ހުޅުލެއާއި މާލެއާ ދެމެދު ދަތުރު ކުރާ ފެރީ ޓިކެޓުގެ އަގު ބޮޑު ކުރަން ނިންމާފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފި އެވެ.
އެއާޕޯޓްސް ފެރީ އޮޕަރޭޓާ އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖީއެސްޓީ ނަގަން ފަށާފައިވާތީ މިމަހުގެ 10 ން ފެށިގެން ޓިކެޓުގެ އަގުގެ ގޮތުގައި ނަގާނީ ކޮޅަކަށް 11 ރުފިޔާ ކަމަށެވެ.
އެސޯސިއޭޝަންގެ އިއުލާނާ ގުޅިގެން ޓްރާންސްޕޯޓު އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އޮތޯރިޓީއާ މަޝްވަރާ ނުކޮށް އާންމު ދަތުރުފަތުރުގެ އަގަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. އެހެންކަމުން އެ އެސޯސިއޭޝަނުން ފެރީ ޓިކެޓުގެ އަގު ބޮޑު ކުރަން ނިންމާފައިވަނީ ގަވައިދާ ހިލާފަށް ކަމަށެވެ.
ޓްރަންސްޕޯޓު އޮތޯރިޓިން ބުނީ އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.
ޖީއެސްޓީ ގާނޫނު ބުނާގޮތުން ވިއްކާ މުދަލާއި ދޭ ހިދުމަތުގެ އަގު ޖެހިފައި ހުންނަން ޖެހޭނީ ޖީއެސްޓީ ހިމަނައިގެންނެވެ. ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ މިހާރު ހުޅުލޭ ފެރީ ޓިކެޓުގެ އަގު ކަނޑައެޅިފައި އެވަނީ ޖީއެސްޓީ ހިމަނައިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް