ރަހުމް ކުޑަގޮތަކަށް ހަމަލާދީ މަރާލާފައި އޮއްވަ ފެނުނު ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށް އެމީހާގެ ބަންދަށް 15 ދުވަސް ޖަހައިދި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ހައްޔަރު ކުރީ އުމުރުން 18 އަހަރުގެ މުހައްމަދު ދިފްރާން ކިޔާ މީހެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ރޭ ފަތިހު އެވެ. އާއިލާ މީހަކާ ހަވާލާދީ ދުވަހަށް މައުލޫމާތުދިން މީހަކު ބުނީ ދިފްރާން އަކީ ޕެރޯލްގެ ދަށުން ޖަލުން ދޫކޮށްލާފައިވާ މީހެއް ކަމަށެވެ.
ޔާމީންގެ މަރުގެ މައްސަލައިގަ ހައްޔަރު ކުރި ދިފްރާން ދިރިއުޅެނީ ޔާމީން މަރާލާފައި އޮއްވަ ފެނުނު މ. ސްޕެޓިއުލާ ގޭ ކައިރީގަ ހުންނަ މ. އަފްސާނާ ގޭގައި އެވެ. ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު މެންދުރު އެ ގެއަށް ވަދެ ބަލާ ފާސްކޮށްފައި އެވެ.
މި މައްސަލައިގަ ފުލުހުން ރަސްމީކޮށް އެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ. މިއަދު އެ ގެ ބަލާ ފާސްކުރުމާއި ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
ޔާމީންގެ މަރުގެ މައްސަލައިގަ މިހާތަނަށް ފުލުހުން ބުނީ ޔާމީނަށް ހަމަލާދިން ދެ މީހުން ވީޑިއޯ މެދުވެރިކޮށް ދެނެގެނެވިފައިވާ ކަމަށެވެ. އަދި ޔާމީނަށް ހަމަލާދިން ތަނުން ފިޒިކަލް އެވިޑެންސްވެސް ލިބިފައިވާ ކަމަށެވެ.
ޔާމީނަށް ހަމަލާދީ މަރާލާފައި އޮއްވަ ފެނުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު 2:50 ހާއިރު އެވެ. ޔާމީންގެ މަރުގެ މައްސަލަ އިންސާފުވެރިކަމާއި އެކު ހާމަކަން ބޮޑުގޮތެއްގައި ކުރުމަށް އދ. އިން ގޮވާލާފައި އާއިލާއިން ވަނީ ޔާމީން މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ބައިނަލް އަގުވާމީ ފަރާތްތައް ބައިވެރި ކުރުމަށް އެދިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް