ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އިފްތިތާހު ކޮއްފިއެވެ.
މިނިސްޓްރީ އޮފް ޔޫ ތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ ދަށުން ރަސްމީކޮށްފައިވާ މި ޖަމިއްޔާއަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އިފްތިތާހުކޮށްދެއްވި ޖަމިއްޔާއެކެވެ.
މި ރަސްމިއްޔާތުގައި ގަވާނިން ބޯޑުގައި އެންޑޯމެޓްރިއޮސިސްގެ ޝިކާރައަކަށް ވެފައިވާ ހަތަރު މީހުންގެ އިތުރުން މި ބައްޔަށް ފަރުވާކުރާ ޑޮކްޓަރުންވެސް ބައިވެރިވެވަޑައިގަތެވެ.
މި ޖަމިއްޔާ އުފެއްދުމުގެ ބޭނުމަކީ މި ބައްޔާ ބެހޭގޮތުން ގިނަ ބަޔަކު ހޭލުންތެރިކޮށް މި ބަލީގެ ޝިކާރަ އަކަށް ވެފައިވާ މީހުންނަށް ހިތްވަރު ދިނުން ކަމަށް މި ޖަމްއިއްޔާގެ ފައުންޑާ އަދި ޗެއާޕާސަން ފާތިމަތް މިޒްނާ އަލީ ބުންޏެވެ.
އެންޑޯމެޓްރިއޮސިސް އަކީ ދާއިމީ ފަރުވާއެއް ހޯދިފައިނުވާ ބައްޔެކެވެ. އެންޑޯމެޓްރިއޮސިސް އަކީ އެންޑޯމެޓްރިއަމްގެ ޓިޝޫތައް ރަހިމުން ބޭރުގައި އުފެދިފައި ހުރުމުން ޖެހޭ ބައްޔެކެވެ. އަދި މި ބަލި ޖެހުމަށް މެދުވެރި ކުރުވާ މައިގަނޑު ސަބަބު ހޯދިފައި ނުވިނަމަވެސް މި ބައްޔަށް މަގުފަހި ކުރުވާ ކަމަށް ބެލެވޭ ކަންތައްތަކެއް ވެއެވެ. އެގޮތުން، އުމުރުން 12 އަހަރު ނުވަނީސް މައްސަރު ކަންތައް ދިމާވުމާ އަދި މައްސަރު ކަންތައް މާ އަވަސްއަވަހަށް ޖެހުމާ އައިލީ މެންބަރެއްގެ ފަރާތުން ބަލި ވާރުތަވުން ހިމެނެއެވެ.
އަދި މި ބަލީގެ މާ ގިނަ އަލާމާތްތަކެއް ބައެއްމީހުން ކިބައިން ނުފެނި ދިޔަ ނަމަވެސް އެންޑޯމެޓްރިއޮސިސްގެ ޝިކާރައަކަށް ވެފައިވާ ގިނަ އަންހެނުންނަކީ ގިނަ ސިއްހީ މައްސަލަތަކާއި ވޭން ތަހައްމަލު ކުރަމުންދާ މީހުންނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް