އުފަންވި އިރު ތިން ފައި ހުރި ކުއްޖެއް އޮޕަރޭޝަންކޮށް އެފައި ވަކިކޮށްފި

ބަންގްލަދޭޝްގައި އުފަންވި އިރު ތިން ފައި ހުރި ކުއްޖެއް އޮޕަރޭޝަންކޮށް އެފައި ވަކިކޮށްފި އެވެ. އޮސްޓްރޭލިއާގެ ވިކްޓޯރިއާގައި ހުންނަ މޮނާޝް ޗިލްރަން ހޮސްޕިޓަލުން ކުރި އެ އޮޕަރޭޝަންވަނީ ވަރަށް ކަމިޔާބުކަ...

01 May 2017 | 02:10

ބަންގްލަދޭޝްގައި އުފަންވި އިރު ތިން ފައި ހުރި ކުއްޖެއް އޮޕަރޭޝަންކޮށް އެފައި ވަކިކޮށްފި އެވެ.

އޮސްޓްރޭލިއާގެ ވިކްޓޯރިއާގައި ހުންނަ މޮނާޝް ޗިލްރަން ހޮސްޕިޓަލުން ކުރި އެ އޮޕަރޭޝަންވަނީ ވަރަށް ކަމިޔާބުކަމާއެކު ނިންމާލައިފައި އެވެ.

ޗޮއިޓީ ކާތުން ކިޔާ ތިން އަހަރުގެ އެ ކުއްޖާ އުފަންވީ ކޯޑަލް ޓުވިނިންގ ސިންޑްރޯމާއެކު އެވެ. ކޯޑަލް ޓުވިނިންގ ސިންޑްރޯމަކީ ބައެއް ކުދިން އުފަންވާއިރު އެހެން އިތުރު ކުއްޖުއް ނުވަތަ ޓުވިންސް ކުއްޖެއް އަނެއް ކުއްޖާގެ ގަޔާގުޅިގެން އުފެދެން ފެށުމެވެ.

ނަމަވެސް ދެ ކުދިން އުފެދުމުގައި ދިމާވާ ޑީއެންއޭގެ މައްސަލަތަކެއްގެ ސަބަބުން އެއް ކުއްޖަކު އުފަންވާއިރު އަނެއް ކުއްޖާ ރަނގަޅަށް ހެދި ބޮޑުނުވުމެވެ. އެ ކުއްޖާގެ ގައިގެ ބައިތައް ހުންނީ އުފަންވާ ކުއްޖާގެ ގައިގެ ބައިތަކާއި ގުޅިފައި އެވެ.

ޗޮއިޓީ އޮޕަރޭޝަން ކުރުމަށްޓަކައި އޮސްޓްރޭލިއާއަށް ގެންދިޔާއީ ބަންގުލަދޭޝްގެ ޗެރިޓީ ފިސްޓް ފައުންޑޭޝަންގެ ފަރާތުންނެވެ.

މޮނާޝް ޗިލްރަން ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ޗޮއިޓީގެ އޮޕަރޭޝަންކުރީ ބަންގުލަދޭޝްގައި ޗޮއިޓީއަށް ފަރުވާކޮށްފައިވާ ޑޮކްޓަރުންނާއި ބައްދަލުކޮށް، މަޝްވަރާކުރުމަށްފަހު އެވެ. ބަންގުލަދޭޝްގެ ޑޮކްޓަރުންވަނީ މީގެ ކުރިން ޗޮއިޓީގެ ތިންވަނަ ފައިގެ އެއްބައި އޮޕަރޭޝަންކޮށްގެން ވަކިކޮށްފައެވެ.

ފެނުމުގައި ކުޑަ އައިބު ގޮތެއް ހުންނަ ޗޮއިޓީއަށް އޮޕްރޭޝަނަށްފަހު ހިނގާވެ ބިނގާވެއުޅުމަށް މިހާރު ފަސޭހަވާނެކަމަށާއި އަދި އޭނާ ދެންޖެހޭނީ ބަރުދަން ހިފެހެއްޓުމަށް މަސައްކަތްކުރަން ކަމަށް ޑޮކްޓަރުން ބުންޏެވެ.

ޗޮއިޓީގެ ކާމިޔާބު އޮޕަރޭޝަނަށްފަހު އޭނާގެ މަންމަ މިހާރު ތައްޔާރުވަނީ އޭނާ ގޮވައިގެން އެންބުރި ޤައުމަށް ދިއުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް