ވަޒީރު ތޯރިގް އެއާޕޯޓުގައި -
މެދުއިރުމަތީ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގެ ގިނަ ޤައުމުތަކެއްގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރުމުން، އެ ޤައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން އެއާޕޯޓަށް ދިއުމުގެ ކުރިން ފްލައިޓްގެ މައުލޫމާތު ސާފުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.
އެމްއޭސީއެލް އިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ ދަތުރުވެރިން، ދަތުރުކުރާ އެއާލައިންގެ ވެބްސައިޓް ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފްލައިޓްގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ޓުއަރ އޮޕަރޭޓަރުންގެ އިރުޝާދަށް ތަބާވުމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޮޕަރޭޓްކުރާ ފްލައިޓްތަކުގެ މައުލޫމާތު fis.com.mv އިން ބެލޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ފްލައިޓް ހުއްޓުންތަކާ ގުޅިގެން 1،400 އަށް ވުރެ ގިނަ ފަސިންޖަރުންނަށް އަސަރުކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އެ ވުޒާރާއިން ބުނީ އެ ފަސިންޖަރުންނަށް ތިބެވޭނެ ތަން ހަމަޖެއްސުމަށް ޓޫރިޒަމް ޚިދުމަތްދޭ ތަންތަނާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށާއި، ހުރިހާ އެއާލައިންތަކާ ގުޅިގެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ. އެ ވުޒާރާގެ ވަޒީރު އިބްރާހީމް ތޯރިޤް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން، އެ އިންތިޒާމުތަކާ ގުޅޭ މައުލޫމާތު ވަނީ އޮޅުންފިލުއްވައިފައެވެ.
މީގެ އިތުރުން އެ ވުޒާރާއިން ވަނީ ރިސޯޓުތަކާއި ޓޫރިޒަމް ޚިދުމަތްދޭ ފަރާތްތަކުން، ފަތުރުވެރިން އެއާޕޯޓަށް ގެންދިއުމުގެ ކުރިން އެއާލައިންތަކުގެ ޝެޑިއުލަށް ބަދަލު އައިސްފައިވޭތޯ ރަނގަޅަށް ބެލުމަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް