ވަޒީރު ސައީދު -
މެދުއިރުމަތީ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދާ މެދުކެނޑުމެއް ނެތި ލިބޭނެ މަގު ކަށަވަރުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދީފިއެވެ. އެ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ދައުލަތުގެ ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކާ ގުޅިގެން ސަރަހައްދީ މަސްރަހުން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ގާތުން މޮނިޓާކުރަމުންދާ ކަމަށެވެ.
ވުޒާރާއިން ބުނީ ބައިނަލްއަޤުވާމީ މުދާ އުފުލުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތައް ދިރާސާކުރަމުންދާ ކަމަށާއި، ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ ބާޒާރުތަކާއި ރޫޓުތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، ބަދަލުގައި ބޭނުންކުރެވޭނެ އެހެން ބާޒާރުތައް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އިމްޕޯޓުގެ ގޮންޖެހުންތަކަށް ހައްލު ހޯދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
މި ބަޔާން ނެރުނީ އެމެރިކާ-އިސްރާއީލުގެ ގުޅިފައިވާ ހަމަލާތައް އީރާނަށް ދީ، އީރާނުން ރައްދުގައި ގަލްފުގެ ޤައުމުތަކަށް މިސައިލް ހަމަލާ ދެމުންދާ ދަނޑިވަޅެއްގައެވެ. މި މަސްރަހާ ގުޅިގެން ރައީސް މުޢިއްޒު ވަނީ ނުވަ ވަޒީރުން ހިމެނޭ ޚާއްސަ ކޮމިޓީއެއް ވެސް އެކުލަވައިލައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް