ސަރުކާރުގެ މިނިސްޓަރުންތަކަކާއި އެކު ޙުސެއިން ޘަޤީފު ދާއިރާއަށް ވަޑައިގެންފިއެވެ.
ޢަދާލަތު ޕާޓީގެ ޓިކެޓްގައި ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ޙުސައިން ޘަޤީފުއަށް ކެންޕެއިން ކުރުމުގެ ގޮތުން ސަރުކާރުގެ އިސްވަފުދެއް ވައިކަރަދޫ ދާއިރާއަށް ވަޑައިގެންފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
މި ވަފުދު ވައިކަރަދޫ ދާއިރާގެ އިތުރުން މަކުނުދޫ ދާއިރާއަށްވެސް ޒިޔާރަތް ކުރައްވާނެއެވެ. ދައިރާގެ ރަށްތަކަށް ވަޑައިގެން ޘަޤީފުގެ ކެންޕެއިންގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރަށް ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ހިޔާލު ހޯއްދަވާ ސަރުކާރުގެ ތެރެއިން ހައްލު ހޯއްދެވެންހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވިގެންދާނެއެވެ.
މި ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ މި ސަރުކާރުގެ އިސް ހަތަރު ލީޑަރުންގެ ތެރެއިން އެއް ލީޑަރ އަދި ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲއެވެ. ދެން ހިމެނި ވަޑައިގަންނަވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް އަހުމަދު ޒާހިރު، ފައިނާންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަރީފު، ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިިިނިސްޓަރ އަޙްމަދު މުޙްސިން، ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތު ޝިޔާމާ މުޙައްމަދު އަދި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނަޝީދުއެވެ.
މިސަރުކާރުގެ މެނިފެސްޓޯއަށް ފުރިހަމައަށް ތާއީދުކުރައްވާކަމަށް ވިދާޅުވާ ޘަޤީފުއަކީ މީގެ ކުރިން ހދ އަތޮޅު ކައުންސިލްގެ މެމްބަރުކަމާއި ހދ އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށް ކެމްޕޭން ކުރުމަށް ހދ އަތޮޅުގައި ހަރަކާތްތެރިވި ޓީމުގައި އިސްކޮށް އުޅުއްވި ޘަޤީފު އަކީ ދާއިރާއަށް ފަރިތަ މޫނެއްކަން ފާހަގަކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް