ދާދި ފަހުން މެލޭޝިޔާގައި ފާސްކުރި، ދޮގު ހަބަރު ފެތުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް މީހަކު ހައްޔަރު ކޮށްފި އެވެ.
ހައްޔަރު ކޮށްފައިވަނީ ޔަމަނު ދަރިކޮޅަށް ނިސްބަތްވާ، ސަލާހް ސަލީމް ސަލާހް ސުލައިމާން ނަމަކަށް ކިޔާ އުމުރުން 46 އަހަރުގެ ފިރިހެނެކެވެ.
އޭނާ ހައްޔަރު ކޮށްފައިވަނީ ދާދި ފަހުން މެލޭޝިޔާގައި ފަތިސް ނަމާދަށް ދަނިކޮށް ބަޑިން ހަމަލާދީ ޝަހީދުކޮށްލި ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ފާދީ އަލް ބާޝް އަށް ދިން ހަމަލާއާއި ބެހޭގޮތުން ފުލުހުންނާއި ދެމެދު ނަފްރަތު އުފެދޭގޮތަށް ޔޫޓިއުބްގައި ވީޑިއޯއެއް އަޕްލޯޑް ކުރުމުންނެވެ.
އެ ވީޑިއޯގައި ސަލާހް ސުލައިމާން ބުނެފައިވަނީ ފާދީގެ ގަޔަށް ބަޑީގެ ހަމަލާ ދިނުމުން ފުލުހުން އެ ސީނަށް ދިޔައީ ވަރަށް ލަހުން ކަމަށާއި ގަސްތުގައި ލަސްކުރީ ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
ކޯޓުގައި މައްސަލަ ކުރިއަށްދިޔަ އިރު ސަލާހް ސުލައިމާން ބުނެފައިވަނީ ކުށަށް އިއުތިރާފު ވާކަމަށާއި މެލޭޝިޔާގައި އެފަދަ ގާނޫނެއް އޮންނަކަން އޭނާއަށް ކުރިން އެނގިފައި ނުވާކަމަށެވެ.
ސަލާހް ސުލައިމާންގެ މައްޗަށް އެއް ހަފްތާގެ ޖަލު ހުކުމެއް އިއްވާފައިވާއި 2500 ޑޮލަރުން ޖޫރިމަނާވެސް ކޮށްފައި ވެ އެވެ. އެ ޖޫރިމަނާ ނުދެއްކިއްޖެ ނަމަ އެއް މަސްދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ.
މިދިޔަ އޭޕްރީލް މަސް ތެރޭގައި މެލޭޝިޔާގައި އަމަލުކުރަން ފެށި އެ ގާނޫނުގެ ދަށުން ހަ އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވުމާއި އެތައް ލައްކަ ޑޮލަރުން ޖޫރިމަނާ ކުރުމުގެ ފުރުސަތު އޮވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް