ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ އިބްރާހިމް އާއި މައުމޫންގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތް ކުރި މުހައްމަދު އަޒްމީ ޝަރީއަތް ނިމެންދެން އަނެއްކާވެސް ބަންދަށް ބަދަލުކޮށްފި އެވެ.
ނަޖުމާ ހައްޔަރު ކުރީ މަޖިލީހުގެ ބައެއް މެންބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ. ނަޖުމާ ބަންދުގައި ބަހައްޓާފައިވަނީ ގޭގައި އެއީ އޭނާގެ ގާތުން ކިރުދޭ ކުއްޖަކު އޮތުމުންނެވެ. އަޒްމީ ހުންނަނީ ދޫނިދޫ ޖަލު ބަންދުގައި އެވެ.
މި ދެމީހުންގެ މުއްދަތު މުރާޖާ ކުރުމަށް ފަހު އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދަށް ބަދަލު ކުރީ އިއްޔެ މުއްދަތު ޖަހަން ހާޒރު ކުރުމުންނެވެ.
އެންމެ ފުރަތަމަ މި ދެމީހުން ހައްޔަރު ކުރުމަށް ފަހު އަމުރުކޮށްފައިވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ. އެކަމަކު ފަހުނ ނަޖުމާގެ ފަރާތުން އެ މުއްދަތު މުރާޖާ ކޮށްދިނުމަށް ހުށަހެޅުމުން ބޭއްވި އަޑު އެހުމުގައި ކްރިމިނަލް ކޯޓުން ވަނީ ނަޖުމާ އާއި އަޒްމީގެ ބަންދުގެ މުއްދަތު 15 ދުވަހަށް ބަދަލުކޮށްފައި އެވެ.
އެ މުއްދަތު ހަމަވީ އިއްޔެ އެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި މައުމޫން ދިރިއުޅުއްވާ އެންދެރިމާގޭ ފުލުހުން ބަލައި ފާސްކުރަމުން ގެންދަނިކޮށް، އެ ގެއާ އިން ވެގެން ހުންނަ އެންދެރިގަސް ގެ އިން ކަޅު ފޮއްޓެއް ކާރަކަށް އަރުވައިގެން ގެންދިޔަ އެވެ. އަދި ކަޅު ފޮށި ފެނުނީ ނަޖުމާ ގެ އިން ކަމަށާއި ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅޭ ހެކިތަކެއް އެ ފޮށިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް