ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު މައްސަލާގައި މާދަމާ ހައިކޯޓުން ގޮތެއް ނިންމުމަށް ތާވަލުކޮށްފި އެވެ.
ގާސިމް 15 ދުވަހަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ ފަނޑިޔާރުންނާއި ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރިކަމުގެ ތުހުމަތުގައި އާއި ޤާނޫނީ ސަރުކާރު ވައްޓާލަން ރާވަމުންދާކަމުގެ ތުހުމަތުގެ އިތުރުން މަޖިލީސް މެންބަރުންނަށް ރިޝްވަތުދޭން އުޅޭކަމުގެ ތުހުމަތުގައި އެވެ.
އެ މައްސަލަ ގާސިމްގެ ފަރާތުން ހައިކޯޓުން އިސްތިއުނާފު ކުރުމުން އިއްޔެ އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފައި އެވެ.
ގާސިމްގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ މާދަމާ މެންދުރުފަހު 1:30 ގައި އެ މައްސަލާގައި ގޮތެއް ކަނޑައެޅުމަށް އަޑުއެހުމެއް ތާވަލުކޮށްފައިވާ ކަމަށެވެ. މިފަދަ މައްސަލަތައް ހައިކޯޓުގައި ކުރިއަށް ގެންދަނީ ނޫސްވެރިންނާއި ޢާންމުނަށް ނުވަދެވޭގޮތަށް ސިއްރުކޮށްގެންނެވެ.
މިދިޔަ މަހުވެސް ހަމަ މި ތުހުމަތުތަކުގައި ގާސިމް ވަނީ ހައްޔަރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ ހަ ދުވަހަށް މުއްދަތު ޖަހާފައި އެވެ. އެކަމަކު އެ އަމުރު އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ގާސިމް ހައްޔަރު ކޮށްފައިވަނީ އިމްތިޔާޒު ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދޫކޮށްލަން އަމުރު ކޮށްފައި އެވެ.
މިފަހަރު ޤާސިމް ހައްޔަރުކޮށްފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް ނެރުއްވި އަމުރަކަށެވެ. އެކަމަކު ޤާސިމްގެ ޤާނޫނީ ޓީމުންވަނީ މިފަހަރުވެސް ޤާސިމްގެ ބަންދު މުއްދަތު ޖަހާފައިވަނީ އިމްތިޔާޒު ޤާނޫނާ ޙިލާފަށްކަމަށާއި، ބަންދު އިތުރުކުރުމަށް ވެސް ކޯޓުގައި އެދެން ޖެހޭނީ ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް ބުނެ ހައިކޯޓުގައި ވަކާލާތުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް