"ބާރަތް" ކުޅުމަށް ޕްރިޔަންކާ "ކުއަންޓިކޯ" ދޫކޮށްލަނީ

ހޮލީވުޑްގައި މަސައްކަތް ކުރަން ފެށިފަހުން ބޮލީވުޑާއި ދުރުގައި އުޅޭކަމަށް ބުނާ ޕްރިޔަންކާ ޗޯޕްރާ އޭނާގެ އިނގިރޭސި ޓީވީ ސީރީޒް "ކުއަންޓިކޯ"  ގެ ހަތަރު ވަނަ ބައި ނުކުޅެން ނިންމަފާނެ ކަމަށް ރިޕޯޓުތައް ބުނ...

01 Apr 2018 | 03:07

ހޮލީވުޑްގައި މަސައްކަތް ކުރަން ފެށިފަހުން ބޮލީވުޑާއި ދުރުގައި އުޅޭކަމަށް ބުނާ ޕްރިޔަންކާ ޗޯޕްރާ އޭނާގެ އިނގިރޭސި ޓީވީ ސީރީޒް "ކުއަންޓިކޯ"  ގެ ހަތަރު ވަނަ ބައި ނުކުޅެން ނިންމަފާނެ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

އެ ސީރީޒްގެ ތިން ވަނަ ސީޒަން މިމަހުގެ 26 ގައި ދައްކަން ފަށާނެ އެވެ. ހަތަރު ވަނަ ސީޒަން އުފެއްދުމާއި މެދު ގޮތެއް ނިންމާނީ  ތިން ވަނަ ސީޒަނަށް ލިބޭ ތަރުހީބަކުންނެވެ. ޕްރިޔަންކާ އާއި ހަވާލާދީ މީޑިއާގައި އޭނާގެ ގާތް މީހަކު ބުނެފައިވަނީ އެ ސީރީޒްގެ ސީޒަން ހަތަރަކަށް މީހުން އެހާ އިންތިޒާރު ކުރާނެ ކަމަށް ނުބެލެވޭ ކަމަށާއި ސީރީޒް އަށް ލިބެމުން އަންނަ ތާއީދާއި އެކު ނިންމާލުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށެވެ.

"ކުއަންޓިކޯ" ގެ ހަތަރު ވަނަ ސީޒަން ކުޅުމަށް ހުށަހަޅައިފި ނަމަ ނޫނެކޭ ނުބުނާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

އެކަމަކު ޕްރިޔަންކާ ބޭނުންވަނީ މި ދުވަސްކޮޅު ދެން އިތުރު މަސައްކަތެއް ހޮލީވުޑްގައި ނުކުރުމަށް ކަމަށް ބުނެފައިވެ އެވެ. މިގޮތަށް ޕްރިޔަންކާ ވާހަކަދައްކާފައި މިވަނީ ސަލްމާން ހާން ލީޑްރޯލް ކުޅޭ "ބާރަތް"ގައި އަންހެން ލީޑް ތަރީގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ޕްރިޔަންކާއަށް ހުށަހަޅާފައި ވާތީ އެވެ.

ޕްރިޔަންކާ ބުނެފައިވަނީ އެ ފުރުސަތު ގަބޫލު ކުރަން ބޭނުންވާ ކަމަށާއި ފިލްމުގެ ވާހަކަ ކަމުދާ ކަމަށެވެ. އަދި ފިލްމަށް ސޮއި ކުރުމާއި މެދު އޭނާ ގޮތެއް ނުނިންމަ އެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓު ކުރާ "ބާރަތް" ކުޅެން ޕްރިޔަންކާ އެހާ ބޭނުންވަނީ ދިގު މުއްދަތަކަށް ފަހު ސަލްމާން އާއި އެކު މަސައްކަތް ކުރަން ފުރުސަތު ލިބޭތީ ކަމަށްވެސް ވެ އެވެ.

އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްގެން އުޅޭ ޕްރިޔަންކާ މި ފިލްމަށް ސޮއި ކޮށްފިނަމަ އޭނާ ޖެހޭނީ ހޮލީވުޑްގެ ހުރިހާ މަސައްކަތެއް މިވަގުތަށް ދޫކޮށްލުމަށް ފަހު އެނބުރި އިންޑިއާއަށް ދާށެވެ. ޕްރިޔަންކާ އެންމެ ފަހުން ބޮލީވުޑް ފިލްމަކުން ފެނިގެން ގޮސްފައި ވަނީ 2016 ވަނަ އަހަރު ރިލީޒް ކުރި "ޖެއި ގަންގާޖަން" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް