N/A
އީރާނުގެ ސުޕްރީމް ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން ރުޅިގަދަވި އެތައް ސަތޭކަ ޝީއީ މުސްލިމުން ޕާކިސްތާނުގެ ކަރާޗީގައި ހުންނަ އެމެރިކާ ކޮންސިއުލޭޓަށް ވަންނަން މަސައްކަތް ކުރުމުން ސެކިއުރިޓީ ފޯސްތަކުން ބަޑިޖަހައި ނުވަ މީހުން މަރުވެ 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
ނުވަ މީހުން ވެސް މަރުވީ ބަޑީގެ ޒަޚަމްތަކުން ކަމަށް ހޮސްޕިޓަލް ރެކޯޑުތަކުން ދައްކާ ކަމަށް ފްރާންސް 24 އިން ރިޕޯޓުކޮށްފައިވެއެވެ. ބަޑިޖެހީ ކޮން ފަރާތަކުން ކަން ތަހުގީގު ކުރަމުންދާ ކަމަށް ސިންދު ޕްރޮވިންސުގެ ޗީފް މިނިސްޓަރު ވިދާޅުވެއެވެ.
މުޒާހަރާވެރިން ކޮންސިއުލޭޓުގެ މައި ގޭޓު މަތިން އެރި ކަމަށާއި ބިއްލޫރިތައް ތެޅި ކަމަށް ފުލުހުން ބުނެއެވެ. ކައިރީގައި ހުރި ޕޮލިސް ޕޯސްޓެއްގައި ވެސް ހުޅުޖެހިއެވެ.
ކަރާޗީގެ އިތުރުން ވެރިރަށް އިސްލާމްއާބާދު، ލާހޯރު، ޕެޝާވަރު އަދި މުލްތާނުގައި ވެސް އެމެރިކާ ޑިޕްލޮމެޓިކް މިޝަންތަކާ ދެކޮޅަށް މުޒާހަރާ ކުރިއެވެ. އިސްލާމްއާބާދުގައި ފުލުހުން ކަރުނަ ގޭހާއި މުގުރުން މުޒާހަރާވެރިން ދުރު ކުރިއެވެ. އުތުރުގެ ސްކަރްދޫގައި އދ ގެ އޮފީސް އިމާރާތުގައި ވެސް ހުޅުޖެހިއެވެ.
ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ ޚާމަނައީ އަވަހާރަކޮށްލުމަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. ޕާކިސްތާނުގެ 250 މިލިއަން މީހުންގެ އާބާދީގެ 15 އިންސައްތައަކީ ޝީއީ މުސްލިމުންނެވެ. އީރާނު ފިޔަވައި ދުނިޔޭގެ އެންމެ ބޮޑު ޝީއީ އާބާދީ ތަކުގެ ތެރޭގައި ޕާކިސްތާނު ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް