ބާޒާރުމަތީގައި ހުންނަ ފިހާރަތަކުން ރިސޯޓުތަކަށާއި އަތޮޅުތެރޭ ރަށްރަށަށް މުދާ ގެންދިއުމަށް ދުވާލު ގަޑީގައި ތަކެތި ދޯނި ފަހަރަށް އުފުލޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
މިއަދު އަމަލު ކުރަން ފެށި މާލެ ތެރޭގައި މުދާ އުފުލުމާއި ބެހޭ ގަވައިދުގައި ބުނެފައިވަނީ ގޭސް ފިޔަފާ އާންމުކޮށް ޕިކަޕުތަކަށް ބަރުކޮށް އުފުލާ މުދާ ދުވާލު އުފުލުން މަނާވާނެ ކަމަށެވެ. ޕިކަޕުތަކާއި ލޮރީގައި މީގެ ފަހުން މާލެތެރޭގައި ހުންނަ ގުދަން ތަކަށާއި ފިހާރަތަކަށް މުދާ ގެންދެވޭނީ ހަވީރު 6:00 ން ހެނދުނު 6:00 އަށެވެ.
މި ގަވައިދު އިތުރަށް ސާފު ކޮށްދިނުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ ޓުވީޓެެއްގައި ބުނެފައިވަނީ ރިސޯޓުތަކަށާއި އަތޮޅު ތެރެއަށް މުދާ ގެންދިއުމަށް އޮޑި ދޯނި ފަހަރާ ހިސާބަށް އެއްގަމު އުޅަނދުގައި މުދާ ގެންދެވޭނީ ބަނދަރު މަތީގައި ހުންނަ ފިހާރަތަކުން ކަމަށެވެ. އެނޫން ތަންތަނުގައި ހުރި ފިހާރައެއް ނަމަ މުދާ އުފުލޭނީ ކަނޑައެޅިފައިވާ ގަޑީގައި ކަމަށެވެ.
އެކަމަކު ބާޒާރުމަތީގައި ހުރި ފިހާރައަކުން ޓީޖެޓީއަށް މުދާ އުފުލުން މަނާވާނެ ކަމަށް ބުނެފައިވެ އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ގެނައި މި ބަދަލާއި ގުޅިގެން މާލޭ ވިޔަފާރި ބަނދަރުން މުދާ އުފުލާ މަޖޫރީން މިއަދު ވަނީ އިހުތިޖާޖުކޮށްފަ އެވެ. އެމީހުން ބުނެފައިވަނީ ދުވާލު ގަޑީގައި އޮޑި ދޯނި ފަހަރަށް މުދާ ގެންދިއުމަށް ފަހު ރޭގަނޑު މަލެ ތެރޭގެ ފިހާރަތަކަށް މުދާ އުފުލަން ޖެހުމުން ވަރަށް ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް