ދާދިފަހުން ކުއްލި ގޮތަކަށް މަރުވި ބޮލީވުޑްގެ ސުޕާ ސްޓާ ސްރީދޭވީގެ ހަޔާތާއި ގުޅޭގޮތުން ހަދާ ފިލްމަށް ކިޔާނެ 20 ނަމެއް ރަޖިސްޓްރީކޮށްފި އެވެ.
މި ފިލްމު ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅެނީ އޭނާގެ ފިރިމީހާ އަދި މަޝްހޫރު ޕްރޮޑިއުސަރު ބޯނީ ކަޕޫރެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ފިލްމު ނުވަތަ ޑޮކިއުމެންޓްރީ ހެދުމަށް ބޯނީ ދަނީ ވަރަށް ސީރިއަސްކޮށް އަވަދި ނެތި މަސައްކަތް ކުރަމުންނެވެ.
އެކަމަކު ކިޔާނެ ނަމެއް ނުނިންމެނީ ކިޔަންހުރި ނަންތައް ގިނަ ކަމުން ކަމަށެވެ. އެހެންވެ 20 ނަމެއް ރަޖިސްޓްރީކޮށް އޭގެ ތެރެއިން ނަމެއް ކިޔަން ނިންމާފައިވާ ކަމަށެވެ.
ބޯނީ ހުށަހެޅި ނަންތަކުގެ ތެރޭގައި "ސްރީ ސްރީދޭވީ" "ސްރީ މޭމް" އަދި "ރިޓާން އޮފް މިސްޓާ އިންޑިއާ" ހިމެނެ އެވެ. މީގެ އިތުރުން ސްރީދޭވީ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ނަންތައްކަމަށްވާ "ޖާންބާޒް" "މިސްޓަ އިންޑިއާ" އަދި "ރޫޕް ކީން ރާނީ ޗޯރޯން ކާ ރާޖާ" ފަދަ ނަންތައް ހުށަހަޅާފައިވެ އެވެ.
ސްރީދޭވީއަށް ހަދާ މި ފިލްމާއި ގުޅޭ މާ ގިނަ މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ. ބޯނީގެ އިތުރުން ސްރީދޭވޯގެ ހަޔާތަށް ބިނާކޮށް އިތުރު ދެ މީހަކު ވަނީ ފިލްމު އުފައްދަން ޝައުގުވެރިކަން ފާޅުކޮށްފައި އެވެ. އެއީ ރާމް ގޮޕާލް ވަރުމާ އާއި ހަންސަލް މެހެތާ އެވެ.
އެމީހުންވެސް އެކަން އިއުލާނު ކުރި ފަހުން އިތުރު މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
ސްރީދޭވީ މަރުވެފައި އޮއްވަ ފެނުނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ދުބާއީގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް އޭނާ ހުރި ހޮޓަލުގެ ފާހާނާގެ ބާތް ޓަބުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް