ހިތާމަވެެރި ހާދިސާއެއް - ހިތްދަތި މަންޒަރުތަކެއް

މިއީ މިއަދު ހެނދުނު 10:20 ހާއިރު، ރާދަފަތި ހިނގުމުގައި ހުންނަ ގ. ގްރީން ބީންސްގައި ހިނގި އަލިފާނުގެ ހާދިސާގެ ވާހަކައެވެ. މަތީގައި ތިބި މީހުން ސަލާމަތަށް އެދި ގޮވަމުން ދިޔައިރު އިމާރާތުގެ ދެ ފްލޯއިންވެ...

01 Apr 2019 | 12:17

މިއީ މިއަދު ހެނދުނު 10:20 ހާއިރު، ރާދަފަތި ހިނގުމުގައި ހުންނަ ގ. ގްރީން ބީންސްގައި ހިނގި އަލިފާނުގެ ހާދިސާގެ ވާހަކައެވެ.

މަތީގައި ތިބި މީހުން ސަލާމަތަށް އެދި ގޮވަމުން ދިޔައިރު އިމާރާތުގެ ދެ ފްލޯއިންވެސް ބޯކޮށް ދުން އަރަމުން ދިޔަ މަންޒަރު ފެނުނެވެ. ތިރީ ގިނަ ބަޔަކު ޖަމާވަމުން ދިޔައިރު، ސިޑިން ފޭބުމަށް ތިރީގައި ތިބި މީހުން ގޮވަމުން ދިޔައެވެ. ނަމަވެސް މަތިން ބުނަމުންދިޔައީ އަލިފާން ރޯވެފައި ހުރީ ލިފްޓް ގޮޅީގައި ކަމުން ސިޑިން ތިރިއަށް ފޭބެން ނެތް ކަމަށެވެ.

ދެ ފްލޯގެ ތިން ބައިން މީހުން ނިކުމެ ބެލްކަނީގައި ހަދާނެ ގޮތް ހުސްވެފައި ތިބި އިރު އަލިފާނުގެ ބޮޑު ކުޑަމިނެއް އޭރު އަންދާޒާވެސް ކޮށް ނުލެވެއެވެ. ބޭރުގައި ތިބި މީހުންނަށްވެސް އަލިފާން ހިފާފައިވަނީ ލިފްޓް ގޮޅީގައިކަން އެނގުނީ ތިން ހަތަރު މީހަކުވެގެން ފައިން ޖަހާ ގޭޓު ވައްޓާލުމުންނެވެ.

މިފަދަ ކާރިސީ ކޮންމެ ހާލަތެއްގައިވެސް ދިވެހިންގެ އެއްބައިވަންތަކަން ފެނިގެން ދާހެން މިއަދުވެސް އެމީހަކު އަތު ޖެހުނު ތާކުން ފެން ގެނެސް މާ ގިނަ އިރުތަކެއް ނުވެ އެއަލިފާން ނިއްވާލިއެވެ.

މަތިން އަންހެނަކު ފުންމާލަންވެސް އުޅުނެވެ. ރޮމުން ބުނަމުން ދިޔައީ ސަލާމަތް ކޮށްދިނުމަށެވެ. އެކަކު ފޮތިތަކެއް ގުޅުވައި އޭގެ އެހީގައި ފައިބަންވެސް އުޅުނެވެ. މަތީގައި ތިބި އެންމެންވެސް ތިބީ ހާސްވެ ހަދާނެ ގޮތް ހުސްވެފައެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ އަލިފާން ނިއްވާލެވުމުން މީހުންތައް އެ އިމާރާތުން މަގުމައްޗަށް ނިކުތެވެ.

ސިފައިންނާއި ފުލުހުން އައިސް އެމީހުން އިމާރާތުން ނެރުމުގައި އެހީތެރިކަން ފޯރުކޮށްދިން އިރު ކުޑަ ތިން ކުއްޖަކުވެސް އެ އިމާރާތުން ނެރުނެވެ. އެ ކުދިންގެ ލޮލުން ބިރުގަނތްފައި ތިބި ވަރު އިހުސާސް ކުރެވުނެވެ. މޫނުން ހާސްވެފައިވާ މަންޒަރު ފެންނަން ހުއްޓެވެ.

ގާތްގަނޑަކަށް އޭގެ ގަޑިއެއް ހާއިރުފަހުން އެ އިމާރާތަށް ގޮސް އެކަން ހިނގަން މެދުވެރިވި ސަބަބު ސާފުކޮށްލެވޭތޯ ބެލި ބެލުމުން އެނގުނު ގޮތުގައި އަލިފާން ރޯވީ ލިފްޓް ގޮޅީގައި ހުރި ކުނިތަކުގައެވެ.

އެތައް ބައިވަރު ކުނި އެ ލިފްޓް ގޮޅީގައި ހުރި އިރު، އޭގެ ތެރޭގައި ފޮތާއި ފޮއްޓާއި އަންނައުނު ފަދަ ކުނިބުނި ޖަމާކޮށްފައި ހުއްޓެވެ. ބެލެވޭ ގޮތުގައި އެ ހާދިސާ ހިނގާފައި އެވަނީ އެ ތަނަށް ސިނގިރޭޓު ބުރިއެއް ވެއްޓުން ފަދަ ކަމެއް ހިނގައިގެންނެވެ. އެ ގޭގައި އުޅޭ ބައެއް މީހުންވެސް ގަބޫލު ކުރަނީ ކަން ހިނގީ އެހެން ކަމަށް ބެލެވޭ ކަމަށެވެ.

އަދި އެ ގޭގައި އުޅޭ ބައެއް މީހުންނާއި ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި އެއް ކުއްޖަކަށް ދުމުގެ އަސަރު ކޮށްފައިވާތީ ހޮސްޕިޓަލަށްވެސް ގެންގޮސްފައިވެއެވެ.

ގޭތެރޭގައާއި، ގެއިން ބޭރުގައިވެސް މިފަދަ ގޮތް ގޮތަށް ކުނި އެއްކޮށްފައި ބެހެއްޓުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ގޭގޭގެ ފުރާޅު މަތީއާއި، ސިޑި ގޮޅި ތަކުގައި ކުނި ބެހެއްޓުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. މިކަހަލަ ކަމެއް ވެދާނެ ކަމަށް ކުރިއާލައި ވިސްނައި، މިފަދަ ތަންތާ ކުނި އެއްކޮށްފައި ނުބެހެއްޓުމަށް އިލްތިމާސްކުރަމެވެ. އަދި ސިގިރޭޓް ފިލްޓާރ ފަދަ ތަކެތި އަތުހެނު ތަނަކަށް އެއްލާ ނުލުމަށްވެސް އިލްތިމާސް ކުރަމެވެ. ކުރެވޭ ކުޑަ ކުޑަ ކަމަކުންވެސް ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް