ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ފޯމު ދޫކުރަން ފަށަނީ

ސަރުކާރުން އިއުލާނު ކޮށްފައިވާ ހިޔާ މަޝްރޫއުގެ ދަށުން އަޅާ ފްލެޓުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އަންނަ ހަފްތާގައި ފޯމު ދޫކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅު...

01 May 2018 | 02:50

ސަރުކާރުން އިއުލާނު ކޮށްފައިވާ ހިޔާ މަޝްރޫއުގެ ދަށުން އަޅާ ފްލެޓުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އަންނަ ހަފްތާގައި ފޯމު ދޫކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ފްލެޓު ދޫކުރުމަށް ހަމަޖެހިފައިވާ 12 ކެޓަގެރީއަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އެ ފުރުސަތު ހުޅުވާލަން ނިންމާފައިވަނީ މެއި މަހުގެ ހަވަނަ ދުވަހު ކަމަށާއި ފޯމު ދޫކުރުމުގެ ކަންކަން ކުރިޔަށްދާނީ ދަރުބާރުގޭގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެކަމުގެ އިތުރު ތަފްސީލް އެ ދުވަހު ހާމަ ކުރައްވާނެ ކަމަށެވެ.

މިނިސްޓަރު އެ ވިދާޅުވި 12 ކެޓަގަރީއަށް ހާއްސަ ކުރެވިގެން 6،000 ފްލެޓު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ފްލެޓުތައް އަޅަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ސަރަހައްދުގައި އެވެ.

އެ ކެޓަގަރީތަކަކީ:

އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް 1000 ފުލެޓް

މާލެ ދަފްތަރުގައި ނުހިމެނޭ މާލޭގެ ރަށްވެހިންނަށް 1000 ފުލެޓް

މާލެ މުނިސިޕަލްޓީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް 1044 ފުލެޓް

ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފުލެޓް

ޓީޗަރުންނަށް 625 ފުލެޓް

އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފުލެޓް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް 200 ފުލެޓް

ފުލުހުންނަށް 300 ފުލެޓް

ސިފައިންނަށް 300 ފުލެޓް

މާފަންނު ހުޅަނގުގައި ދިރިއުޅޭ ނިކަމެތި އާއިލާތަކަށް ޚާއްސަ 256 ފުލެޓް

ރައީސް ނަޝީދުގެ ވެރިކަމުގައި ކ. ގުޅީފަޅުން ފުލެޓް ގަތުމަށް ފައިސާ ދެއްކި ނަމަވެސް ފުލެޓް ނުލިބުނު މީހުންނާއި ގާކޮށި އަރަބިއްޔާގައި ހުރި ޓާޓާ ފުލެޓްތައް ލިބި، ނަމަވެސް އެތަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މާލީ ތަނަވަސްކަން ނެތް މީހުން ހިމެނޭ ގޮތަށް 300 ފުލެޓެވެ.

އެކަމަކު މި ކެޓަގަރީތަކުގެ ތެރޭގައި އެންމެ ފަހުން ފްލެޓު ދިން އިރު ހިމެނި ކެޓަގަރީއެއް ކަމަށްވާ ގިނަ ދުވަހު މާލޭގައި އުޅެފައި ތިބި މީހުންނާއި އުމުރުން 40 އަހަރުން މަތީގެ މީހުންނަށް  ފްލެޓަށް ކުރިމަތި ނުލެވޭތީ ބައެއް މީހުން ޝަކުވާ ކުރި އެވެ. އެކަމަކު މިނިސްޓަރު މުއިޒު ވިދާޅުވީ އެ ފަރާތްތަކަށްވެސް ފްލެޓު ލިބޭނެ ކަމަށެވެ.

ހައުސިން މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވަނީ މިދައުރު ނިމުމުގެ ކުރިން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓުތައް ލިބޭނެ މީހުން ކަނޑައެޅޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް