ބަންދުގައި ތިބޭ މީހުންނަށް ވަކީލުންނާއި ބައްދަލު ކުރެވޭ ވަގުތު އިތުރުކޮށްފި

ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކާއި ގާނޫނީ ވަކީލުންނާއި ބައްދަލު ކުރެވެ ވަގުތު އިތުރު ކޮށްފި އެވެ. އާންމު އުސޫލުގެ ދަށުން ވަކީލުންނާއި ބަންދުގައި ތިބޭ މީހުންނާއި ބައްދަލު ކުރެވެނީ އެއް ގަޑި އިރަށެ...

01 Apr 2018 | 07:19

ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކާއި ގާނޫނީ ވަކީލުންނާއި ބައްދަލު ކުރެވެ ވަގުތު އިތުރު ކޮށްފި އެވެ.

އާންމު އުސޫލުގެ ދަށުން ވަކީލުންނާއި ބަންދުގައި ތިބޭ މީހުންނާއި ބައްދަލު ކުރެވެނީ އެއް ގަޑި އިރަށެވެ. އެކަމަކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން ފުލުހުން ވަނީ 30 މިނެޓަށް ވަގުތު ކުރުކޮށްފައި އެވެ. މި އުސޫލު އުވާލައި އެއްގަޑިރަށް ބައްދަލު ކުރުމުގެ ފުރުސަތު އަނެއްކާވެސް ދޭން ފެށީ މިދިޔަ ހުކުރު ދުވަހު އެވެ.

ފުލުހުން އެކުލަވާލާފައިވާ އާ އުސޫލުގެ ބުނެފައިވަނީ ބަންދުގައި ހުރި މީހަކާ ބައްދަލު ކުރަނީ އެއް ވަކީލަކު ކަމުގައި ވާނަމަ އެއް ގަޑީއިރުގެ އިތުރަށް 30 މިނެޓު އިތުރު ކޮށްދެވިދާނެ ކަމަށެވެ. އަދި ތަހުގީގު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން ނުވަތަ ދައުވާ އުފުލިފައިވާ މައްސަލަ އަކާއި ގުޅިގެން ވަކީލަކާއި ބައްދަލު ކުރާ މީހަކަށް ނަމަ އެއަށްވުރެ އިތުރު ވަގުތު ލިބޭނެ އެވެ.

މީގެ އިތުރުން ގިނަ މައްސަލަތަކެއްގެ ތުހުމަތު ކުރެވޭ މީހަކު ކޮންމެ މައްސަލައަކަށް ވަކި ވަކީލަކު އައްޔަން ކޮށްފައި ވާނަމަ އޭގެން ކޮންމެ ވަކީލަކަށް ދެވޭނީ އެއް ގަޑި އިރެވެ.

ފުލުހުންގެ އުސޫލުގައި ބުނެފައިވަނީ ވަކީލުންނާއި ބަންދުގައި ތިބޭ މީހުންނަށް ބައްދަލު ކުރެވޭނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފިޔަވާ އެހެން ދުވަސްދުވަހު ހެނދުނު 9:00 ން ހަވީރު 6:00 އަށެވެ. ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ބަންދުގައި ހުންނަ މީހަކަށް ވަކީލުންނާއި  ބައްދަލު ކުރެވޭނީ ޖެހިގެން އަންނަ ދުވަހު ތަހުގީގު ނުވަތަ ކޯޓުގައި އެ މައްސަލައެއްގެ އަޑު އެހުން އޮންނަ ނަމަ އެވެ.

ފުލުހުންގެ ކުރިން އަމަލު ކުރަމުން ދިޔަ ގޮތަށް ވަކީލުންނާއި ބަންދުގައި ތިބޭ މީހުން ބައްދަލު ކުރެވޭ ވަގުތު އިތުރުކޮށްފައި މިވަނީ އެކަމުގެ ޝަކުވާ ގާނޫނީ ވަކީލުން ކުރަމުން ދަނިކޮށެވެ. ވަކީލުން ވިދާޅުވެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންވެސް ވަކީލުންނާއި ބައްދަލު ކުރެވޭ އުސޫލު ބަދަލު ކޮށްފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް