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް