އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ
އެމެރިކާގެ ފަރާތުން ހުށަހަޅާފައިވާ އެއްވެސް
ހުށަހެޅުމަކަށް އީރާނުން ޖަވާބު ދީފައިނުވާނެ ކަމަށާއި، މިވަގުތު އެމެރިކާއާއެކު
މަޝްވަރާ ކުރުމުގެ އެއްވެސް އަސާސެއް ނެތް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް
އަރާގްޗީ ވިދާޅުވެއްޖެއެވެ.
އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އަރާގްޗީ
ވިދާޅުވީ، އެމެރިކާގެ ފަރާތުން ސީދާކޮށްނާއި ސަރަހައްދީ ރަހުމަތްތެރި ގައުމުތައް
މެދުވެރިކޮށް މެސެޖުތައް ލިބެމުންދާ ކަމަށާއި، ބޭނުންޖެހޭ ކޮންމެ ހިނދެއްގައި އެ
މެސެޖުތަކަށް ޖަވާބުދެމުންދާ ކަމަށެވެ.
ޕާކިސްތާނުގެ އިސް އޮފިޝަލުންނާ ހަވާލާދީ ދާދި ފަހުން
މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ، އެމެރިކާގެ ހުށަހެޅުންތައް ހިމެނޭ 15 ނުކުތާގެ
ޕްލޭނެއް އިސްލާމްއާބާދުން އީރާނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އީރާނުން އޭގެ
ރައްދުގައި ފަސް ނުކުތާގެ ހުށަހެޅުމެއް ދީފައިވާ ކަމަށް ދެކެވޭ ވާހަކަތައް
އަރާގްޗީ ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ އީރާނުން އެއްވެސް އެއްޗެއް
ހުށަހަޅާފައި ނުވާނެ ކަމަށާއި، އެއީ މީޑިއާތަކުން އަމިއްލައަށް އުފައްދާފައިވާ
"ހީތަކެއް" ކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެމެރިކާއަށް ކުރާ
އިތުބާރު މިހާރު ވަނީ "ޒީރޯ" އަށް ވެއްޓިފައި ކަމަށެވެ. އެހެންކަމުން،
ހަމަލާބަދަލުކުރުން ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމެއް އީރާނުން ގަބޫލުނުކުރާނެ
ކަމަށާއި، އޭގެ ބަދަލުގައި ބޭނުންވަނީ ހަނގުރާމަ މުޅިން ހުއްޓާލުމަށާއި ލިބުނު
ގެއްލުމުގެ ބަދަލު ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. މި ހަނގުރާމަ ފެށުނީ
ފެބްރުއަރީ 28 ވަނަ ދުވަހު އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަކޮށްލުމާ
ގުޅިގެންނެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ވެސް
ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. އީރާނުން ވަނީ ހޯރްމުޒް ކަނޑުއޮޅިން
ދަތުރުކުރާ އުޅަނދުތައް މަދުކޮށް، އެ ކަނޑުއޮޅި "ދުޝްމަނުންގެ"
އުޅަނދުތަކަށް ބަންދުކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ތެލުގެ ވިޔަފާރީގެ
ގާތްގަނޑަކަށް 20 އިންސައްތައަށް ވަނީ ބުރޫ އަރާފައެވެ.
މި ހަނގުރާމަ ހުއްޓުވުމަށްޓަކައި ތުރުކީ، މިސްރު އަދި
ޕާކިސްތާނު ގުޅިގެން ޑިޕްލޮމެޓިކް މަސައްކަތްތަކެއް ފަށާފައިވާއިރު، އީރާނުން
ތުހުމަތުކުރާ ގޮތުގައި އެމެރިކާއިން ދަނީ އެއްގަމު މަގުން ހަމަލާއެއް ދިނުމަށް
ތައްޔާރުވަމުންނެވެ. މިގޮތުން 3,500 މެރިންސް އާއެކު "ޔޫއެސްއެސް ޓްރިޕޮލީ" އެ ސަރަހައްދަށް އައުމަކީ އެކަމުގެ ނިޝާނެއް ކަމަށް އީރާނުގެ އޮފިޝަލުން
ސިފަކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް