މިނިމަމް ވޭޖްގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކަފުންވާނެ!

މިނިމަމް ވޭޖަކީ އޭގެ ޒާތުގައި ވަރަށް މުހިއްމުކެމެކެވެ. އެކަމާ އަޅުގަނޑު ދެބަސްނުވަމެވެ. އެހެނަސް އެކަން ކުރާއިރު ގިނަ ކަންތަކަށް ވިސްނަން ޖެހެއެވެ. ގިނަ ހިސާބުތައް ޖަހާ އަކުރުން އަކުރަށް ފިލިން ފިއްޔަ...

29 Feb 2020 | 20:03

މިނިމަމް ވޭޖަކީ އޭގެ ޒާތުގައި ވަރަށް މުހިއްމުކެމެކެވެ. އެކަމާ އަޅުގަނޑު ދެބަސްނުވަމެވެ. އެހެނަސް އެކަން ކުރާއިރު ގިނަ ކަންތަކަށް ވިސްނަން ޖެހެއެވެ. ގިނަ ހިސާބުތައް ޖަހާ އަކުރުން އަކުރަށް ފިލިން ފިއްޔަށް ވިޔަކުރަންޖެހެއެވެ.

ގައުމެއްގެ އިގްތިސާދެއްގަ އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ބަޔަކީ ކުދި ވިޔަފާރިވެރިންނެވެ. ވޯލްޑް ބޭންކުން ނެރެފައިވާ ރިޕޯޓެއްގައި ވާގޮތުން ދުނިޔޭގެ ވިޔަފާރީގެ 90 އިއްސައްތަ ހިއްސާކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކެވެ. މީގެ އިތުރުން މުޅި ދުނިޔޭގެ ވަޒީފާގެ ނިސްބަތަށް ބަލާއިރު 50 އިންސައްތަ އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކެވެ. އަދިވެސް ތަފާސްހިސާބަކަށް ބަލާލަމާ ހިނގާށެވެ. ތަރައްގީވަމުން އަންނަ ގައުމުތަކުގެ ގައުމީ އުފެންދުންތެރިކަމުގެ 40 އިއްސަންތަ ހިއްސާކުރާ ބަޔަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކެވެ.

އެހެންކަމުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މުހިއްމުކަން ވަރަށް ސާފެވެ. އެއީ އިގްތިސާދެއް ފުރިހަމަ ގޮތެއްގައި ހިނގުމަށް ކޮންމެހެން ލާޒިމު ބައެކެވެ. ގައުމެއްގެ އިގްތިސާދީ ދުވެލީގެ އިންޖީނަށް ހަކަތަ ގެނެސްދޭ ބަޔަކީ ކުދި އަދި މެދު މެދު ފަންތީގެ ވިޔަފާރިތަކެވެ. ގައުމުތަކުގެ ސަރުކާރުތަކުން ކުދި ވިޔަފާރިތަކަށް ފައިނޭންސްކޮށްދިނުމަށް އެހާ ބޮޑަށް މަސައްކަތްކުރާ ސަބަބަކީ އެއީއެވެ. ދިވެހި ރާއްޖޭގައި ވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ލޯނު ދިނުމަށް ވަކި ޚާއްސަ ބޭންކެއް އުފެއްދީ އެ މަގުސަދުގައި ކަމަށް ގަބޫލުކުރެވެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ކުރާނެ އަސަރެއް ނުބަލާ

ދިވެހި ސަރުކާރުން މިނިމަމް ވޭޖް ކަނޑައެޅުމުގެ އެންމެ ފަހު މަރުހަލާގާއި އޮތް އިރު މި ފަދަ ކަމަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރާނެ އަސަރެއް ނުބަލައެވެ. މިނިމަމް ވޭޖާއި ބެހޭ ގޮތުން ކޮށްފައިވާ ދިރާސާ އަކީ ވެސް ކުރީގެ އަދަދުތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ދިރާސާއެކެވެ. ރާއްޖޭގެ މިނިމަމް ވޭޖާއި ބެހޭ ގޮތުން ހެދި ދިރާސާތަކުގައި ސެލަރީ އެންޑް ވޭޖަސް އެޑްވައިޒަރީ ބޯޑާއި އިންޓަނޭޝަނަލް ލޭބަރ ލޯ އޮރގަނައިޒޭޝަނުން ޑާޓާގެ ގޮތުގައި ބޭނުންކުރިކަމަށްވަނީ 2016ގައި ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހެދި ހައުސް ހޯލްޑް އެންޑް އިންކަމް އެކްސްޕެންޑިޗަރ ސްޓަޑީއަށެވެ. މި ޑޭޓާ އަކީ މުޅިން އެހެން މަގުސަދެއްގައި އެއްކުރެވުނު ޑޭޓާތަކެކެވެ. އެހެންކަމުން ކުދި ވިޔަފާރިތަކަށް ކުރާނެ އަސަރެއް ބެލިފައެއް ނެތެވެ. އަންދާޒާވެސް ކުރެވިފައެއް ނުވެއެވެ.

ކުދި ވިޔަފާރިތައް ނޭވާ ހޮޅިއަށް

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން  އިކޮނަމިކް މިނިސްޓަރަށް ލަފާއަރުވާފައި ވަނީ މިނިމަމް ވޭޖްގެ ގޮތުގައި 6400 ރ ކަނޑައެޅުމަށެވެ. މިއީ، މާލެ އަދި ވަކިން ޚާއްސަކޮށް އަތޮޅުތެރޭގެ ކުދި ވިޔަފާރިތަކަށް ކެތް ކޮށްލެވޭނެ އަދަދެއް ނޫނެވެ.

" މިހާރު ތި ވާހަކަ ދެކެވޭ ވަރަށް މިނިމަމް ވޭޖް ކަނޑައެޅިއްޖެނަމަ، މި ފިހާރަ ފުޑޭނެ." ދެކުނު ރަށެއްގައި ކަންމަތީ ފިހާރައެއްގެ ވެރިއަކު ބުންޏެވެ. އޭނާ ބުނީ ރީޓެއިލް ވިޔާފާރިން އޮންނަނީ ވަރަށް ކުޑަ ފައިދާއެއް ކަމަށެވެ. އެހެންކަމުން މިހާރުވެސް ކުރާ ޚަރަދުގެ ތެރެއަށް އިތުރު ޚަރަދެއް އައިސްފިނަ ވިޔަފާރި ބަގުރޫޓް ވާނެ ކަމަށެވެ.

" މީގަ ވަރަށް މުހިއްމު ކަމަކަށް ސަރުކާރުން ނުވިސްނާ. ރަނގަޅު އެއް މަހު މިނިމަމް ވޭޖް ދީފަ އަނެއް މަހު ފިހާރަ ބަންދުކުރީމަ އަހަރެންގެވެސް، ވަޒީފާ އަދާކުރި ކުދިންނަށް ވެސް ލިބުނު އާމްދަނީ އެއްކޮށް ގެއްލުނީ. މިކަމަކާ ނުވިސްނާ އެއްވެސް މީހެއް." އެ ވިޔަފާރިވެރިޔާ ބުންޏެވެ. އޭނާ ލަފާކުރާ ގޮތުގައި މިނިމަމް ވޭޖް މިހާރު މިދެކެވޭ އަދަދަށް އައިސްފިނަމަ ގިނަ ފިހާރަތަކެއް ބަންދުކުރަންޖެހޭނެއެވެ.

'ކުދި ވިޔަފާރިތަކަށް އަސަރުކުރުމަކީ ބޮޑު ވިޔަފާރިތަކަށް ނުރައްކަލެއް'

މިނިމަމް ވޭޖްގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ކުރާނެ އަސަރާއި ބެހޭގޮތުން އިގްތިސާދީ މާހިރަކު ވިދާޅުވީ ކުދި ވިޔަފާރިތަކަށް ކުރާ އަސަރު ވަރަށް އަވަހަށް ބޮޑެތި ވިޔަފާރިތަކުން ފެންނާނެކަމަށެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ ރީޓެއިލް ވިޔަފާރިތައް އެކަށީގެންވާ ގޮތުގައި ނުހިނގަންޏާ ހޯލްސޭލް ވިޔަފާރިތައް ވެސް ނުހިނގާނެ ކަމަށެވެ. އެހެންކަމުން ކުދި ވިޔަފާރިތައް ނެތިގެން ދިއުމަކީ ވަރަށް ނުރައްކާ ކަމެކެވެ.

" އިގްތިސާދީ ގޮތުން ބަލާއިރު އެއް ވިޔަފާރި މި އޮންނަނީ އަނެއް ވިޔަފާރި އާއި ވަރަށް ބޮޑަށް ގުޅިލާމެހިފަ. އެސްއެމްއީތަކަށް ނޭދެވޭ އަސަރު ކުރަންޏާ މުޅި ނިޒާމަށް އޭގެ އަސަރުފޯރާނެ." އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިނިމަމް ވޭޖް ކަނޑައަޅަންޖެހޭ ކަމަށާއި އެހެންނަމަވެސް އެކަން ކުރަންވާނީ އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި ވެސް މަޝްވަރާކުރެވިގެން ކަމަށެވެ.

މިނިމަމް ވޭޖުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓޭނަމަ އެއީ އިގްތިސާދީ ބޮޑު މައްސަލައެކެވެ. އެތައް ބައެއްގެ ވަޒީފާ އާއި ލިބޭ އާމްދަނީ ހުއްޓިގެންދާނެއެވެ. ސިޔާސީ ވައުދެއް ފުއްދުމުގެ ނިޔަތުގައި ގައުމުގެ އިގްތިސާދަށް ކުރާނެ އަސަރަކަށް ނުވިސްނާ މިނިމަމްވޭޖް ކަނޑައަޅައިފިނަމަ، އޭގެ ސަބަބުން ލިބޭ ގެއްލުން ފައިދާ އަށް ވުރެ ބޮޑުވާނެއެވެ. އެހެންކަމުން އިންތިޚާބީ އުކުޅަކަށް އެކަން ނަހަދާ އެއީ ގައުމީ ކަމެއް ކަމުގައި ދެކި ސީރިއަސް ވިސްނުމަކުން އެކަމަށް ވިސްނަންޖެހެއެވެ. މުހިއްމީ އަވަސް އަރުވާލައިގެން ކަމަކަށް ކަމެއް ކުރުމެއް ނޫނެވެ. ރަނގަޅަށް ކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް