ކޮންމެ ތަނެއްގައި ހުރެގެންވެސް އުރީދޫގެ ހިއްސާދާރަކަށް ވުމުގެ ފުރުސަތު!

އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށް ވާން ބޭނުންވާ ފަރާތްތަކަށް ކޮންމެ ހިސާބެއްގައި ހުރެގެން ފޯމް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ. އުރީދޫއިން ވަނީ އިއްޔެއިން ފެށި...

01 May 2017 | 02:15

އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށް ވާން ބޭނުންވާ ފަރާތްތަކަށް ކޮންމެ ހިސާބެއްގައި ހުރެގެން ފޯމް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫއިން ވަނީ އިއްޔެއިން ފެށިގެން މިމަހުގެ 28 ގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާ ގަންނަ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައި އެވެ. އުރީދޫގެ ހިއްސާއެއް ވިއްކަނީ 30 ރުފިޔާ އަށެވެ.

އެ ކުންފުނިން ބުނީ އިންޓަނެޓްގެ މެދުވެރިކޮށް ހިއްސާ ގަތުމަށް އުރީދޫގެ ވެބްސައިޓު ނުވަތަ މޯލްޑިވްސް ސެކިއުރިޓީ ޑެޕޮސިޓްރީގެ ވެބްސައިޓުން ފަސޭހަ ކަމާއި އެކު އެކައުންޓެއް ހުޅުވައިގެން ހިއްސާ ގަތުމުގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރެވޭނެ ކަމަށެވެ. އަދި ފޯމް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަލެކްޝަން ޕޮއިންޓުތަކެއް ގާއިމް ކުރެވިފައިވާ ކަމަށެވެ.

ފޯމް ބަލައިގަންނަން ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތައް، އުރީދޫ ބިޒްނަސް ޕާޓްނާ ޝޮޕްތައް، ޕޯސްޓް އޮފީސް، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ގޮފިތައް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ގޮފިތަކާއި ލައިސަންސް ލިބިފައިވާ ޑީލިންގް ކުންފުނިތަށް ހިމެނެއެވެ. ފޯމް މެދުވެރިކޮށް ހިއްސާ ބަލައިގެންނާނެ ތަންތަނުގެ ލިސްޓެއް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ފެންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު އެވެ.

އުރީދޫއިން ފުރަތަމަ ވިއްކަން ނިންމާފައިވަނީ އެ ކުންފުނީގެ 15 ޕަސެންޓަށްވާ 22 މިލިއަން ހިއްސާ އެވެ. ހިއްސާ ގަތުމަށް ހުޅުވާލާފައިވާ މުއްދަތުގައި އެއަށްވުރެ ގިނައިން ހިއްސާ ގަތުމަށް ހުށަހަޅާނަމަ 40 ޕަސެންޓަށްވާ 59 މިލިއަން ހިއްސާ ވިއްކާނެ އެވެ.

އުރީދޫއިން ހިއްސާ ގަންނަ ފަރާތްތަކުން މަދުވެގެން 50 ހިއްސާ ގަންނަން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް