ވަޒީރު ތޯރިގް އެއާޕޯޓުގައި -
މެދުއިރުމަތީ ހަމަނުޖެހުންތަކާ ގުޅިގެން ސަރަހައްދީ ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން ފްލައިޓްތައް ކެންސަލްވެ، އެކަމުން އަސަރުކުރި 1،400 އަށް ވުރެ ގިނަ ފަސިންޖަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާގެ ވަޒީރު އިބްރާހީމް ތޯރިޤް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން، އަސަރުކުރި ފަސިންޖަރުންނަށް އެހީތެރިވުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާ ގުޅޭ މައުލޫމާތު އޮޅުންފިލުއްވައިފައިވެއެވެ. އެ ވުޒާރާއިން ބުނީ ފަސިންޖަރުންނަށް ތިބެވޭނެ ތަން ހަމަޖެއްސުމަށް ޓޫރިޒަމް ޚިދުމަތްދޭ ތަންތަނާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށާއި، ހުރިހާ އެއާލައިންތަކާ ގުޅިގެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.
މީގެ އިތުރުން އެ ވުޒާރާއިން ވަނީ ރިސޯޓުތަކާއި ޓޫރިޒަމް ޚިދުމަތްދޭ ފަރާތްތަކުން، ފަތުރުވެރިން އެއާޕޯޓަށް ގެންދިއުމުގެ ކުރިން އެއާލައިންތަކުގެ ޝެޑިއުލަށް ބަދަލު އައިސްފައިވޭތޯ ރަނގަޅަށް ބެލުމަށް އެދިފައެވެ. އަދި ފްލައިޓް ކެންސަލްވެގެން އަސަރުކުރި ފަރާތްތަކުން، އެ ފަރާތެއް ދަތުރުކުރާ އެއާލައިނާއި ކަމާ ބެހޭ އިދާރާތަކުގެ އެންމެ ފަހުގެ އިރުޝާދުތައް ގާތުން ބެލުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް