ރިވެތި އަދަބުތަކުގެ ތެރެއިން ޤުރްއާން ކިޔެވުމުގެ އަދަބުތައް

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ފުރަތަމަ: ގުރްއާން ކިޔަވާ މީހާގެ އަދަބުތައް: އިޚްލާޞްތެރިވުން. ޢަމަލުތައް ގަބޫލުކުރެއްވުން ބިނާވެފައިވަނީ އިޚްލާޞްތެރިކަމާއެވެ. ﷲ ސ...

01 Apr 2018 | 10:51

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ފުރަތަމަ: ގުރްއާން ކިޔަވާ މީހާގެ އަދަބުތައް:

  1. އިޚްލާޞްތެރިވުން.

ޢަމަލުތައް ގަބޫލުކުރެއްވުން ބިނާވެފައިވަނީ އިޚްލާޞްތެރިކަމާއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ނަބިއްޔާ އަށް އަންގަވާފައިވަނީ އަޅުކަންތަކުގައި އިޚްލާޞްތެރިވުމަށެވެ. އުންމަތަށް އިޚްލާޞްތެރިކަން ދަސްކޮށްދެއްވުމުގެ ގޮތުންނެވެ. ސޫރަތުއްޒުމަރު ގެ 11 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (قلْ إنِّي أُمرتُ أنْ أعبُدَ اللهَ مُخلِصاً لهُ الدينَ) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ ﷲ އަށް އިޚްލާޞްތެރިކަމާއި އެކުގައި އަޅުކަން ކުރުމަށެވެ". ހަމަ އެސޫރަތުގެ 14 ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. (قل اللهَ أعبُدُ مخلِصاً لهُ ديني) މާނައަކީ: " ކަލޭގެފާނު ވިދާޅުވާށެވެ. އެކަލާނގެ ކިބައަށް އަހަރެންގެ ދީން ޚަލާޞްކޮށް އަހުރެން އަޅުކަން ކުރާނީ ހަމައެކަނި މާތް ﷲ އަށެވެ".

އަދި ޒުމަރު ސޫރަތުގެ 2 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (فاعبُدِ اللهَ مخْلِصاً له الدينَ ألا لله الدينُ الخالصُ) މާނައަކީ:" ފަހެ ކަލޭގެފާނު މާތް ﷲ ގެ ކިބައަށް ދީން ޚަލާޞް ކުރައްވައި އެކަލާނގެ ކިބަޔަށް އަޅުކަން ކުރައްވާށެވެ".

އިންސާނާގެ ބަހާއި ޢަމަލު އަދި މުދަލުން ކުރެވޭ ޞަދަގާތް ތަކަކީ ﷲ އަށް ޚާލިޞްކަމާއި އެކު ކުރާ ކަންތައް ކަމުގައި ހެދުމަށް އަންގަވާ އަލްބައްޔިނާ ސޫރަތުގެ 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ. (وما أُمِروا إلا لِيَعبُدوا اللهَ مُخلِصينَ له الدينَ حُنَفَاءَ) މާނައަކީ:" ބާޠިލްމަގުން އެއްކިބާވެގެން ތިބެ، މާތް ﷲ ގެ ކިބައަށް އަޅުކަން ޚަލާޞް ކުރާ ޙާލު، ﷲ ގެ ކިބައަށް އަޅުކަން ކުރުމަށާއި، ނަމާދު ގާއިމްކުރުމަށާއި، ޒަކާތް ދިނުމަށް މެނުވީ، އެބައިމީހުންނަށް އަމުރު ނުވެވެއެވެ".

ގިޔާމަތްދުވަހުން ﷲ އާއި ބައްދަލުކުރަން އެދޭ މީހާ އިޚްލާޞްތެރިކަމާއި އެކު ހެޔޮ ޢަމަލުކުރުމަށް އަންގަވައި ސޫރަތުލް ކަހްފުގެ 110 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (فمَنْ كَانَ يَرْجُوْ لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلاً صَالِحاً وَلَا يُشْرِكْ بعِبادَةِ رَبِّهِ أحداً) މާނައަކީ:" ތިޔަބައިމީހުންކުރެ ކޮންމެ މީހަކުނަމަވެސް ﷲ އާއި ބައްދަލުކުރުމަށް އުއްމީދުކުރަނީނަމަ، ހެޔޮ ޢަމަލު ކުރުންމަތީ ދެމިހުންނަ ހުށިކަމެވެ. އަދި ﷲ އަށް އަޅުކަން ކުރުމުގައި އެހެންއެއްވެސް ފަރާތަކާ ޝަރީކު ނުކުރާ ހުށިކަމެވެ".

ކުރާ ކޮންމެ ޢަމަލެއްގައި ﷲ އަށް އިޚްލާޞްތެރިވުމަށާއި، މީހެއްގެ ފަރާތުން ލިބިދާނެ ރީތިނަމަަކަށް ނުބެލުމަށް ކައުއިތުރު ނަބިއްޔާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. އަދި ﷲ އަށް އިޚްލާޞްތެރިވުމެއް ނެތި ކުރާ ކޮންމެ ޢަމަލަކީ އެޢަމަލެއް ކުރި މީހަކަށް ރައްދުވެގެންވާ ކަމެއްކަންވެސްވަނީ ބަޔާންކޮށް ދެއްވާފައެވެ. ﷲ ބައްލަވާ ވޮޑިގެންވަނީ ޢަމަލުތަކުގެ ބޭރުފުށަށް ނުން ކަމަށާއި، މީހާގެ ހިތަށް ކަންވަނީ ބަޔާންކޮށް ދެއްވާފައެވެ. ސަބަބަކީ ޢަމަލުތައް ބިނާވެގެންވަނީ އޭނާގެ ނިޔަތަށް ކަމަށްވާތީވެއެވެ.

ދެއްކުންތެރިކަމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ބައެއްފަހަރަށް "ކުޑަޝިރްކު" ގެ ނަމުން ނަންދެއްވައެވެ. އަދި އަނެއްބައިފަހަރަށް "ސިއްރު ޝިރްކު" ގެ ނަމުން ނަންދެއްވައެވެ. ދެއްކުންތެރިކަމާއި އެކު ޢަމަލުކުރާމީހުންގެ ކިބައިން ގިޔާމަތް ދުވަހު ﷲ ބަރީއަވެވަޑައިގަންނަވާނެއެވެ. އަދި އެފަދަ ޢަމަލުތަކަށް ޖަޒާ ނުދެއްވާނެއެވެ. އެފަދަމީހުންނަށް ދެންނެވޭނެއެވެ. "ތިބާ އެބަޔަކަށް ދެއްކުމަށް ކަންތައް ކުޅަމީހުންގެ ފަރާތުން ދަރުމަ އާއި ޘަވާބަށް އެދޭށެވެ، ތިމަން ﷲ ގެ ޙަޟްރަތުގައި ތިބާ އަށް ދޭނެ ދަރުމައެއް ޘަވާބެއް ނެތެވެ".

  1. ގުރްއާނަށް މާތްކޮށް ހިތާ އެފޮތް މަތިވެރި ކުރުން.

ގުރްއާނަށް މާތްކޮށް ހިތާ އެފޮތް މަތިވެރި ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެފޮތުގެ ގަދަރު ކުޑަވާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ކީރިތި ގުރާނަށް މާތްކޮށް ހިތުމުގެ ގޮތުން ކުރެވިދާނެ ކަންތަކުގެ ތެރޭގައި:

  • ކޮންމެހެން ބޭނުން ޖެހިއްޖެ ހިނދެއްގައި މެނުވީ ގުރްއާން ކިޔަވަމުންދާ ވަގުތުގައި ވާހަކަ ދައްކާ ހީސަމާސާކޮށް ނުހެދުން.
  • ޖުނުބުވެރިޔާ، ޙައިޟު ނިފާސްކަމުގެ އަހްލުވެރިން މުޞްޙަފުގައި ނުބީހުން.
  • ޣައިރު މުސްލިމުންނަށް މުޞްޙަފް ނުވިއްކުން.
  • ގުރްއާނަށް އިޙްތިރާމް ނުކުރާ ބަޔެއްގެ އަތްމައްޗަށް އެފޮތް ދޫކޮށް ނުލުން.
  • މިނޫންވެސް ގުރްއާނުގެ ގަދަރު ކެނޑިދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
  1. ކީރިތި ގުރްއާން ތިލާވަތު ކުރުން ގިނަކުރުން.

ގިނަގިނައިން ގުރްއާން ކިޔަވާ ހެދުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. އެފަދަ މީހުންނަށް ޘަނާގެ ބަސް ވަޙީ ކުރައްވާ ސޫރަތު އާލުޢިމްރާންގެ 113 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَتْلُونَ آيَاتِ اللَّـهِ آنَاءَ اللَّيْلِ وَهُمْ يَسْجُدُونَ) މާނައަކީ:    "އެއުރެން ރޭގަނޑުގެ ވަގުތުތަކުގައި سجدة ކޮށް ނަމާދުކުރާ حال، اللَّه ބާވައިލެއްވި آية ތައް ކިޔަވަތެވެ."

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ ، وَالْحَسَنَةُ بِعَشْرِ أَمْثَالِهَا ، لَا أَقُولُ الم حَرْفٌ ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ) ރަވާހުއްދާރިމީ. މާނައަކީ: "ﷲގެ ފޮތުން އެންމެ އަކުރެއްވެސް ކިޔަވައިފި މީހަކަށް ހެޔޮކަމެއް ވެއެވެ. ކޮންމެ ހެޔޮކަމެއް ދިހަ ގުނައަށް އިތުރު ކުރައްވައެވެ. (الم) މިއީ އެންމެ އަކުރެއް ނޫނެވެ. އެހެންނަމަވެސް، އަލިފަކީވެސް އަކުރެކެވެ. ލަމަކީވެސް އަކުރެކެވެ. މީމަކީވެސް އަކުރެކެވެ."

  1. ކީރިތި ގުރްއާނުގެ އާޔަތް ތަކުގެ މާނަ އުނގެނި އެޔާއި މެދު ވިސްނާ ފިކުރުކޮށް ހެދުން.

ކީރިތި ގުރްއާން ކިޔަވަންވާނީ ވިސްނުންތެރި ކަމާއި އެކުގައެވެ. އޭގައި އެކުލެވިގެންވާ މާނަ އައި މެދު ފިކުރު ކުރަންވާނެއެވެ. ސޫރަތު ޞާދުގެ 29 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَ‌كٌ لِّيَدَّبَّرُ‌وا آيَاتِهِ وَلِيَتَذَكَّرَ‌ أُولُو الْأَلْبَابِ) މާނައަކީ: " (މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި بركات ތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ آية ތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ أهل ވެރިން (އެއިން) نصيحة ލިބިގަތުމަށެވެ."

ވިސްނުމެއް ނެތި ގިނައިން ކިޔެވުމަށް ވުރެ، ވިސްނުންތެރި ކަމާއި އެކު މަދު އާޔަތްކޮޅެއް ކިޔެވުން މާއައުލާކަން ބޮޑެވެ. މީހަކު އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ގާތުގައި ދެންނެވިއެވެ. "އަހަންނަކީ ވަރަށް ހަލުވިކޮށް ކިޔަވާ މީހަކީމެވެ. ތިންދުވަހުން އަހަރެން ޚަތިމް ކުރަމެވެ." އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "ތިބާ ތިޔަބުނާ ގޮތަށް ކިޔެވުމަށްވުރެ އެއް ރޭ ބަގަރާ ސޫރަތް ކިޔަވާ އެޔަށް ވިސްނާ ފިކުރު ކުރުން، ތިމަންކަލޭގެފާނުގެ ގާތުގައި މާ ލޮބުވެތިކަން ބޮޑެވެ."

  1. ގުރްއާނާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމާއި، އެފޮތުގައިވާ އަމުރުފުޅުތަކަށް ފުރިހަމަ އަށް ބޯލަނބާ އަދި ނަޙީތަކުން ދުރުހެލިވެ ރައްކާތެރިވުން.

މީހަކު ގުރްއާން ކިޔެވިނަމަވެސް އޭގައިވާ ޙުކުމްތަކަށް ބޯނުލަނބާ ކަމަށް ވަނީނަމަ، އެކަމުގެ ސަބަބުން ﷲ ގެ ކޯފާ އަށް މީހާ ހުށަހެޅެއެވެ. މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކުގެ ކިބައިން ރިވާވެގެން ވެއެވެ. (ربّ تالٍ للقرآن والقرآن يلعنه) މާނައަކީ: "މީހަކު ގުރްއާން ކިޔަވައެވެ. އެހެންނަމަވެސް ގުރްއާން އެމީހަކަށް ލަޢްނަތް ދެއެވެ."

  1. ގުރްއާން އުނގެނި އެހެން މީހުންނަށް އުނގަންނައި ދިނުން.

އެހެން މީހުންނަށް ގުރްއާން އުނގަންނާއި ދިނުމަކީ މީހަކަށް ކުރެވޭނެ އެންމެ ހެޔޮ އެންމެ ރަގަޅު ޢަމަލެވެ. އެކަން ކުރާ މީހުންނަށް ބޮޑުވެގެންވާ ދަރުމަ އާއި ޘަވާބު މާތް ﷲ ތައްޔާރު ކުރައްވާފައިވެއެވެ. ގުރްއާން އުނގަންނާއި ދޭ މީހާގެ މާތް ކަން ބަޔާން ކުރައްވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ) ރަވާހުއްދާރިމީ. މާނައަކީ: "ތިޔަބައިމީހުން ކުރެ އެންމެ ހެޔޮކަން ބޮޑު މީހަކީ ގުރްއާން އުނގެނި އެއުނގަންނައިދޭ މީހާ އެވެ."

ދެވަނަ: ގުރްއާން ކިޔެވުމުގެ އަދަބުތައް:

ގުރްއާން ކިޔަވާމީހާ ދަންނަން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ އޭނާ އެހުރީ ﷲ އަށް މުނާޖާ ދެންނެވުމުގައި ކަމެވެ. އެހެންކަމުން، ގުރްއާން ކިޔަވާ ހިނދުގައި އެކަމުގެ އަދަބުތަކަށް ރައްކާތެރިވާން ޖެހޭނެއެވެ. ގުރްއާން ކިޔެވުމުގެ އަދަބުތަކުގެ ތެރޭގައި:

  1. ވުޟޫ މަތީގައި ހުރެގެން ގުރްއާން ކިޔެވުން.

ކޮންމެ ވަގުތަކު ގުރްއާން ކިޔަވަން ފެށިނަމަވެސް، ގުރްއާން ކިޔަވަން ފެށުމުގެ ކުރިން ވުޟޫކޮށް، ސިވާކު ކުރުމަކީ އެދެވިގެންވާ ކަމެކެވެ. އެހެނީ، އެކަމަކީ ﷲ ގެ ފޮތް މަތިވެރި ކުރުމުގެ ގޮތުން ކުރެވޭ ކަމެކެވެ. އަދި އެފަދަ މީހުންނާއި މަލާއިކަތް ބޭކަލުން ގާތްވެ ވަޑައިގަންނަވާނެތީވެއެވެ.

މުޞްޙަފްގައި އަތް ނުލާ ކިޔަވާނަމަ ވުޟޫ ނުކުރިޔަސްވެސް ރަގަޅެވެ.

ޙައިޟުގެ ދުވަސްވަރު ގުރްއާން ކިޔެވުމާ ބެހޭ ގޮތުން ޢިލްމުވެރިންގެ މެދުގައި ޚިލާފުތަކެއްހުރި        މައްސަލައެކެވެ. އެގޮތުން:

ޖުމްހޫރު ޢީލްމުވެރިން (ގިނަޢިލްމުވެރިން) ދެކެވަޑައިގަންނަވަނީ ހައިޟުވެރިޔާ ހައިޟުގެ  ދުވަސްވަރު ޤުރުއާން ކިޔެވުމަކީ ޙަރާމްކަމެއްކަމުގައެވެ. ހަމަ އެކަނި އިސްތިޘްނާ ވެގެންވަނީ އޭނާ ދުޢާކުރުމުގައި ބޭނުންކުރާ ބައެއް އާޔަތްތަކެވެ. މިސާލަކަށް ( رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي اْلآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ) ސޫރަތުލް ބަޤަރާ 201 .

އިމާމް މާލިކް رحمه اللهގެ މަޒްހަބުގައާއި އަދި އިމާމް އަޙްމަދު رحمه الله ގެ ރިވާޔަތެއްގައި ޙައިޟުވެރިން ޤުރުއާން ކިޔެވުމަކީ ހުއްދަކަމެއްކަމުގައި ވިދާޅުވެއެވެ. އަދި މިއީ ޝައިޚުލްއިސްލާމް އިބްން ތައިމިއްޔާ رحمه الله އަދި އިމާމް ޝައުކާނީ رحمه الله ވެސް ބުރަވެ ވަޑައިގަންނަވާ ގޮތެވެ. އެބޭފުޅުންވިދާޅުވަނީ: ސާފު ޞަރީޙަ ލަފްޒެއް ކީރިތިޤުރްއާނުންވެސް އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުންވެސް ވާރިދުވެގެން އައިސްފައި ނުވާކަމަށެވެ. ށ- ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދުވަސްވަރުގައި ހައިޟުގެ ޙާލަތު ގައި ތިބޭ އަންހެން ބޭކަނބަލުންނަށް ޤުރްއާންކިޔެވުމަށް އެކަލޭގެފާނު މަނާނުކުރައްވައެވެ.

މައްސަލާގައި ބޮޑަށް ބުރަވެވެނީ އަންހެނުންނަށް ހައިޟުގެ ދުވަސްވަރުގައި ޤުރުއާން ކިޔެވިދާނެކަމަށެވެ. ނަމަވެސް ޝުބުހާއިން (ޝައްކުތަކުން) ދުރުވުމަށްޓަކައި ޟަރޫރީ ޙާލަތްތަކުގައި މެނުވީ ނުކިޔެވުމަކީ އެންމެ މޮޅު އިތުރު ގޮތްކަމުގައި ފެނެއެވެ. މިސާލަކަށް ހިތުން ދަސްކުރާމީހެއް ހަދާނުން ނެތިދާނެކަމަށްޓަކައި އަދި ކިޔަވާ ކުއްޖަކު އޭނަގެ ތަޢުލީމަށްޓަކައެވެ. ނަމަވެސް މުޞްޙަފު (ޚަތިމް) ގައި ބީހުމެއްނެތިއެވެ. والله أعلم

ޙައިޟުވެރިޔާ ޙައިޟުގެ ދުވަސްވަރުގައި ޒިކުރުކުރުމަކީ ހުއްދަކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމް ޙައްޖުތެރޭގައި ޢާއިޝާ ރަޟިޔަﷲ ޢަންހާ ޙައިޟުގެ ޙާލަތުގައި އިންނަވާ ހިނދު ޙަދީޘް ކުރެއްވިއެވެ: " اِفْعَلِي مَا يَفْعَلُهُ الحَاج غَيْرَ أَنْ لَا تَطَوفي فِي الْبَيْتِ حَتَّى تَطَهِّرِي" މާނައީ: ކަމަނާ ޙައްޖުވެރިންކުރާ ކަންތައްތަކުގެތެރެއިން ޠަވާފު ނޫން އެހެން ކަންތައް ކުރައްވާށެއެވެ." އެބަހީ މިނާގައި ރޭކުރުމާ ހިލައުކުމާއި ތަލްބިޔާ ކިޔުމާއި ތަޙްލީލް، ތަމްޙީދު އަދި ތަކްބީރު ފަދަ ކަންތައްތަކެވެ.

  1. ގުރްއާން ކިޔެވުމަށް އެކަށީގެންވާ ތަނެއްގައި ހުރެގެން ކިޔެވުން.

ގުރްއާން ކިޔަވަންވާނީ ޞާފުޠާހިރު ތަނެއްގައެވެ. އެންމެ ހެޔޮކަން ބޮޑު ތަނަކީ މިސްކިތެވެ. ކުނިގޮނޑާއި ފާޚަނާ ފަދަ ހަޑި މުޑުދާރު ތަންތަނުގައި ހުރެގެން ގުރްއާން ކިޔެވުމަކީ މަކްރޫހަ ކަމެކެވެ.

  1. ގުރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛު ބިސްމި ކިޔުން.

ގުރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛު ކިޔުމަކީ އެދެވިގެންވާ ކަމެކެވެ. ސޫރަތުއް ނަޙްލުގެ 98 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَإِذَا قَرَ‌أْتَ الْقُرْ‌آنَ فَاسْتَعِذْ بِاللَّـهِ مِنَ الشَّيْطَانِ الرَّ‌جِيمِ) މާނައަކީ: " ފަހެ، ކަލޭގެފާނު قرآن ކިޔަވައި ވިދާޅުވާނަމަ، ފަހެ، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިން ދުރުކުރެއްވުންއެދި، اللَّه ގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ!"

ސޫރަތުއް ތައުބާ ފިޔަވާ އެހެން ކޮންމެ ސޫރަތެއް ފެށުމުގެ ކުރިން ބިސްމި ކިޔަންވާނެއެވެ.

ތައުބާ ސޫރަތް ފެށުމުގައި ބިސްމި ލިޔެވިފައި ނުވަނީ ކީއްވެގެންތޯ، މިކަމުގައި ޢިލްމުވެރިން ތަފާތު ޖަވާބުތައް ދެއްވާފައިވެއެވެ. އޭގެ ތެރޭގައި:

1. ޢަރަބީންގެ ޢާދަކާދަ އޮންނަ ގޮތުން ބަޔަކު މީހުންނާއި އެކުގައި ވެފައިވާ އެއްބަސް ވުމެއް އުވާލުމަށް ފަތްކޮޅު ފޮނުވޭ ހިނދުގައި ބިސްމި ލިޔެ ނޫޅެއެވެ. ތައުބާ ސޫރަތް ބާވާލެއްވުމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މުޝްރިކުންނާއި މެދުގައި ވެވިފައިވާ އެއްބަސްވުން އުވާލެވުނީއެވެ.

2. ޢުޘްމާނުގެ ފާނުގެ ޒަމާނުގައި މުޞްޙަފް ލިޔުއްވަމުން ގެންދެވި އިރުގައި ޞަޙާބީންގެ ތެރޭގައި ޚިޔާލު ތަފާތުވުމެއް އުފެދުނެވެ. ބައެއް ބޭކަލުން ވިދާޅުވީ އަންފާލް ސޫރަތާއި ތައުބާ ސޫރަތަކީ އެއް ސޫރަތެއް ކަމަށެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ ދެސޫރަތެއް ކަމަށެވެ. އެހެންވެ އެ ދެސޫރަތް ދެމެދުގައި ހުސްޖާގަ އެއް ދޫކޮށްލެވިފައިވަނީ އެއީ ދެސޫރަތެއް ކަމުގައި ވިދާޅުވާ ބޭފުޅުންގެ ރައުޔަށެވެ. އަދި ބިސްމި ނުލިޔެ ދޫކޮށްލެވުނީ އެއީ އެއް ސޫރަތެއް ކަމުގައި ވިދާޅުވާ ބޭފުޅުން ރުއްސުމަށެވެ.

3. މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢައްބާސް ވިދާޅުވިއެވެ. ޢަލީ ބިން އަބީޠާލިބް ރަޟިޔަﷲ ޢަންހު އާއި ސުވާލު ކުރީމެވެ. "ބަރާއަތު ސޫރަތް ފެށުމުގެ ކުރިން ބިސްމި ލިޔެވިފައިނުވަނީ ކީއްވެގެންތޯއެވެ؟"، ޢަލީ ބިން އަބީޠާލިބް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ބިސްމިﷲ ރަޙްމާނިއް ރަޙީމް އަކީ އަމާން އެއްޗެކެވެ. ބަރާއަތު ސޫރަތް ބާވާލެއްވުނީ ހަނުގރާމާއިގެ ތެރޭގައި ކަނޑީގެ މައްޗަށެވެ.

  1. ތަޖްވީދު މަގުން ލަސްލަހުން ގުރްއާން ކިޔެވުން.

ސޫރަތުލް މުއްޒައްމިލްގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَرَ‌تِّلِ الْقُرْ‌آنَ تَرْ‌تِيلًا) މާނައަކީ: "އަދި ލަސްލަހުން قرآن ކިޔަވައި ވިދާޅުވާށެވެ!"

  1. ރީތިކޮށް ގުރްއާން ކިޔެވުން.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (زَيِّنُوا الْقُرْآنَ بِأَصْوَاتِكُمْ) ރަވާހު އަބޫދާވޫދަ ވައަޙްމަދު. މާނައަކީ: "ތިޔަބައިމީހުންގެ އަޑުތަކުން ގުރްއާން ޒީނަތްތެރި ކުރާށެވެ."

عَنْ عَدِيِّ بْنِ ثَابِتٍ ، أُرَاهُ قَالَ : سَمِعْتُ الْبَرَاءَ قَالَ : سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقْرَأُ فِي الْعِشَاءِ : " وَالتِّينِ وَالزَّيْتُونِ فَمَا سَمِعْتُ أَحَدًا أَحْسَنَ صَوْتًا ، أَوْ قِرَاءَةً مِنْهُ "ރަވާހުލް ބުޚާރީ ވަމުސްލިމް. ޢުދައްޔު ބިން ޘާބިތުގެ ކިބައިން ރިވާވެގެން ވެއެވެ. އަލްބައްރާއު ބިން ޢާޒިބް ރަޟިޔަﷲ ޢަންހު ވިދާޅުވާތީ އެއްސެވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޢިޝާ ނަމާދުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސޫރަތުއް ތީނި ކިޔަވާ ވިދާޅުވާތީ އެއްސެވީމެވެ. އެކަލޭގެފާނަށް ވުރެ އަޑު ރީތި ބޭކަލެއް، ނުވަތަ އެކަލޭގެފާނަށް ވުރެ ރީތިކޮށް ކިޔަވާ ވިދާޅުވާ ބޭފުޅެއް ތިމަންނާ އަޑެއް ނުއަހަމެވެ."

ރީތިކޮށް ކިޔަވާ މީހުން ކިޔަވާ އަޑު އެހުމަށް ލޯބި ކުރުމަކީ އެދެވިގެންވާ ކަމެކެވެ. قَال عَبْدُ اللَّهِ بْنُ مَسْعُودٍ : قَالَ لِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " اقْرَأْ ، قَالَ : قُلْتُ : كَيْفَ أَقْرَأُ عَلَيْكَ ، وَعَلَيْكَ أُنْزِلَ ؟ قَالَ : إِنِّي أُحِبُّ أَنْ أَسْمَعَهُ مِنْ غَيْرِي ، قَالَ : فَافْتَتَحْتُ سُورَةَ النِّسَاءِ فَقَرَأْتُ حَتَّى بَلَغْتُ فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَى هَؤُلاءِ شَهِيدًا سورة النساء آية 41 قَالَ : فَغَمَزَنِي بِيَدِهِ ، وَقَالَ : حَسْبُكَ ، فَنَظَرْتُ إِلَيْهِ وَعَيْنَاهُ تَدْمَعَانِ " ރަވާހު އަހްމަދު. މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން މަސްޢޫދުގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންކަލޭގެފާނުގެ ގާތުގައި ޙަދީޘް ކުރެއްވިއެވެ. "ގުރްއާން ކިޔަވާ ވިދާޅުވާށެވެ." ތިމަންކަލޭގެފާނު ދެންނެވީމެވެ. "ތިމަންކަލޭގެފާނު ކިޔަވާނީ ކިހިނަކުން ހެއްޔެވެ؟ ގުރްއާން ބާވާލެއްވީ ކަލޭގެފާނުގެ މައްޗަށެވެ." ޙަދީޘް ކުރެއްވިއެވެ. "އެހެން މީހުން ކިޔަވާ އަޑު އެހުމަށް ތިމަންކަލޭގެފާނު ލޯބި ކުރައްވަމެވެ." އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ސޫރަތުއް ނިސާ ފަށައިގެން ގޮސް އެސޫރަތުގެ 41 ވަނަ އާޔަތާއި ހަމަވުމުން ހުއްޓާލުމަށް އެކަލޭގެފާނުގެ އަތްޕުޅުން އިޝާރާތް ކުރައްވާ ޙަދީޡް ކުރެއްވިއެވެ. "ފުދިއްޖެއެވެ." އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "ތިމަންނާ އެކަލޭގެފާނަށް ބަލައިލީމެވެ. އެކަލޭގެފާނުގެ ދެލޯފުޅުން ކަރުނަފޮދު އާދެއެވެ."

  1. ތިލާވަތުގެ ސަޖިދައިގެ އާޔަތެއް އަތުވެއްޖެނަމަ ސަޖިދަ ކުރުން.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ فَسَجَدَ ، اعْتَزَلَ الشَّيْطَانُ يَبْكِي ، يَقُولُ : يَا وَيْلَهُ ، وَفِي رِوَايَةِ أَبِي كُرَيْبٍ : يَا وَيْلِي ، أُمِرَ ابْنُ آدَمَ بِالسُّجُودِ فَسَجَدَ ، فَلَهُ الْجَنَّةُ ، وَأُمِرْتُ بِالسُّجُودِ فَأَبَيْتُ فَلِي النَّارُ) ރަވާހު މުސްލިމް. މާނައަކީ: "އާދަމުގެ ދަރިޔާ ސަޖިދައިގެ އާޔަތެއް ކިޔަވާ ސަޖިދަ ކޮށްފިނަމަ، ޝައިޠާނާ ރޮމުން އެއްފަރާތަށް ޖެހެއެވެ. އަދި ބުނެއެވެ. "ހުރި ހާލާކެއްގެ ބޮޑު ކަމާއެވެ. އާދަމުގެ ދަރިޔާ އަށް ސަޖިދަ ކުރުމަށް އަމުރު ކުރެވުމުން އޭނާ ސަޖިދަ ކުރިއެވެ. އޭގެ ސަބަބުން އޭނާ އަށް ސުވަރުގެ ލިބިއްޖެއެވެ. އަހަންނަށް ސަޖިދަ ކުރަން އަމުރު ކުރެވުމުން އެކަމާ ދެކޮޅު ހެދީމެވެ. އަދި އޭގެ ސަބަބުން އަހަރެންނަށް ހުރީ ނަރަކައެވެ."

ޤުރުއާން ކިޔަވަމުންދާއިރު ސަޖިދަ ޖަހަންޖެހޭ ތަންތަނުގައި ކިޔާދުޢާ އަކީ މިއެވެ

{ سَجَدَ وَجْهِي لِلَّذِي خَلَقَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ، فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ} أخرجه الترمذي وقال : حديث حسن صحيح .މާނައީ:"އެފަރާތެއްގެ ކުޅަދުންވަންތަކަމާއި، ބާރުފުޅުން މިއަޅާގެ މޫނުހައްދަވައި އެމޫނުގެ އިވުމާއި ފެނުން ހާމަކުރެއްވި ފަރާތަށް މިއަޅާގެ މޫނު ސަޖިދަކޮށްފިއެވެ. ފަހެ ﷲގެ މަތިވެރިކަމާއެވެ! އެއީ އެންމެ ރިވެތިކޮށް ހައްދަވާ ޚަލްޤުކުރައްވާ ފަރާތެވެ".

އަދި މިދުޢާ ކުރިނަމަވެސް ރަނގަޅެވެ.

{ اللَّهُمَّ اكْتُبْ لِي بِهَا عِنْدَكَ أَجْرًا ،  وَضَعْ عَنِّي بِهَا وِزْرًا ، وَاجْعَلْهَا لِي عِنْدَكَ ذُخْرًا ،وتَقْبَلْهَا مِنِّي كَمَا تقَبلْتهَا مِنْ عَبْدِكَ دَاوُدَ } حسن صحيح الترمذي މާނައީ:"އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ މިސަޖިދައިގެ ސަބަބުން އިބަﷲގެ ޙަޟްރަތުގައި އަޖުރެއް ލިޔުއްވާނދޭވެ! އަދި މިސަޖިދައިގެ ސަބަބުން މިއަޅާގެ ކިބައިން ފާފަފުއްސަވާނދޭ! އަދި މިއަޅާއަށްޓަކައި ފަހަށް ރައްކާކުރެވިފައިވާ ހެޔޮޢަމަލެއްކަމުގައި މިސަޖިދަލައްވާނދޭވެ! އަދި އިބަރަސްކަލާނގެ އަޅާ ކަމުގައިވާ ދާވޫދުގެފާނު ކިބައިން މިސަޖިދަ ޤަބޫލުކުރެއްވިފަދައިން މިއަޅާގެ ކިބައިންވެސް މިސަޖިދަ ޤަބޫލުކުރައްވާނދޭވެ!".

ޢިލްމުވެރިން އަރިހުގައި ރާޖިޙްގޮތަކީ (އެންމެ ރަނގަޅު ގޮތަކީ) ތިލާވަތުގެ ސަޖިދައިގައި ސަލާމްދޭކަށެއްނުޖެހޭނެވެ. އެއީ އެކަމާއި ބެހޭގޮތުން އެއްވެސް ދަލީލެއް ވާރިދުވެގެން އައިސްފައިނުވާތީއެވެ. އަދި ސަޖިދަ ކުރުމަށް ޓަކައި ހަށަމް ބަންނާކަށްވެސް ނުޖެހޭނެއެވެ. ސަޖިދައިގެ އާޔަތް ކިޔައިނިމުނީމާ ސަޖިދަ އަށް ތިރިވެ، އިސްވެ ބަޔާން ކުރެވުނު ދުޢާ ތަކުން ދުޢާ އެއް ކިޔުއްވީމާ ރަގަޅުވާނެއެވެ.

ކީރިތި ގުރްއާނުގެ 15 ތަނެއްގައި ސަޖިދަވަޅު ވެއެވެ. އެއީ:

  • ސޫރަތުލް އަޢްރާފްގެ 206
  • ސޫރަތުއް ރަޢްދުގެ 105
  • ސޫރަތުއް ނަޙްލުގެ 50
  • ސޫރަތުލް އިސްރާގެ 109
  • ސޫރަތު މަރްޔަމްގެ 58
  • ސޫރަތުލް ޙައްޖުގެ 18 އަދި 77
  • ސޫރަތުލް ފުރްގާންގެ 60
  • ސޫރަތުއް ނަމްލުގެ 26
  • ސޫރަތުއް ސަޖްދާގެ 15
  • ސޫރަތު ޞާދުގެ 24
  • ސޫރަތު ފުއްޞިލަތްގެ 38
  • ސޫރަތުއް ނަޖްމުގެ 62
  • ސޫރަތުލް އިންޝިގާގް ގެ 21
  • ސޫރަތުލް ޢަލަގިގެ 19
  1. ގުރްއާން ކިޔަވާ ގަޑީގައި ދުޢާ ކުރުން.

ރަޙްމަތުގެ އާޔަތެއް ކިޔަވާނަމަ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ފަޟްލުވަންތަ ކަމަށް އެދި ދުޢާ ކުރުމަކީ އެދެވިގެންވާ ކަމެކެވެ. ޢަޛާބުގެ އާޔަތެއް ކިޔަވާނަމަ ﷲ ގެ ކޯފާ އާއި ޢަޛާބުން ސަލާމަތްކޮށް ދެއްވުން އެދި ދުޢާ ކުރުން ސުންނަތް ވެގެން ވެއެވެ. عَنُ حُذَيْفَةَ رَضِيَ اللَّهُ تَعَالَى عَنْهُ ، قَالَ : صَلَّيْتُ مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَيْلَةً فَافْتَتَحَ الْبَقَرَةَ ، فَقُلْتُ : يَرْكَعُ عِنْدَ الْمِائَةِ ، ثُمَّ مَضَى فَقُلْتُ : يُصَلِّي بِهَا فِي رَكْعَةٍ فَمَضَى ، فَقُلْتُ : يَرْكَعُ بِهَا ، ثُمَّ افْتَتَحَ النِّسَاءَ فَقَرَأَهَا ، ثُمَّ افْتَتَحَ آلْ عِمْرَانَ فَقَرَأَهَا ، يَقْرَأُ مُتَرَسِّلا ، إِذَا مَرِّ بِآيَةٍ فِيهَا تَسْبِيحٌ سَبَّحَ ، وَإِذَا مَرَّ بِسُؤَالٍ سَأَلَ ، وَإِذَا مَرَّ بَتَعَوُّذٍ تَعَوَّذَ . ثُمَّ رَكَعَ ، فَجَعَلَ يَقُولُ : سُبْحَانَ رَبِّيَ الْعَظِيمِ ، فَكَانَ رُكُوعُهُ نَحْوًا مِنْ قِيَامِهِ ، ثُمَّ قَالَ : سَمِعَ اللَّهُ لِمَنْ حَمِدَهُ ، ثُمَّ قَامَ طَوِيلا قَرِيبًا مِمَّا رَكَعَ ، ثُمَّ سَجَدَ ، فَقَالَ : سُبْحَانَ رَبِّيَ الأَعْلَى ، فَكَانَ سُجُودُهُ قَرِيبًا مِنْ قِيَامِهِ)ރަވާހުލް ބުޚާރީ. މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޙުޛައިފާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އެއް ރެއެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކުގައި ނަމާދު ކުރީމެވެ. އެކަލޭގެފާނު ބަގަރާ ސޫރަތް ފެއްޓެވިއެވެ. ތިމަންކަލޭގެފާނަށް ހީވީ ސަތޭކަ އާޔަތާއި ހަމައިން ރުކޫޢު ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ކުރިޔަށް ގެންދެވީއެވެ. ދެން ތިމަންކަލޭގެފާނު ހިތަށް އެރިއެވެ. ފުރަތަމަ ރަކްޢަތުގައި ބަގަރާ ސޫރަތް އެއްކޮށް ކިޔަވާ ވިދާޅުވެފައި ނިންމަވާލައްވާނެއެވެ. ނަމަވެސް ކުރިޔަށް ގެންދެވިއެވެ. ނިސާ ސޫރަތް ފެއްޓެވިއެވެ. އެސޫރަތް ނިންމެވުމަށްފަހު އާލުޢިމްރާން ސޫރަތް ނިންމެވިއެވެ. އެކަލޭގެފާނު ކިޔަވާ ވިދާޅުވަނީ ލަސްލަހުންނެވެ. ތަސްބީޙަ އާޔަތެއް އަތުވެއްޖެނަމަ ތަސްބީޙަ ވިދާޅުވެއެވެ. ކަމަކަށް އެދޭ އާޔަތެއްނަމަ އެކަމަކަށް އެދި ދުޢާ ކުރައްވައެވެ. ކަމަކުން ދުރުހެލިވެ ރައްކާތެރިވާން ޖެހޭ ތަނެއްނަމަ އެކަމަށް ދުޢާ ކުރައްވައެވެ. އެޔަށްފަހު ރުކޫޢު ކުރެއްވިއެވެ. އަދި ރުކޫޢުގައި "ސުބްޙާނަ ރައްބިޔަލް ޢަޡީމް" ވިދާޅުވިއެވެ. އެކަލޭގެފާނުގެ ރުކޫޢަކީ ގިޔާމާއި އެއްވަރުގެ ރުކޫޢެކެވެ. އެޔަށްފަހު "ސަމިޢަﷲ ލިމަން ޙަމިދަހޫ" ޙަދީޡް ކުރައްވާ ރުކޫޢިން ތެދުވެ ވަޑައިގަތެވެ. ރުކޫޢާ ގާތަށް އިޢްތިދާލުގައި ހުންނަވައެވެ. އެޔަށްފަހު ސަޖިދަ ކުރެއްވިއެވެ. ސަޖިދާގައި "ސުބްޙާނަ ރައްބިޔަލް އަޢްލާ" ވިދާޅުވެއެވެ. އެކަލޭގެފާނުގެ ސުޖޫދު ގިޔާމާއި ގާތްގަޑަކަށް އެއްވަރެވެ." والله أعلم.

މިއީ ޑރ އިޔާޟް އަބުދުއްލަތީފް ރިވެތި އަދަބުތަކާއި ގުޅޭގޮތުން ލިޔުއްވާފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް