ޗައިނާގައި އަމިއްލައަށް ލައިސަންސް ހަދައިގެން އުޅުނު މީހަކު ޓްރެފިކް ޕޮލިހުން އަތުލައިގަނެފިއެވެ.
މި މީހާ އަތުލައިގަނެފައި ވަނީ ޗައިނާގެ ލިއުޗޯ ސިޓީއިންނެވެ. ކިން ނަމަކަށް ކިޔުނު މި މީހާގެ ލައިސަންސް ހިފެހެއްޓި ފުލުސްމީހާ ބުނީ، އޭނާ އަތުގައި އޮތީ އަތުލިޔުމުން ލިޔެފައިވާ ލައިސަންސެއް ކަމަށެވެ. އޭގައި އޭނާގެ ނަމާއި، އެޑްރެސް، ސައިކަލުގެ މޮޑެލް އަދި ލައިސަންސް ޕްލޭޓްވެސް ލިޔެފައިވެއެވެ. އަދި ތެރެހުން އޭނާގެ ފޮޓޯއެއް ތަތްކޮށްފައިވާކަމަށް ވެސް ފުލުސްމީހާ މައުލޫމާތުދެއެވެ.
އެ ފުލުސްމީހާ އިތުރަށް ބުނީ، މި ވީހާ ދުވަހު އެކަހަލަ ކަމެއް ނުފެންނަ ކަމަށާއި، ލައިސަންސް ހަދާފައިވާ ކަރުދާސްކޮޅު ފެނުމުން ފުރަތަމަ ހެވުނީ ކަމަށެވެ.
ކިން ބުނިގޮތުގައި އޭނާ އަމިއްލަޔަށް ލިޔެގެން ލައިސަންސް ހެދީ، ގަވާއިދާ އެއްގޮތަށް ސައިކަލު ދުއްވަން ދަސްކުރަން ދާން ކަންނެތްކަމުންނެވެ. ގަވާއިދާ އެއްގޮތަށް ދުއްވަން ދަސްކުރާނަމަ ފައިސާވެސް ހަރަދުވާނެ ކަމަށް ކިން ބުންޏެވެ. އޭނާ އިތުރަށް ބުނިގޮތުގައި، އެ ލައިސަންސް ހިފައިގެން ސައިކަލު ދުއްވާތާ މިހާރު ހައެއްކަ މަސް ވެދާނެ ކަމަށެވެ.
ފުލުހުން ވަނީ ކިން ޖޫރިމަނާކޮށްފައެވެ. އޭނާގެ ސައިކަލުގެ ރެޖިސްޓްރޭޝަންގެ މުއްދަތު ހަމަވެފައިވާތީ، ސައިކަލުވެސް ފުލުހުން ހިފަހައްޓާފައިވާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް