އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ވައިގެ ވަރުގަދަ ހަމަލާތަކެއްގައި، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އިއްޔެ (ހޮނިހިރު ދުވަހު) އަވަހާރަކޮށްލާފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާ އިން މިއަދު ކަށަވަރުކޮށްދީފިއެވެ. ޚާމަނާއީ އަވަހާރަވީ ތެހެރާނުގައި ހުންނަ "ބައިތު ރަހުބަރީ" ކޮމްޕައުންޑުގައި، އޮފީހުގައި މަސައްކަތް ކުރައްވަނިކޮށެވެ. މި ޚަބަރާ އެކު، 40 ދުވަހުގެ ޤައުމީ ހިތާމައިގެ މުއްދަތެއް އިއުލާނުކޮށް، ހަތް ދުވަހުގެ ރަސްމީ ބަންދު ދުވަސްތަކެއް އީރާނުގެ ސަރުކާރުން ކަނޑައަޅައިފައިވެއެވެ.
އިއްޔެ ފަތިހު ފެށި ހަމަލާތައް އީރާނުގެ 24 ޕްރޮވިންސަކަށް އަމާޒުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އީރާނުގެ ރެޑް ކްރެސެންޓާ ހަވާލާދީ އީރާނުގެ މީޑިއާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގައި މަދުވެގެން 201 މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި ދެކުނު އީރާނުގެ މީނާބު ސިޓީގައި ހުންނަ "ޝަޖަރާ ޠައްޔިބާ" އަންހެން ކުދީންގެ ޕްރައިމަރީ ސްކޫލަށް ދިން ހަމަލާގައި މަރުވި 118 މީހުން ހިމެނެއެވެ. ޚާމަނާއީގެ އިތުރުން، އީރާނުގެ ދިފާޢީ ވަޒީރު ޢަޒީޒް ނަޞީރްޒާދާ އާއި، ރިވޮލިއުޝަނަރީ ގާޑުގެ ކޮމާންޑަރު މުޙައްމަދު ޕެކްޕޯރ އާއި، ޚާމަނާއީގެ ސީނިއާ އެޑްވައިޒަރު ޢަލީ ޝަމްޚާނީ ވެސް އިޒްރޭލުން ބުނާ ގޮތުގައި މި ހަމަލާތަކުގައި ވަނީ މަރާލައިފައެވެ. ޚާމަނާއީގެ ދަރިކަނބަލުންނާއި ދަނބިދަރިކަލުންނާއި މާމަ ދަރިކަނބަލުން ވެސް މި ހަމަލާތަކުގައި އަވަހާރަވެފައިވާ ކަމަށް އީރާނުގެ ފާރސް ނިއުސް އޭޖެންސީ އިން ރިޕޯޓުކޮށްފައިވެއެވެ.
ޚާމަނާއީ އަވަހާރަވި ޚަބަރު ފުރަތަމަ ދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ ޚާމަނާއީ މަރުވެއްޖެ ކަމަށެވެ. އޭގެ ފަހުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވެސް ޓީވީ ޚިޠާބެއްގައި ބުނީ ޚާމަނާއީ "ދެން ދުނިޔޭގައި ނެތް" ކަމުގެ ހެކިތައް ލިބެމުންދާ ކަމަށެވެ. ނަމަވެސް އީރާނުގެ ދައުލަތުގެ މީޑިއާ އިން ފުރަތަމަ ބުނީ ޚާމަނާއީ "ސާބިތުކަންމަތީ ހަނގުރާމައިގެ މައިދާން ހިންގަވަމުން ގެންދަވާ" ކަމަށެވެ. ނަމަވެސް މިއަދު (އާދީއްތަ ދުވަހު) އީރާނުގެ ސްޓޭޓް ޓީވީ (އައިއާރުއައިބީ) އިން ރަސްމީކޮށް ކަށަވަރުކޮށްދިނީ ޚާމަނާއީ "ޝަހީދުވެފައިވާ" ކަމަށެވެ.
މި ހަމަލާތަކަށް ރައްދުގައި އީރާނުން ވަނީ އިޒްރޭލާއި ގަލްފުގެ ޤައުމުތަކަށް މިސައިލް ހަމަލާތަކެއް ދީފައެވެ. ތެލް އަވީވަށް އެރި މިސައިލެއްގައި އެކަކު މަރުވި ކަމަށް އިޒްރޭލުގެ ކުއްލި ފަރުވާގެ ޚިދުމަތް ދޭ މެގެން ޑޭވިޑް އެޑޮމް އިން ބުނެފައިވެއެވެ. ޔޫއޭއީގެ ޒައިދު އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ހަމަލާ އެރި ކަމަށާއި، އެ ހާދިސާގައި އެކަކު މަރުވެ ހަތް މީހުން ޒަޚަމްވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
1989 ވަނަ އަހަރުން ފެށިގެން އީރާނުގެ ރޫހީ ލީޑަރުގެ މަގާމުގައި ހުންނެވި ޚާމަނާއީ އަކީ މެދުއިރުމަތީގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ލީޑަރެވެ. 36 އަހަރަށް ވުރެ ގިނަ ދުވަހު މި މަގާމުގައި ހުންނެވި ޚާމަނާއީގެ އަވަހާރަވުމާ އެކު، ވެރިކަމާ ހަވާލުވާނެ ފަރާތެއް ނެތުމުގެ ބޮޑު ހުސްކަމެއް ކުރިމަތިވެފައިވެއެވެ. އީރާނުގެ ޤާނޫނު އަސާސީގެ 111 ވަނަ މާއްދާގެ ދަށުން، ރައީސް އާއި ޖުޑީޝަރީގެ ވެރިޔާ އާއި ގާޑިއަން ކައުންސިލުގެ ޖޫރިސްޓެއް ހިމެނޭ ތިން މެންބަރުންގެ ކައުންސިލެއް ވަގުތީ ގޮތުން ލީޑަރުގެ ޒިންމާތައް އަދާކުރާނެ ކަމަށް އީރާނުގެ ސްޓޭޓް ޓީވީ އިން ރިޕޯޓުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް