ސުޕްރީމް ކޯޓުގެ ފަނޑީޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރު މިރޭ ގޭ ބަންދުން ދޫކޮށްލައިފި އެވެ.
ނާސިރާ ހައްޔަރު ކުރީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު އެވެ. މީގެ އިތުރުން ނާސިރާ މައްޗަށް ވަނީ ރިޝްވަތުގެ ތުހުމަތު ކޮށްފައި އެވެ.
ނާސިރާ މިރޭ ގޭ ބަންދުން ދޫކޮށްލީ އޭނާ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ. ހައްޔަރު ކުރި ދުވަހުން ފެށިގެން މިދިޔަ މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ނާސިރާ ހުންނެވީ ދޫނިދޫ ޖަލު ބަންދުގައި އެވެ.
އެ ދުވަހު މުއްދަތު ޖެހުމަށް ހާޒިރު ކުރުމުން އޭނާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފައި އެވެ. ގޭބަންދަށް ބަދަލު ކުރީ ނާސިރާގެ ދިރިއުޅުމާއި ސިއްހީ ހާލަތާއި ގުޅޭގޮތުން އާއިލާއިން ބަޔާނެތް ނެރުނު ފަހުންނެވެ.
ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި، ފަނޑިޔާރު އަލީ ހަމީދުގެ އާއިލާ އަށް، ރާއްޖޭގައި ވިޔަފާރި ހިންގަމުން އަންނަ ބިޔަ ކުންފުންޏަކުން 2.4 މިލިއަން ޔޫއެސް ޑޮލަރުގެ އެހީއެއް، ލޯނެއްގެ ގޮތުގައި ދީފައި ވެ އެވެ. އަދި އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް