އިއްޔެ ބައެއް ނޫސްތަކުގައި، އުމުރުން ސޯޅަ އަހަރުގެ އަންހެން ކުއްޖަކު، އެ ކުއްޖާގެ މަންމަ އާއި ހަވާލު ނުކޮށް ދޮން ބައްޕައާއި ހަވާލުކުރަން ފެމިލީ ކޯޓުން ހުކުމް ކޮށްފި ކަމަށްބުނެ ހަބަރު ޖެހިއެވެ. މި ހަބަރު މި ނޫހުގައިވެސް ޖަހާފައިވާނެ އެވެ. ނަމަވެސް މިހާރު ވާނީ އެ ހަބަރު ނޫހުންނާއި ސޯޝަލް މީޑިއާގެ އެކައުންޓްތަކުން ނަގާފައެވެ.
އެ ހަބަރު އިއްޔެ، މި ނޫހުގައި ޕަބްލިޝް ކޮށްފައިވާނީ ހަވީރު 06:06ގައެވެ.
----------------------------------------------
ރޭ، ގާތްގަނޑަކަށް 09:30 ހާއިރު މީހަކު ގުޅާފައި، ސިޓްރޯން އަށް އާދެވިދާނެތޯ އެހިއެވެ. ދިއުމުން އެއީ، މަތީގައި ބުނެވި ދިޔަ ހަބަރުގައި އެ ބުނާ ދޮންބައްޕަ ކަން އެނގުނެވެ. އަދި މިކަމުގައި އޭނާގެ ފަރާތުން އެތައް ވާހަކަތަކެއް ސާފުވެގެން ދިޔައެވެ.
"އަހަންނާ ހަވާލު ކުރާކަށް ނޫން ހުކުމް ކުރީކީ، ހުކުމް ކުރީ މަންމަ އާއި ހަވާލުކުރާނެ ތަނެއް ނެތް ކަމަށް" އޭނާ ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި އެ ކުއްޖާގެ މަންމައާއި ކައިވެނި ކުރީ ގާތްގަނޑަކަށް މީގެ 14 އަހަރު ކުރިންނެވެ. އޭރު އެ އަންހެން މީހާ ރަށް މެދަށް ބަލިވެ އިނދެ ވިހާފައިވުމުން ކައިވެނި ކުރީ ބަންދުގެ މުއްދަތު ހަމަވި ފަހުން ކަމަށް ކިޔާ ދިނެވެ. އަދި އެ އަންހެން ކުއްޖާ އަށް އޭރުވާނީ އުމުރުން ދެ އަހަރު ކަމަށްވެސް ކިޔާ ދިނެވެ.
އިތުރަށް ބުނިގޮތުގައި އެ ކައިވެންޏަށް އިތުރު ދެ ކުއްޖަކު ލިބިފައިވެއެވެ. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ދިރިއުޅެމުން ދިޔައީ ލަންކާގައި ކަމަށް ކިޔާދިނެވެ. އަދި ކަންތައް މި ހިސާބަށް އައިގޮތް ތަފްސީލުކޮށް ކިޔާދިނެވެ.
"އިނދެގެން ލަންކާގައި އުޅުނު އިރުވެސް ވަރަށް ގޯސްކޮށް އުޅުނު (16 އަހަރުގެ އަންހެންކުއްޖާ) އަށްވެސް އެނގިގެން އަހަރެން (ބައްޕަ) ގާތު ކިޔާދޭ، އެކަމަކު ނޯންނާނެ އަނިޔާއެއް ކޮށް ޒުވާބެއްވެސް ކޮށްފައެއް" އޭނާ ކިޔާދިނެވެ.
ކިޔާދިން ގޮތުގައި އޭނާ އަކީ ކުރިން ސިފައިންގޭގައި އުޅުމަށްފަހު ސިފައިންގެއިން ކެނޑި މިހާރު އަމިއްލަ މަސައްކަތް ކުރަމުން އަންނަ މީހެކެވެ. ނުވަ ދަރިން ތިބި އިރު މި އަންހެން ކުއްޖާއާއެކު ހަ އަންހެން ކުދިން އެބަތިއްބެވެ. އެ ބަނޑަށް ލިބުނު ތިން ކުދިންނާއެކު ލަންކާގައި އުޅެފައި މިކޮޅަށް ބަދަލުވިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ.
ކިޔާދިން ގޮތުގައި އެ އަންހެން މީހާ ވަރިވެގެން ދިޔައީ އަމިއްލައަށެވެ. އަދި ދިޔައީ ތިން ކުދިންވެސް އޭނާ ގާތު ލަންކާގައި ބައިތިއްބާފައެވެ. އަދި ބޭނުންވެގެން އުޅެނީ ހަމަ އެކަނި 16 އަހަރުގެ އަންހެން ކުއްޖާ ކަމަށާއި އެކުއްޖާ ގެންދަން އުޅެނީ ރަށަށް ގެންގޮސް މަސައްކަތް ކުރުވަން ކަމަށްވެސް ކިޔާދިނެވެ.
އެފަދަ އެތައް އެތައް ވާހަކަ ތަކެއް އޭނާ އަހަންނަށް ކިޔާދިނެވެ. ނަމަވެސް ހަމަ އެކަނި އެ ވާހަކަ ތަކަށް ބުރަވެ ލިޔުމެއް ލިޔެ މުޖްތަމައަށް ދޫކޮށްލުން ރަނގަޅު ނުވާނެތީ، އާއިލާ އާއި އެކު އެ 16 އަހަރުގެ އަންހެން ކުއްޖާ އާއި ބައްދަލުކޮށް ވާހަކަދައްކާލެވިދާނެތޯ އަހާލީމެވެ. އަދި އެކަމަށް އޭނާ އާއެކު އެ ގެއަށް ދިޔައިމެވެ.
ތިރީގައި މަޑުކޮށްލުމަށް ސޯފާއާއި ދިމާއަށް އިޝާރާތް ކޮށްލުމަށްފަހު އޭނާ މައްޗަށް ދިއުމުން ސިޓިން ރޫމަށް ނަޒަރު ހިންގާލި އިރު ލޮލުގައި ޗާޓެއް އަޅައިގަތެވެ. ގޭ އެންމެންގެ ނަމާއެކު އިއްޔެ ނިމިދިޔަ މާރިޗު މަހަށް ތައްޔާރުކޮށްފައިވާ ނަމާދު ޗާޓެކެވެ. އެ ޗާޓުގައި ގޭ އެންމެންގެ ނަމާއެކު "ބައްޕަ" މިނަންވެސް މިގޮތަށް ހިމަނާފައިވެއެވެ.
ޗާޓާ ގާތަށް ގޮސް ކައިރިން ޗާޓު ބަލާލި އިރު ވަރަށްވެސް ފުރިހަމަ ޗާޓެކެވެ. ނަމާދު ނުކުރާ ހަމަ އެކަކުވެސް ނެތް ކަމާއި ހަމަ ކޮންމެ ދުވަހަކު ފަސް ވަގުތު ނަމާދުކޮށް ޗާޓުގައި "ސްޓާ" ޖަހާފައި ހުއްޓެވެ. ހެޔޮ ތަރުބިއްޔަތެއް ލިބިފައިވާ ދަރިންތަކެއް އުޅޭ ގެއެއްކަމުގެ އިހުސާސް ހަމަ އެކަނި އެ ޓޭބަލަށް ބަލާލާފައި ކުރެވުނެވެ.
އިރުކޮޅަކުން އެ ކުއްޖާ އާއި އަދި އިތުރު ކުއްޖަކުވެސް ތިރިއަށް އައެވެ. އެ ކުއްޖާ އާއި ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި އެ ކުއްޖާގެ މަންމަ އެ ކުއްޖާއަށް ގުޅާފައި ރަށަށް ގެންދަން ބޭނުން ކަމަށް ބުނެފައިވެއެވެ. އަދި ތައުލީމާއި ދޭތެރޭ ވިސްނަން ނުޖެހޭނެ ކަމަށާއި މަންމަ ގާތަށް ދިއުމަށް އެދުނު ކަމަށް ބުނެފައިވާކަން އެނގުނެވެ.
އެ ކުއްޖާ އާއި ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި އެ ކުއްޖާ މަންމަ ގާތަށް ދާން އެ ކުއްޖާ ބޭނުން ނޫންކަން އެނގުނެވެ. އަދި ބޭނުންވަނީ ކިޔަވާ މޮޅު ކުއްޖަކަށްވެ އިންޓީރިއަރ ޑިޒައިނިން ދާއިރާއިން ކުރިއަށް ދާންކަންވެސް އެނގުނެވެ.
ވާހަކަ ދައްކަމުން ދިޔައިރު އަދި އެއްކަމެއް ފާހަގަވިއެވެ. އެއީ އުމުރުން 16 އަހަރުގެ އެ ކުއްޖާއަތުގައި ފޯނެއް ނޯންނަ ކަމެވެ. އަދި ގްރޭޑް 10 ނިމެން ވާއިރަށް ބައްޕަ އޮތީ ފޯނެއް ގަނެފައި ކަމާއި އޭގެ ކުރިން ފޯނެއް ބޭނުން ނުވާކަން އެނގުނެވެ. އަދި އޭގެ ކުރިން ފޯނެއް ދޭން އެކުއްޖާގަ ބައްޕަ (ދޮންބައްޕަ) ބޭނުން ނުވާކަންވެސް އެނގުނެވެ. ސަބަބަކީ ގޯސް މަގަކުން ދިޔަ ނުދިނުމާއި ތައުލީމާ ތަރުބިއްޔަތުން ކައްސައި ނުލުންކަން ފާހަގަ ކުރިއެވެ.
މި ކުއްޖާގެ ކޭސްގައި ބައެއް އިތުރު ސަރުކާރުގެ ސޯސްތަކުންވެސް މައުލޫމާތު ސާފުކުރި އިރު ޖެންޑާގައިވެސް އަދި ކޯޓުގައިވެސް މި ކުއްޖާ ބުނެފައިވަނީ މަންމަ ކައިރިއަށް ދާން ބޭނުން ނޫން ކަމާއި އުޅެން ބޭނުންވަނީ ބައްޕަ އާއި ދެ ކޮއްކޮ އާއި އެކުގައި ކަމަށް ތަކުރާރުކޮށް ބުނެފައިވެއެވެ.
ނަމަވެސް އެ ކުއްޖާ މިހާރުވެސް ދެރަވާ އެއް ކަމެއް އެބަ އޮތެވެ. އެއީ ސްކޫލު މާހައުލުގައިވެސް ބައެއް މީހުން މިކަންކަމާއި ގުޅުވައި ދިމާކުރާ ކަމެވެ. އަދި އެކަންކަމާއި އާއިލާގައި ހިނގަމުން މިދާ ކަންކަމުން ކިޔެވުމަށް އަސަރުކުރާކަން އެ ކުއްޖާ ފާހަގަ ކުރިއެވެ. އަދި ކޯޓު މަރުހަލާފައިވެސް ޖެންޑާގައިވެސް އެއީ ދޮން ބައްޕަ ނޫން ކަމަށާއި އެއީ ބައްޕަ ކަމަށް ތަކުރާރުކޮށް އެ ކުއްޖާ ބުނާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް